ދިޔަމިގިލީ މުދިމަށް ވަޅިން ހަމަލާދިން މައްސަލައިގައި ގަސްތުގައި މީހަކު މަރަން އުޅުމުގެ ދައުވާކޮށްފި
ދިޔަމިގިލީ މުދިމަށް ވަޅިން ހަމަލާދިން މައްސަލައިގައި ގަސްތުގައި މީހަކު މަރަން އުޅުމުގެ ދައުވާކޮށްފި

ތ. ދިޔަމިގިިލީ މިސްކިތުގެ މުދިމުގެ ގަޔަށް ވަޅި ހެރި މައްސަލައިގައި ގަސްތުގައި މީހަކު މަރަން އުޅުމުގެ ދައުވާކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ބުނީ ދިޔަމިގިލީ މޯނިންސްޓާ، ހަސަން ސާމިދު، މާޗު، 13، 2022 ގައި މީހަކަށް ވަޅިން ހަމަލާދީ މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލަ މިދިޔަ މަހުގެ 28 ގައި ދިޔަމިގިލީ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ދައުވާ ސާބިތުވެއްޖެނަމަ 15-25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ.

ޕީޖީ އޮފީހުން ބުނީ ސާމިދު ހަމަލާދިން ދުވަހުގެ ހެނދުނު 9:55 ހާއިރު، އަނިޔާ ލިބުނު މުދިމު ބައިސްކަލެއް ދުއްވާފައި ދަނިކޮށް ހުއްޓުވައި ބޮލަށާއި ކަރާއި ބުރަކައްޓާއި ކަނާއަތުގެ ކޮނޑާއި ވާއަތަށް ވަޅިއަކުން ހަމަލާދީފައިވާކަން ހޯދިފައިވާ ކަމަށެވެ.

އަނިޔާވި މީހާގެ އާއިލާގެ މެމްބަރަކު، "މިހާރު" އަށް ކުރިން ބުނި ގޮތުގައި އެ މީހާގެ 13 ވަރަކަށް ތަނަށް ވަޅި ހަރާފައިވެ އެވެ.

ހަމަލާ ދިން މީހާ އާއި ޒަހަމްވި މީހާ އަކީ ވެސް ދުވަސްވީ ދެ އެކުވެރިން ކަމަށާއި އެކަކު އަނެކަކުގެ ގެއަށް ޒިޔާރާތްކޮށް ދެ މީހުން އެކުގައި ކޮފީތަކަށް ވެސް ގޮސް އުޅުނު ކަމަށް އާއިލާއިން ބުންޏެވެ. އެކަމަކު ވަޅި ހެރީ ކީއްވެކަން ނޭނގޭ ކަމަށާއި ދެ މީހުންގެ މެދުގައި މައްސަލައެއް އޮތްކަން ވެސް އެނގިފައި ނެތް ކަމަށް އާއިލާއިން ކުރިން ބުންޏެވެ.