07 މެއި 2022 - 16:08

ޔޫކްރޭންގެ މަރިއުޕޯލްގައި ހުންނަ ދަގަނޑު އުފައްދާ ކާރުޚާނާގެ ތެރޭގައި ތިބި އާންމުން ރައްކާތެރިކަމާ އެކު އެ ތަނުން ނުކުތުމުގެ ފުރުސަތު ދިނުމަށް ރަޝިޔާ ސިފައިން ތިބީ ތައްޔާރަށް ކަމަށާއި، ނަމަވެސް އެކަން އެ ގޮތަށް ވާނީ، އެ ކާރުޚާނާގެ ތެރޭގައި ތިބި ޔޫކްރޭން ސިފައިން ހަތިޔާރު ބެހެއްޓުމުން ކަމަށް ރަޝިޔާ އިން ބުނެފި އެވެ.

ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވީ އެ ކާރުޚާނާގެ ތެރޭގައި ތިބި އާންމުން ސަލާމަތުން ނެރެން ބޭނުން ނަމަ، އެ ތަނުގައި ތިބި ޔޫކްރޭންގެ ހަނގުރާމަވެރިންނާއި ސިފައިން ވެސް އޭގެ ކުރިން ހަތިޔާރު ބަހައްޓައި އަމާން ދޭންޖެހޭނެ ކަމަށެވެ. މަރިއުޕޯލްގައި ރަޝިޔާ ސިފައިންނަށް ކާމިޔާބު ލިބިއްޖެކަމަށް ކަނޑައަޅުއްވައި، ރައީސް ޕުޓިން ވަނީ އެކާރުޚާނާ ތަޅުލައި ބަންދުކުރުމަށް އަމުރު ކުރައްވައިފަ އެވެ.

މަރިއުޕޯލްގައި ހުންނަ، ދަގަނޑު އުފައްދާ ކާރުޚާނާއެއްގެ ގޮތުގައި މިހާރު ބޭނުންކުރާ ތަނަކީ، ނިއުކްލިއާ ހަމަލާއަކުން ރައްކާތެރިކަން ހޯދުމަށް ވަންނާނެ ބިންގަރާހެއްގެ ގޮތުގައި ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، އޭރުގެ ސޮވިއެޓް ޔޫނިއަނުން ހެދި ތަނެކެވެ. އެ ތަނުގެ ބިމު އަޑީގައި ދުރަށް ދެމިފައިވާ ބިންގަރާސް އެތައް މަގެއް ވެއެވެ.

މަރިއުޕޯލް ކާރުޚާނާ ހިސޯރުކޮށްގެން ތިބޭތާ ހަފުތާތަކެއް ފަހުން، މިދިޔަ ބުދަ ދުވަހުގެ ރޭ ރަޝިޔާ ސިފައިން ވަނީ އެ ކާރުޚާނާގެ އެތެރެއަށް ވަދެގެންފަ އެވެ. މުޅި މަރިއުޕޯލް އެކުގައި ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގޮސްފައިވާ އިރު، އެ ސަހަރުން ނުފައިބައި ތިބި ޔޫކްރޭންގެ މަދު އަދަދެއްގެ ސިފައިން ތިބީ، އެ ކާރުޚާނާގެ ތެރޭގަ އެވެ.
ރަޝިޔާ ސިފައިން ކާރުޚާނާގެ އެތެރެއަށް ވަދެގަތުމާ އެކު، ކާރުޚާނާގެ ތެރޭގައި ތިބި ޔޫކްރޭންގެ ސިފައިން ވަނީ ރައްދުގައި ވަރުގަދަ ދިފާއީ ހަމަލާތައް ދޭން ފަށައިފަ އެވެ. ބޮޑު ބިންގަރާސް އަވަށެއް ފަދަ ގޮތަކަށް އޮންނަ އެ ކާރުޚާނާގެ ތެރޭގައި އާންމުންގެ 200 ވަރަކަށް މީހުން މިހާރު ވެސް ތިބި އިރު، އެ ތަނުގެ ތެރޭގައި ދެ ފަރާތުގެ މެދުގައި ހަމަލާތައް ބަދަލުކުރަމުން ދާތީ، ހުޅަނގުގެ ގައުމުތަކުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.
ޔޫކްރޭން ސަރުކާރުން ބުނި ގޮތުގައި އެ ކާރުޚާނާގެ ތެރެއަށް ވަދެގަތް ރަޝިޔާ ސިފައިންނާ ދެކޮޅަށް ހަނގުރާމަކުރަމުން ދަނީ ޔޫކްރޭން ސިފައިންގެ އަޒޯވް ފައުޖުގެ ސިފައިންނާއި މެރިން ސިފައިންގެ އިތުރުން ޔޫކްރޭންގެ ބައެއް ފުލުހުންނެވެ. އަދި އެމީހުންގެ ހަމަލާތައް ވަރުގަދަވުމުން، ރަޝިޔާ ސިފައިންނަށް މާބޮޑު ކުރިއެރުމެއް ނުލިބޭ ކަމަށް ޔޫކްރޭނުން ބުނެ އެވެ.
ރަޝިޔާ އިން އިއްޔެ ބުނި ގޮތުގައި އެ ގައުމުގެ ސިފައިން އަދިވެސް ތިބީ އެ ކާރުޚާނާގެ ބޭރުގަ އެވެ. އެތެރެއަށް ވަދެގަނެ ހަމަލާ ދެމުންދާ ކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށާއި، އެ ކާރުޚާނާގެ ތެރޭގައި ތިބި އާންމުން އެ ތަނުން ނެރުމަށް، ބުރާސްފަތި ދުވަހުން ފެށިގެން، މިއަދުގެ ނިޔަލަށް ހަމަލާތައް މެދުކަނޑާލާފައިވާ ކަމަށް ވެސް ރަޝިޔާ އިން ބުނެ އެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވީ މަރިއުޕޯލް ކާރުޚާނާގެ ތެރޭގައި ތިބި އާންމުން ސަލާމަތުން ނެރުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށެވެ. އެ ކާރުޚާނާ އިން އާންމުން ނެރުމަށް ރަޝިޔާ ސިފައިން ހަމަޖައްސައިދިން އަމާން މަގުން އެންމެ ފުރަތަމަ ގުރޫޕުގެ މީހުން ނެރުމީ މިދިޔަ އާދީއްތަ ދުވަހު އެވެ.
އެ މަސައްކަތުގެ ތެރެއިން ނެރުނު ތިން ވަނަ ގުރޫޕްގެ މީހުން އިއްޔެ ވަނީ އެ ކާރުޚާނާ އިން ނެރެފަ އެވެ. ރެޑްކްރޮސް އާއި އދ.ގެ އިދާރާތައް ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ހަރަކާތެއްގެ ތެރެއިން، އެ ކާރުޚާނާ އިން ނެރޭ އާންމުން ގެންދިއުމަށް ހަމަޖެހިފައިވަނީ، ޔޫކްރޭން ސިފައިންގެ ބާރުގެ ދަށުގައި އޮތް ޒަޕަރޯޖިޔާ އަށެވެ.