07 ޖޫން 2016 - 11:54

އެހެން އަހަރުތަކާ އެއްގޮތަށް، މި އަހަރު ވެސް ގަތަރު އެއާވޭސްގެ ބައެއް ފްލައިޓްތަކުން ޕަސެންޖަރުންނަށް ރޯދަ ވީއްލަން ހާއްސަ "މީލް ބޮޮކްސް"އެއް ތައްޔާރު ކޮށްފައިވާނެ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
ސިއްހަތަށް ފައިދާ ހުރި، މީރު ކެއުންތައް ހިމަނާފައިވާ މި ފޮށި ލިބޭނީ އެ އެއާލައިނުން ކަނޑައަޅާފައިވާ ބައެއް ފްލައިޓްތަކުން ކަމަށް އެއާލައިނުން ބުނެ އެވެ. އަދި ކޮންމެ ފޮށްޓެއްގައި ވެސް މުސްލިމުންގެ މި ހާއްސަ މައްސަރުގެ މުހިއްމުކަމާއި މަހުގެ ހަގީގީ މާނަ އަންގައިދޭ މެސެޖެއް ހިމަނާފައި ވާނެ ކަމަށް ވެސް ބުނެ އެވެ.
"ގަތަރު އެއާވޭސް އިން ކޮންމެ ރޯދަ މަހަކު ވެސް ރޯދަ ވިއްލޭނެ ގޮތް ހަމަޖައްސައިދޭނެ. އެގޮތުން މި އަހަރު ވެސް ރޯދަ ވީއްލާ ގަޑީގައި ދަތުރު ކުރާ ޕަސެންޖަރުންނަށް ރޯދަ ވިއްލޭނެ އިންތިޒާމް ހަމަޖައްސައިދޭނެ" އެ އެއާލައިނުގެ ސީނިއާ ވައިސް ޕްރެސިޑެންޓް ކަސްޓަމާ އެކްސްޕީރިއަންސް ރޮސެން ޑިމިޓްރޮވް ވިދާޅުވި އެވެ.
"މީލް ބޮކްސް" ލިބޭ ފްލައިޓްތަކުގެ ތެރޭގައި ގާހިރާ، އަބޫ ދާބީ، ބަހްރައިން، ބަސަރާ، ބަޣްދާދް، މަދީނާ، ރިޔާޒް އަދިި މަސްގަތު ފަދަ މެދު އިރުމަތީގެ އެކި މަންޒިލްތަކަށް ދަތުރު ކުރާ ފްލައިޓްތައް ހިމެނެ އެވެ.
ޕަސެންޖަރުންނަށް މި ފޮށި ދޭނީ ރޯދަ ވިއްލާ ގަޑި ޖެހެން ކައިރިވުމުން، ހާއްސަ އިއުލާނެއް ކޮށްފައި ކަމަށް އެ އެއާލައިނުން ބުނެ އެވެ.