މަރިއުޕޯލް ކާރުޚާނާ އަށް ރަޝިޔާ ސިފައިން ވަދެގެންފި
މަރިއުޕޯލް ކާރުޚާނާ އަށް ރަޝިޔާ ސިފައިން ވަދެގެންފި

ޔޫކްރޭންގެ ދެކުނުން އޮންނަ ބަނދަރުމަތީ ސަހަރެއް ކަމަށްވާ މަރިއުޕޯލްގައި ހުންނަ ދަގަނޑު އުފައްދާ ކާރުޚާނާގެ ތެރޭގައި ރައްކާތެރިކަން ހޯދައިގެން ތިބި ޔޫކްރޭންގެ ސިފައިންނަށް ހަމަލާ ދެމުން، ރަޝިޔާ ސިފައިން އިއްޔެ ހަވީރު އެ ކާރުޚާނާގެ އެތެރެއަށް ވަދެގެންފި އެވެ.

މުޅި މަރިއުޕޯލް މިހާރު ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައި އޮތް އިރު، އެ ސަހަރުން ފައިބައިގެން ނުގޮސް ތިބި ޔޫކްރޭންގެ މަދު އަދަދެއްގެ ސިފައިން، މިހާތަނަށް ތިބީ އެ ކާރުޚާނާގެ ތެރޭގަ އެވެ. އެ ސަހަރުގެ ބައެއް އާންމުންނާއެކު ޔޫކްރޭން ސިފައިން އެ ކާރުޚާނާގެ ތެރެއަށް ވަނުމާ ގުޅިގެން، ރަޝިޔާ ސިފައިން ވަނީ، ޔޫކްރޭން ސިފައިން ފުރާނަ ސަލާމަތް ކުރަން ބޭނުން ނަމަ ހަތިޔާރު ބަހައްޓައި އަމާން ދިނުމަށް ދެ ފަހަރެއްގެ މަތިން މުހުލަތު ދީފަ އެވެ.

ނަމަވެސް ޔޫކްރޭން ސިފައިން އަމާން ނުދިނުމާ ގުޅިގެން، ރަޝިޔާ ސިފައިން ވަނީ، އެ ކާރުޚާނާގައި ތިބި އާންމުން، ރެޑް ކްރޮސް އާއި އދ.ގެ ބެލުމުގެ ދަށުން އެ ކާރުޚާނާ އިން ނެރުމަށް ތިން ދުވަހުގެ މުއްދަތަކަށް ހަމަލާތައް މެދުކަނޑާލައިފަ އެވެ. އެ މުއްދަތު ހަމަވުމަށް ފަހު، ރަޝިޔާ ސިފައިން ވަނީ އެ ކާރުޚާނާ ހުރި ސަރަހައްދަށް ވައިގެ މަގުން ހަމަލާ ދޭން ފަށައިފަ އެވެ.

ސައްވީސް ގަޑިއިރު ވަންދެން ވައިގެ މަގުން ހަމަލާތައް ދިނުމަށް ފަހު، ރަޝިޔާގެ އެއްގަމު ލަޝްކަރުގެ ސިފައިން އިއްޔެގެ އިރު އޮއްސުމަށް ފަހު ވަނީ، ޔޫކްރޭން ސިފައިންގެ ދިފާއު ފޫއަޅުވާލައި، އެ ކާރުޚާނާގެ ތެރެއަށް ވަދެގެންފަ އެވެ. ޔޫކްރޭން ސިފައިންގެ އަޒޯވް ސަރަހައްދުގެ ކޮމާންޑަރު ޑެނީސް ޕްރޮކޮޕެންކޯ ބުނި ގޮތުގައި ރަޝިޔާ ސިފައިން ކާރުޚާނާގެ ތެރެއަށް ވަދެގަތުމާއެކު، ކާރުޚާނާގެ ތެރޭގައި މިހާރު ދަނީ ވަރަށް ވަރުގަދަ އަށް ހަމަލާ ބަދަލުކުރަމުންނެވެ.

ޔޫކްރޭނުން ބުނި ގޮތުގައި މަރިއުޕޯލްގައި ތިބި ރަޝިޔާ ސިފައިން މިހާރު މަސައްކަތް ކުރަމުން ދަނީ، ކާރުޚާނާގެ ތެރޭގައި ތިބި ޔޫކްރޭންގެ ސިފައިންތައް މަރައި ހުސްކުރުމަށެވެ. ރަޝިޔާ ސިފައިން އެ ކާރުޚާނާގެ ތެރެއަށް މިވަދެގަތީ، ދެ ހަފުތާ ވަންދެން އެ ސަރަހައްދު ހިސޯރުކޮށްގެން ތިބުމަށް ފަހު އެވެ.

ރަޝިޔާގެ އަސްކަރިއްޔާ އިން މިއަދު ބުނީ، ކާރުޚާނާގައި ތިބި ޔޫކްރޭން ސިފައިންނަށް ދޭ ހަމަލާތައް ވަރުގަދަ ކުރިޔަސް، އެ ތަނުގެ ތެރޭގައި ތިބި އާންމުން އެ ތަނުން ނުކުތުމުގެ ފުރުސަތު ދިނުމަށްޓަކައި، މިއަދުން ފެށިގެން މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ވެސް، ހެނދުނު 8:00 ން ހަވީރު 6:00 އަށް ހަމަލާތައް މެދުކަނޑައިލާނެ ކަމަށެވެ.

އެ ވަގުތުގެ ތެރޭގައި އެ ކާރުޚާނާ އިން ނުކުންނަ މީހުން ބޭނުން ނަމަ، ޔޫކްރޭންގެ ތެރެއަށް ވެސް ނުވަތަ ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުތަކަށް ވެސް ދިއުމުގެ ފުރުސަތު ލިބޭނެ އެވެ.