25 ޑިސެމްބަރ 2016 - 20:08

މާލޭގެ ގޭގެ އިން ކުނި އުކާލުމުގެ ހިދުމަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މިއަދު ފަށައިފި އެވެ.

ކުނި އުކާލުން މުޅި މާލެ އަށް ފުޅާކުރަން ނިންމާފައިވާއިރު މިއަދު ފެށީ ފުރަތަމަ ބުރެވެ. އެއީ، ޒޯން އެކެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހެންވޭރު އަޑިޕާކު ސަރަހައްދުން ފެށިގެން ކަލާފާނު ސްކޫލް ސަރަހައްދުގައި ހިމެނޭ ގެތަކެވެ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދު މިރޭ ވިދާޅުވީ ފުރަތަމަ ބުރުގައި މިއަދު ކުނި އުކާލަން ފެށީ، ކަނޑައެޅި މުއްދަތުގައި ރަޖިސްޓްރީވި 51 ގެއިން ކަމަށެވެ. މިހާރު ފެށީ ޓެސްޓު ބުރެއް ކަމަށާއި ގޭބީސީތަކުގެ އަދަދު އިތުރުކޮށް ފައިސާ ނަގާނީ އަންނަ މަހުން ފެށިގެން ކަމަށް ވިދާޅުވި އެވެ.
"ރަސްމީކޮށް އަދި ފެށީއެއް ނޫން، އަޖުމަ ބެލުމުގެ ގޮތުން މި ފެށީ. އަންނަ މަހުން ފެށިގެން ގޭބީސީތަކުގެ އަދަދު އިތުރުކުރާނެ. ވަރަށް ބޮޑު ތަރުހީބެއް ލިބެމުން ދަނީ،" ފުއާދު ވިދާޅުވި އެވެ.
ގޭގެއިން ކުނި އުކާލުމުގައި ދެ ގޮތަކަށް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. އެއީ ރަޖިސްޓްރީކުރާ އެޕާޓްމެންޓްތަކަށް ވެމްކޯގެ މުވައްޒަފުން އަރައި ކުނި ކޮތަޅުތައް ނެގުން ނުވަތަ އެ އިމާރާތެއްގެ ތިރީގައި ބަހައްޓާ ޑަސްބިނުން ކުނި ނެގުމެވެ.
އެޕާޓްމެންޓަށް އަރައި ކުނި ނަގާ ނަމަ، ވެމްކޯ އަށް 150ރ. ދައްކަން ޖެހެ އެވެ. އިމާރާތުގެ ތިރީގައި ބަހައްޓާ ޑަސްބިނުން ކުނި ނަގާ ނަމަ ވެމްކޯ އަށް ދައްކަން ޖެހެނީ 100ރ. އެވެ.
މާލޭގެ ކުނީގެ މައްސަލަ ހައްލުކުރަން ހަވާލުކޮށްފައިވާ ވެމްކޯ އިން ވަނީ ބޮޑު މަޝްރޫއުއެއް ފަށައިފަ އެވެ. އެ މަޝްރޫއުގެ ދަށުން، އިންޑަސްޓްރިއަލް ވިލެޖުގައި ކުނި އުކާލަން ހާއްސަ ކޮށްފައިވާ ބިން ތަރައްގީކުރުމުގެ މަސައްކަތް ހިމެނެ އެވެ. އަދި ތިލަފުށީގައި ކުނި ނައްތާލާނެ ނިޒާމެއް ގާއިމްކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ވަނީ ހިމަނައިފަ އެވެ.