07 މެއި 2022 - 14:34

ޑީއެޗްއެލް މެދުވެރިކޮށް ގެނައި ދެ ޕެކޭޖެއްގައި މަސްތުވާތަކެތި ހުރުމުން އެ ތަކެއްޗާ ހަވާލުވާން ދިޔަ ދެ މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
ޑީއެޗްއެލް އިން ގެނައި ދެ ފޮއްޓަކާ ހަވާލުވާން ދިޔައިރު އޭގައި މަސްތުވާތަކެތި ހުރި މައްސަލައާ ގުޅިގެން މީގެ ދެ ދުވަހެއް ކުރިން ހައްޔަރުކުރި އެކަކީ ނ. ހޮޅުދޫ އުމުރުން 18 އަހަރުގެ އަހުމަދު މާއިޝް އާއި 38 އަހަރުގެ މާލޭ މީހެއް ކަމަށްވާ މުހައްމަދު ޝާމެވެ.
މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ވަކި ދެ މައްސަލައެއްގަ އެވެ.
އެ ދެ މީހުން އިތުރު 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ނެރެފައިވާ އަމުރުގައިވާ ގޮތުން ދެ މީހުން ވެސް ބުނެފައިވަނީ ފޮއްޓާ ހަވާލުވާން ދިޔައީ އެހެން މީހަކު ބުނެގެން ކަމަށެވެ. އެކަމަކު ހެކި ހުރުމުން އެމީހުންގެ ބަންދު އިތުރުކުރީ އެވެ.
މާއިޝް ބަންދުކުރަން ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒު ރަޝާދު ނެރުއްވި ކޯޓު އަމުރުގައި ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައާ ގުޅިގެން ބަންދުގައި ބަހައްޓަން އަމުރުކުރީ ކޮންމެވެސް ވަރަކަށް ހެކިކުރުމުން ކަމަށެވެ.
އަމުރުގައިވާ ގޮތުން އޭނާ ވަނީ މަސްތުވާތަކެތި ހުރިކަމަށް ބުނާ ފޮށިގަނޑާ ހަވާލުވާން ޑީއެޗްއެލްއަށް ގޮސް ޑެލިވަރީ ޝީޓްގައި ސޮއިކޮށް އެ ނަގައިފަ އެވެ. އެ ފޮށިގަނޑުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ދެ ޝީޓް ފެނިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެހެންވެ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އޭނާ ބަންދުކުރީ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެވެ.
އެކަމަކު ކޯޓުގައި އޭނާ ބުނެފައި ވަނީ އެ ފޮށިގަނޑާ އޭނާ ހަވާލުވާން ދިޔައީ ކެޑެޓްކޯއަށް ދާއިރު އެތާ ކައިރިން ފެންނަ "ބޭބެ" އެެއް ބުނެގެން ކަމަށެވެ. އެ ބުނާ މީހަކު ހޯދަން ހިންގި ކޮންޓްރޯލްޑް ޑެލިވަރީ ހުއްޓާލާފައި ވަނީ އޭނާގެ ފަރާތުން ރައްދުވާ ފަރާތުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާތީ ކަމަށް ފުލުހުން ބުނެފައިވާ ކަމަށާއި ފޮށިގަނޑު މަޒާޑާ ރެސްޓޯރަންޓަށް ގެނައުމަށް އެ "ބޭބެ" ބުނި ކަމަށާއި އެ ވާހަކަ ފުލުހުން ގާތު ބުނުމުން އެ ހަދަނީ ދޮގު ކަމަށް ބުނެ ހައްޔަރުކުރީ ކަމަށް ވެސް އޭނާ ބުންޏެވެ.
އެއްވެސް ކުށުގެ ރެކޯޑެއް ނެތް ޒުވާނާ ބުނެފައިވާ ގޮތުގައި ފޮށިގަނޑު ބަލައި ދިއުމަށް އޭނާ ގާތު ބުނި ބޭބެއަކީ ވަރަށް "ޑިސެންޓް"ކޮށް ހުންނަ މީހެކެވެ.
ދެން ހައްޔަރުކުރި ޝާމްގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް ހެއްކާ ގަރީނާ ފުލުހުން ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ.
މަސްތުވާތަކެތި ބަލައިނއޭނާ ދިޔައިރު އަތުގައި އޮތް ފޯނުގައިވާ ސިމް ނަމްބަރާއި ފޮށިގަނޑުގައިވާ ނަމްބަރު ދިމާވެ އެވެ. އޭނާގެ ކުޑަކަމުދާ ތަކެތި ޓެސްޓްކުރިއިރު މަސްތުވާތަކެތީގެ ދެ ބާވަތަކަށް ޕޮޒިޓިވްވެފައިވާއިރު ފޮށިގަނޑު އެޑްރެސްކޮށްފައިވާ ފަރާތުގެ އައިޑީކާޑުގެ އޭނާގެ އަތުން ފެނިފައިވެ އެވެ.
އެކަމަކު ކޯޓުގައި އޭނާ ބުނެފައި ވަނީ އައިޑީކާޑާއި ފޯނަކީ "ފިޓޭ" ކިޔާ މީހަކު އޭނާ އަތަށް ދިން އެއްޗެއް ކަމަށެވެ. ޕެކޭޖާ ހަވާލުވުމަށް އޭނާގެ ގާތުގައި ބުނި މީހާ، ފެޑެކްސް އޮފީހުގެ ބޭރުގައި ހުރި ކަމަށާއި އެތަނުގެ ސީސީޓީވީ ފޫޓޭޖް ބެލުމަށް އެދިފައިވިޔަސް އެ ދުވަހުގެ ފޫޓޭޖް ލިބިފައިނުވާތީ އޭނާ އެ ބުނާ ބުނުމަށް ބާރު ލިބިފައިނުވާ ކަމަށް ފުލުހުން ކޯޓުގައި ބުންޏެވެ.
ޕެކޭޖް ބަލައިނދިއުމަށް ބުނި ފަރާތުގެ އައިޑީކާޑާއި ފޯނެއް އޭނާއާ ހަވާލުކުރިއިރު އިތުރު ދެ ފަރާތެއް ހާޒިރުގައި ތިބި ކަމަށް އޭނާ ބުންޏަސް އެ ފަރާތުގެ ފުރިހަމަ މައުލޫމާތު ނުލިބޭތީ އެކަން ތަހުގީގަށް ނުހޯދޭ ކަމަށް ވެސް ފުލުހުން ބުނެފައިވާ ކަމަށާއި ޕެކޭޖް އެޑްރެސް ކޮށްފައިވާ މީހާ އާ ތުހުމަތުކުރެވޭ މީހާ އަކީ ގުޅުން އޮތް ބައެއް ކަމަށް ތަހުގީގަށް ހޯދިފައިނުވާ ކަމާއި، ޕެކޭޖް އެޑްރެސް ކޮށްފައިވާ ފަރާތުގެ އައިޑީކާޑު ގެއްލިފައިވާ ކަމަށް އެ މީހާ ބުނާ ކަމަށް އަމުރުގައިވެ އެވެ.
މީނާ އަކީ ކިޑްނީގެ މައްސަލައެއް ހުންނަ މީހެއް ކަމަށް ބުނާތީ ބޭސް ފަރުވާގެ އިންތިޒާމު ހަމަޖެއްސުމަށް އެ އަމުރުގައިވެ އެވެ.