ސިފައިންގެ މީހެއްގެ ރޯލުން އަޔޫޝްމަން ފެންނާނެ ފިލްމުގެ ޓްރެއިލާ ނެރެފި
ސިފައިންގެ މީހެއްގެ ރޯލުން އަޔޫޝްމަން ފެންނާނެ ފިލްމުގެ ޓްރެއިލާ ނެރެފި

އަބަދު ވެސް ވަރަށް ތަފާތު ކޮންސެޕްޓްތަކުގެ ފިލްމު ކުޅެގެން އާންމުންގެ ލޯބި ހޯދާފައިވާ ބޮލީވުޑްގެ އެކްޓަރު އަޔޫޝްމަން ކުރާނާ ލީޑް ރޯލު ކުޅޭ އާ ފިލްމު "އަނޭކް"ގެ ޓްރެއިލާ އިއްޔެ ނެރެފި އެވެ.

އެއީ ސިފައިންގެ މީހެއްގެ ރޯލުން އަޔޫޝްމަން ފެންނާނެ ފުރަތަމަ ފިލްމެވެ. އަނުބަމް ސިންހާ ޑައިރެކްޓްކޮށް މި މަހު 27 ގައި ރިލީޒްކުރާ ގޮތަށް ހަމަޖެހިފައިވާ އެ ފިލްމުގެ ޓްރެއިލާ އިން ފެންނަ ގޮތުގައި އަޔޫޝްމަނަކީ ނޯތު އީސްޓް އިންޑިއާގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިންގެ މީހެކެވެ.

ތިން މިނެޓަށް ވުރެ ދިގު އެ ޓްރެއިލާގައި ދެން ފެންނަނީ ސިފައިންގެ މިޝަނަކަށް އޭނާ ގޮސް އުޅެނިކޮށް ކުރިމަތިވާ ހާދިސާތަކެވެ.

ފުރަތަމަ ފަހަރަށް އެ ކަހަލަ ރޯލަކުން އަޔޫޝްމަން ފެނުނު ނަމަވެސް ޓްރެއިލާ އަށް ފަހު ގިނަ ބަޔަކު ބުނެފައި ވަނީ އެ ރޯލު އޭނާ ގެނެސްދީފައި ވަނީ ވަރަށް ފުރިހަމަކޮށް ކަމަށެެވެ.

ވިކީ ޑޯނާ އިން 2012 ގައި ބޮލީވުޑަށް ނުކުތް އަޔޫޝްމަނަކީ އަބަދުވެސް އެކި ކަހަލަ މައްސަލަތަކުގެ މައްޗަށް ނެރޭ ފިލްމުތަކުން ފެންނަ މޫނެކެވެ. އިންޑިއާގެ ގައުމީ އެވޯޑް ވެސް ހޯދާފައިވާ އަޔޫޝްމަން އެންމެ ފަހުން ފެނުނީ ވާނީ ކަޕޫރާ އެކު ކުޅުނު "ޗަންދީގަރު ކޭ އާޝިގީ" އިންނެވެ.