ރާޖަޕަކްސަގެ އިތުބާރު ނެތްކަމުގެ ވޯޓަކަށް ތައްޔާރުވަނީ
ރާޖަޕަކްސަގެ އިތުބާރު ނެތްކަމުގެ ވޯޓަކަށް ތައްޔާރުވަނީ

ސްރީ ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް، އެ ގައުމުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީން މަސައްކަތް ފަށައިފި އެވެ.

އެ ގޮތުން، އެ ގައުމުގެ އިދިކޮޅު ޕާޓީން އިއްޔެ ވަނީ، ބޮޑުވަޒީރުގެ އިތުބާރު ނެތްކަމަށް ބުނެ ގަރާރެއް ފާސްކޮށް، ބޮޑުވަޒީރާއި އޭނާގެ ކެބިނެޓް މަގާމުން ދުރުކުރުމަށް ގޮވާލައިފަ އެވެ. ޔުނައިޓެޑް ޕީޕަލްސް ފޯސް ޕާޓީގެ ލީޑަރު ސަޖިތު ޕްރެމަދާސަ އާއި އެ ޕާޓީގެ ބައެއް މެމްބަރުން ހިމެނޭ ގޮތަށް، އިއްޔެ ވަނީ ބޮޑުވަޒީރާއި އޭނާގެ ކެބިނެޓްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް، ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔާޕާ އަބޭވަރްދަނާ އަށް ހުށަހަޅައިފަ އެވެ.

އިދިކޮޅު ޕާޓީން ބުނި ގޮތުގައި އާންމު ރައްޔިތުންނަށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމަށް، ގާނޫނުއަސާސީން ސަރުކާރާ މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމުގައި ބޮޑުވަޒީރާއި އޭނާގެ ކެބިނެޓް ވަނީ ފެއިލްވެފަ އެވެ. އަދި މިހާރު އެ ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތައް ހައްލުކުރުމުގައި ވެސް، ސަރުކާރު ފެއިލްވެފައިވާ ކަމަށް އެ ޕާޓީން ބުނެ އެވެ.

ސަރުކާރުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މި ހުށަހެޅީ، ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އާއި އޭނާގެ ކޮއްކޮ، އަދި ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސަ އިސްތިއުފާ ދިނުމަށް ގޮވާލައި، އެ ގައުމުގެ އެކި ކަންކޮޅުތަކުގައި އާންމުން ފަށާފައިވާ މުޒާހަރާތައް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ބޮޑުވަޒީރާއި އޭނާގެ ކެބިނެޓަށް އިތުބާރު ނެތް ކަމަށް ފާސްކުރުމަށްޓަކައި، 225 މެމްބަރުންގެ މައްޗަށް އެކުލެވިފައިވާ ގާނޫނު ހަދާ މަޖިލީހުގެ ދެ ބައިކުޅަ އެއްބައިގެ ވޯޓު ބޭނުންވާނެ އެވެ. އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅި ޔުނައިޓެޑް ޕީޕަލްސް ފޯސް ޕާޓީގެ ފަރާތުން ގާނޫނު ހަދާ މަޖިލީހުގައި ތިބެނީ އެންމެ 54 މެމްބަރުން ކަމަށްވާތީ، އިތުރު އެހެން ޕާޓީތަކުގެ ތާއީދު ލިބިގެން ނޫނީ، ބޮޑުވަޒީރުގެ އިތުބާރު ނެތް ކަމަށް ފާހެއް ނުކުރެވޭނެ އެވެ.

ވެރިކަންކުރާ ޕާޓީއަށް ނިސްބަތްވާ 150 މެމްބަރުން ގާނޫނު ހަދާ މަޖިލީހުގައި ތިބި ނަމަވެސް، މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތަކާ ގުޅިގެން، އެ ޕާޓީގެ ބައެއް މެމްބަރުން ވެސް ވަނީ ސަރުކާރަށް ތާއީދުކުރުން ހުއްޓާލައިފަ އެވެ. އެހެންކަމުން، އިދިކޮޅު ކުދި ޕާޓީތަކާއި، ވެރިކަން ކުރާ ޕާޓީން ސަރުކާރާ ދެކޮޅުވެފައިވާ މެމްބަރުންގެ ވޯޓާއެކު، ބޮޑުވަޒީރުގެ އިތުބާރު ނެތްކަމަށް ފާސްކުރުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެކެވެ.

އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅޭ ގޮތުން ވޯޓު ނަގާނެ ތާރީޚެއް ކަނޑައަޅާނީ، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން މިއަދު ބައްދަލުކުރެއްވުމަށް ފަހު އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އެޅި ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން، ސްރީ ލަންކާ ފުރަބަންދުކޮށް އިމްޕޯޓް ހުއްޓައިލުމާ ގުޅިގެން، ބޭރު ފައިސާ ލިބުން ދަތިވެ، އެގައުމުގެ އިގްތިސާދަށް ވަނީ ބޮޑު ލޮޅުމެއް އަރައިފަ އެވެ. ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ނިޔަލަށް އަދާކުރަންޖެހޭ ބޭރު ދަރަނީގެ މިންވަރު 25 ބިލިއަން ޑޮލަރަށް އަރާއިރު، އޭގެ ތެރެއިން ހަތް ބިލިއަން ޑޮލަރު މިއަހަރުގެ ތެރޭގައި ދައްކަންޖެހެ އެވެ. ނަމަވެސް އެ ގައުމުގެ ބޭރު ފައިސާގެ ރިޒާވް މިހާރު ހުރީ އެއް ބިލިއަން ޑޮލަރަށް ވުރެ ދަށުގަ އެވެ.