05 މެއި 2022 - 08:11

ޑިޒްނީގެ ޝޯތަކުން ގިނަ ބައެއްގެ ލޯބި ހޯދި އެމެރިކާގެ އެކްޓަރު ޒެކް އެފްރޯން ހުރީ މާވެލް ސިނެމެޓިކް ޔުނިވާސް (އެމްސީޔޫ) އާ ގުޅެން ތައްޔާރަށް ކަމަށް އޭނާ ބުނެފި އެވެ.
މާވެލްގެ ސުޕަހީރޯތައް ހިމެނޭ މާވެލް ސިނެމެޓިކް ޔުނިވާސް ނުވަތަ އެމްސީޔޫ އަކީ ބޮޑެތި އާޓިސްޓުންނަށް ލިބޭ މޮޅު ފުރުސަތަކަށްވާއިރު، އާ އާޓިސްޓުންގެ ކެރިއަރު ބޫސްޓުކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.
ލަވަކިޔުންތެރިން ފެށިގެން ހޮލީވުޑްގެ އޭ ލިސްޓް ތަރިން މިހާރު އެމްސީޔޫގައި ހިމެނެ އެވެ. އަދި މުޅިން އާ ޕްރޮޖެކްޓުތައް ފަށާއިރު، އާ އެކްޓަރުން ވެސް އެމްސީޔޫ އަށް ގުޅެމުން އަންނަ މިންވަރު މަދެއް ނޫނެވެ.
އެކްސްޓްރާ ނަމަކަށް ކިޔާ އޮންލައިން ޕޮޑްކާސްޓަކަށް ދިން އިންޓަވިއުއެއްގައި ޒެކް ބުނީ އޭނާ އަކީ ވަރަށް ކުޑައިރުން ފެށިގެން ވެސް މާވެލްގެ ވަރަށް ބޮޑު ފޭނެއް ކަމަށެވެ.
ރަނގަޅު ކެރެކްޓާއެއް ލިބި، މާވެލް އިން އެ ފުރުސަތު ދީފި ނަމަ، ވަގުތުން އެއްބަސްވާނެ ކަމަށް ބުންޏެވެ.
އެއާ އެކު މިހާރު ވެސް ފޭނުން އަންނަނީ އޭނާ އަށް ފިޓުވާނެ ކެރެކްޓާސްތަކުގެ ހިޔާލުތައް ދެމުންނެވެ. އޭގެ ތެރޭގައި ޖޮނީ ސްޓޯމް ފަދަ ސުޕަހީރޯތައް ހިމެނެ އެވެ.