04 މެއި 2022 - 16:44

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ހޮވަންވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ކަމަށް މިނިސްޓަ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވުމާ އެކު އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކޯފާވެ ޝައުނާއަށް ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.
ނަޝީދުގެ ސޯޝަލް މީޑިއާ ޕޯސްޓެއްގައި "މިނިސްޓަރު ޝައުނާގެ އަމިއްލަ ވަޒީފާގެ އެދުމަށް ފަހިކޮށް އެމްޑީޕީއަކީ ކޮބައިކަން ބަޔާންކުރައްވަން ނޫޅުއްވާ" ށޭ ވިދާޅުވެ ލިޔުއްވާފައި ވަނީ އެމްޑީޕީގެ އާންމު މެންބަރުންނަށް އެމްޑީޕީ އަކީ ކޮބައިކަން ވަރަށް ސާފުވާނެ ކަމަށެވެ.
ނަޝީދު މިހެން ވިދާޅުވީ ފައްޔާޒްގެ ކެމްޕެއިން ޓީމުން، އޭނާއަށް ތާއީދުކުރައްވާ ބޭފުޅުންގެ ވީޑިއޯތަކެއް އާންމުކުރަމުން އަންނައިރު މިއަދު އާންމުކުރި ޝައުނާގެ ވީޑިއޯ އަށް ފަހުގަ އެވެ.
"އެމްޑީޕީ ހިންގާލަން" ނަމުގައި ފައްޔާޒަށް ތާއީދުކުރާ ފަރާތްތަކުން ކުރިއަށް ގެންދާ ކެމްޕެއިނަށް ދެއްވި އިންޓަވިއުގައި ޝައުނާ ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގެ ސިޔާސީ ހަޔާތް ބަދަލުކޮށްލި ޕާޓީ ކަމަށެވެ.
އެ ޕާޓީ އުފެދުނު ފަހުން މުހިއްމު ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށާއި އޭގެ ތެެރެއިން އެންމެ މުހިއްމުކަމަކީ ބޭސް ފަރުވާއަށް ސަލާން ޖެހުން ނިމުމަކަށް ގެނައުމާއި އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރަށް ލާޒިމުކަމެއް ކަމުގައި ހަދައި، އެ ފަހުން އައި ކޮންމެ ސަރުކާރުން އެއީ ކުރަންޖެހޭ ކަމެއްކަމުގައި ވެގެން ދިއުން ކަމަށް ޝައުނާ ވިދާޅުވެ އެވެ.
ރާއްޖޭގެ މާލީ ފުއްދުންތެރިކަން އިތުރުކުރުމަށް ޓެކްސްގެ ނިޒާމެއް ތައާރަފުކުރެވުނުކަން ފާހަގަކުރައްވައި ޝައުނާ ވިދާޅުވީ 2018 ގައި އިންތިހާބުވި އެމްޑީޕީގެ ސަރުކާރުން ވެސް ކުރަމުންދަނީ ހަމަ އެ ޒާތެއްގެ ސިޔާސަތުތަކެއް ކަމަށެވެ.
މި ސަރުކާރުން ތަންފީޒުކުރި އެންމެ މުހިއްމު ކަންކަމުގެ ގޮތުގައި ޝައުނާ ވިދާޅުވީ ރާއްޖޭގައި މިހާރު ވެސް 10،000 ޒުވާނުންނަށް ހިލޭ ޑިގްރީއަށް ކިޔެވޭނެ ފުރުސަތު ފަހިކޮށްދީފައި ވުމާއި ރިސޯޓު މުވައްޒަފުންނަށް ވެސް މިނިމަމް ވޭޖް ތައާރަފުކޮށް އާމްދަނީގެ ވަސީލަތްތައް އިތުރުކޮށްދެވިފައިވުމެވެ.
"އަޅުގަނޑުމެންގެ ޕާޓީން ވައުދުވެ ކުރަންހުރި ކަންކަން ވަރަށް ގިނަ. އަދި ކުރަން ހުރި ކަންކަން ކުރުމަށް ނިމިގެން. އަންނަ ރިޔާސީ ދައުރުގައި ވެސް މަސައްކަތްތަކެއް ކުރަން އެބަ ހުރި. ޕާޓީއާ އެކީގައި މި މަސައްކަތް ކުރަން ޖެހޭނީ. 2023 ގެ އިންތިހާބު ކާމިޔާބު ކުރުމަށް ވެސް ވަރަށް ގިނަ ކަންތައްތަކެއް އެބަ ހުރި،" ޝައުނާ ވިދާޅުވި އެވެ.
ޝައުނާގެ އިތުރުން ވެސް މި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި އެމްޑީޕީގެ ގިނަ އެތައް ބޭފުޅުންނެއް ވަނީ ފައްޔާޒަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެެ. އޭގެ ތެރޭގައި ނަޝީދާ ގާތް ގުޅުމެއް އޮންނަ ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ވާދަވެރިކަން ބޮޑުވެފައިވާ އެ އިންތިހާބުގައި ފައްޔާޒާ ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. ސީދާ އިންތިއަށް ތާއީދުކުރައްވާ ފާޅުގައި ކެމްޕެއިނަށް ނިކުމެވަޑައިނުގަތް ނަމަވެސް ނަޝީދުގެ ތާއީދު އޮތް ބޭފުޅަކީ އިންތި އެވެ.
ފައްޔާޒާއި އިންތި ގެންދަވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވަޑައިގެން ފޯރީގައި ކެމްޕެއިން ކުރައްވަމުންނެވެ. އިންތިގެ ކެމްޕޭނުން ވަނީ ފައްޔާޒަށް ތާއީދު ހޯދަން ސަރުކާރުގެ ތެރެއިން އެކި މީހުންނަށް ނުފޫޒު ފޯރުވައި ބިރު ދައްކައި ކަމަށް މީގެ ކުރިން ވެސް ތުހުމަތުކޮށްފަ އެވެ.
ޗެއާޕާސަންގެ އިންތިހާބު ފަސްކުރުމާ މެދު ގޮތެއް ނިންމަން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އެ ޕާޓީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަނުގެ ކޯޅުން ބޮޑުވެ، ދެ ފަޅިން ވެސް ވަރަަށް ހުތުރުކޮށް އަދި އަހުލާގީ ގޮތުން ވަރަށް ދަށް ފެންވަރަކަށް ވެއްޓުނެވެ. އެ ޖަލްސާއަށް ފަހު ނަޝީދުގެ ފާޑުކިޔުން ބޮޑަށް އަމާޒުވީ ފައްޔާޒާއި ރޮޒައިނާއަށެވެ.