05 މެއި 2022 - 22:50

މާރާމާރީތައް ހުއްޓިފައި އޮތްތާ ގިނަ ދުވަސްތަކަކަށް ފަހު އީދު ދުވަހުން ފެށިގެން، މާލެ އާއި ހުޅުމާލޭގައި ހިންގި ގްރޫޕް މާރާމާރީތަކަށް ތުހުމަތު ކުރެވޭ އިތުރު ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ، ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ބްރިޖު ސަރަހައްދުގައި ހިންގި މާރާމާރީގައި އިތުރު މީހަކާ އެކު، ޖުމްލަ ހަ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ހަތަރު މީހެއްގެ ބަންދަށް 15 ދުވަސް، އެކެއްގެ ބަންދަށް 10 ދުވަސް އަދި 18 އަހަރުން ދަށުގެ ކުއްޖެއްގެ ބަންދަށް ތިން ދުވަސް ޖަހާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ސޯސަން މަގު ސިޓީ ބޭކަރީ ކައިރީގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ރޭ ދަންވަރު މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ވެސް ހަތަރު މީހުން ހައްޔަރުކުރި އެވެ. އޭގެ ތެރެއިން 21 އަހަރާއި 18 އަހަރުގެ އެކެއްގެ ބަންދަށް 10 ދުވަސް، 22 އަހަރާއި ދެން ހުރި 18 އަހަރުގެ މީހާގެ ބަންދަށް ކޯޓުން ދީފައިވަނީ 15 ދުވަހެވެ.
އެ މާރާމާރީތަކުގެ އިތުރުން ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ސަރަހައްދުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ހިންގި މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށް، އެ މައްސަލައާ ގުޅުން ހުރި ހަތް މީހަކު ހޯދަން ފުލުހުން ވަނީ މިއަދު އިއުލާނުކޮށްފަ އެވެ.
މާރާމާރީތައް އިތުރުވި އިރު ޑްރަގާއި ގޭންގު ކުށްތައް ހުއްޓުވުމަށް ސަރުކާރުން ވަނީ ޓާސްކް ފޯސްތަކެއް އެކުލަވާލައިފަ އެވެ. މިކަމަށް ހާއްސަ ފުލުހުންނާއި ސިފައިން އަންނަނީ މާލޭގެ ގްރޫޕްތަކުން ހަރަކާތްތެރިވާ ސަރަހައްދުތަކުގައި ފޯރި މަރަމުންނެވެ.