04 މެއި 2022 - 23:12

މާރާމާރީތަކާ ގުޅިގެން ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި. އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފޭސް ދޭކުން ކަމަށް ފުލުހުން ބުނޭ. ނަމަވެސް ތަފުސީލެއް ނުދޭ.
ހުޅުމާލޭގައި މިރޭ ދެ މާރާމާރީއެެއް ހިނގައި، ދެ މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މިރޭ ފުރަތަމަ މާރާމާރީ ހިންގާފައި ވަނީ ފޭސް އެކެއްގައި ހުންނަ ލަޔާ ރެސްޓޯރަންޓު ކައިރީގައި ކަމަށެވެ. އެތަނުގައި މާރާމާރީ ހިންގިކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ 9:15 ހާއިރު އެވެ.
އޭގެ ވިއްސަކަށް މިނެޓް ފަހުން ފުލުހުންނަށް ރިޕޯޓްކުރީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބްރިޖެއް ކައިރީގައި މާރާމާރީ ހިންގައިގެންނެވެ.
އެ ދެ މާރާމާރީގައި ދެ މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން އައި ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ނުދެ އެވެ.
ފިތުރު އީދު ދުވަހު ވަނީ މާލޭގައި ދެ މާރާމާރީއެއް ހިނގައިފަ އެވެ. ފުރަތަމަ މާރާމާރީގައި ހިންގީ ކޯރުކެނޑިމަގު، މާވެޔޮ މިސްކިތް ކައިރިން ހެނދުނު 6 ޖަހަނިކޮށެވެ. އެ މާރާމާރީގައި ދެ ފިރިހެނަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދިން ކަމަށް ފުލުހުން ބުންޏެވެ.
ދެވަނަ މާރާމާރީ ހިންގީ ޖަނަވަރީމަގާއި މަޖީދީމަގު ގުޅޭ ސަރަހައްދުގައި ހެނދުނު 9 ޖެހި ފަހުންނެވެ. އެ މާރާމާރީގައި އިތުރު ދެ މީހަކަށް އަނިޔާވެގެން އޭޑީކޭގައި ފަރުވާދޭން ޖެހުނު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މިރޭ ހުޅުމާލޭގައި ހިނގި މަރާމާރީ އާއި މާލޭގައި ހިނގި މާރާމާރީއާ ގުޅުމެއް އޮތް ކަމެއް އަދި ނޭނގެ އެވެ.