ފުލުސް ގައިގައި ސައިކަލުން ޖެއްސި މީހާ ހައްޔަރުކޮށްފި
ފުލުސް ގައިގައި ސައިކަލުން ޖެއްސި މީހާ ހައްޔަރުކޮށްފި

މާލޭގެ ބޮޑުތަކުރުފާނުމަގުގައި ވެހިކަލް ޗެކް ކުރަން ރޭ ހުރި ފުލުސްގެ ގައިގައި ސައިކަލުން ޖެއްސުމަށް ފަހު، ފިލައިގެން އުޅުނު މީހާ މިއަދު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

އުމުރުން 26 އަހަރުގެ ފުލުސް މީހާގެ ގައިގައި ސައިކަލުން ޖެއްސި މައްސަލާގައި މިއަދު މެންދުރު ހައްޔަރުކުރީ އުމުރުން 18 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އޭނާ އަކީ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ނޯންނަ މީހެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުސް މީހާގެ ގައިގައި ސައިކަލުން ޖެއްސީ ތާރު އަޅައިގެން ބޮޑުތަކުރުފާނު މަގުން ކަޅުތުއްކަލާ ކޮށި ކައިރީގައި ހަދާފައިވާ ސަރަހައްދުގައި ޖަހާފައިވާ ޗެކް ޕޮއިންޓްގެ ކައިރިންނެވެ. އެ ޗެކް ޕޮއިންޓަށް މަޑުކުރަން ފުލުސް މީހާ އެންގުމުން މަޑުނުކޮށް، ފުލުހުސް މީހާގެ ގައިގައި ސައިކަލުން ޖެއްސުމަށް ފަހު، ފިލީ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި ހާދިސާގައި ފުލުސް މީހާގެ ކަނާތު ފައިގެ ކުޑަހުޅު ނެއްޓި، ކަށިގަނޑުން ބިންދައިގެން ގޮސް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިހާރު އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ފުލުސް މީހާ އިތުރު ފަރުވާ އަށް އިންޑިއާ އަށް ފުރުވާލުމުގެ ތައްޔާރީތައް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.