05 މެއި 2022 - 22:21

މާލޭ ގަރާޖެއްގައި މިރޭ ރޯވެ އެތަނުގައި ހުރި ބައެއް ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ އިސްކަންދަރު މަގުގައި ހުރި އޭއެސްއެމް ގަރާޖުގައި ރޯވި ކަމުގެ ރިޕޯޓް ލިބުމާ އެކު ރެސްކިއު ޓީމުން ގޮސް 9:28 ހާ އިރު އަލިފާން ނިއްވާލާފައިވާ ކަމަށެވެ. އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
ގޭސް ސިލިންޑަރެއްގައި ރޯވެ ހިނގި މި ހާދިސާގައި އެތަނުގައި އޮތް ކާރެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. އެމްއެންޑީއެފުން އާއްމުކުރި ފޮޓޯގައިވާ ގޮތުން ކާރުގެ އެތެރެއަށް ވެސް ވަނީ އަނދައިފަ އެވެ.
ކާރުގެ އިތުރުން ގަރާޖުގައި ހުރި ބައެއް ތަކެއްޗަށް ވެސް ގެއްލުންވި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ގޭސް ސިލިންޑަރުގައި ރޯވި ގޮތެއް އެމްއެންޑީއެފުން އަދި ނުބުނެ އެވެ.