04 މެއި 2022 - 15:07

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބު ކާމިޔާބު ކުރައްވައި އެންމެ ފުރަތަމައަށް ކުރައްވާނެ ކަމަކީ ޕާޓީން "ގެއްލިފައި" އޮތް މުހިއްމު ގުނަނެއް ކަމަށްވާ އިސްލާމީ މަޝްވަރާ މަޖިލިސް އަލުން އެކުލަވާލައި ހިންގަން ފެށުން ކަމަށް އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

ކެމްޕޭންގައި ރ. ދުވާފަރަށް ވަޑައިގެން ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ އިސް ސަފުގައި އޭނާ މަސައްކަތް ކުރައްވަން ފެއްޓެވި ފަހުން ޕާޓީގެ އިސްލާމީ މަޝްވަރާ މަޖިލީސް ހިނގާ ތަނެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެންމެ ކުޑަ ވަރަކަށް ބައްދަލުވުމަކަށް ގޮވާލި އަޑެއް ވެސް އިވިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާޓީގެ އެހެން ގުނަންތަކުގެ އިންތިހާބު އޮންނަ އިރު އިސްލާމީ މަޟްވަރާ މަޖިލީހުގެ އިންތިހާބެއް ނުބާއްވާ އެވެ. އެކަމަކު ދާއިރާ ރައީސުންނާއި މަޖިލިސް މެމްބަރުން އެ އިންތިހާބު ނުބާއްވާތީ ކަންބޮޑުވުންފާޅުކުރައްވާ ކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
"މާތްﷲ އިރާދަފުޅު ކުރެއްވިއްޔާ މެއި 14 ގައި އަޅުގަނޑު މި މަގާމަށް އިންތިހާބުވުމާ އެކު އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑު ކުރާނެ ކަމަކީ އިސްލާމީ މަޝްވަރާ މަޖިލިސްގެ އިންތިހާބަށް ގޮވާލުން،" ފައްޔާޒް ވިދާޅުވި އެވެ.
އެމްޑީޕީގައި އިސްލާމީ މަޝްވަރާ މަޖިލީހެއް މިހާރަކު ނެތެވެ. އެންމެ ފަހުން އިންތިހާބެއް ބާއްވާފައި ވަނީ ޕާޓީގެ ވެބްސައިޓުން ފެންނަ މައުލޫމާތުގައިވާ ގޮތުން، 2011ގަ އެވެ.
ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގައި އިސްލާމް ދީނުގެ މަޝްވަރާ މަޖިލިސް އެކުލެވިގެން ވަނީ ގައުމީ މަޖިލީހުން އިންތިހާބުކުރާ ފަސް މެމްބަރުންގެ މައްޗަށެވެ.
- ދީނީ ހޭލުންތެރިކަން އިތުރުކުރުން.
- ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައި ކަންތައްތަކުން ދުރުކުރަން މަސައްކަތް ކުރުން.
- ދީނީ ކަންކަމުގައި އެމްޑީޕީއަށް ލަފާ ދިނުން.
މި މަޖިލީހުގެ އެންމެ އިސް ފަރާތަކީ އިންތިހާބުވާ މެމްބަރުންގެ ތެރެއިން ހޮވާ ރައީސެވެ. މި މަޖިލީސްގެ ދައުރެއް އަސާސީ ގަވާއިދުގައި ސާފުކޮށް ލިއެފައި ނެތެވެ. އެންމެ ފަހުން ރައީސަކަށް ހުންނެވީ ހާފިޒް ޒަކީ އެވެ.
ގައުމުގެ ކަންކަމާއި ޕާޓީ ވެސް ހިންގަން ޖެހޭނީ، ފައްޔާޒް ވިދާޅުވި ގޮތުގައި، އިސްލާމްދީނުގެ ރިވެތި އުސޫލްތަކުގެ މަތިންނެވެ.
"އަޅުގަނޑުމެން އެބަޖެހޭ އިދިކޮޅު ފަރާތްތަކުން އެ ދިއްކުރާ އިނގިލި އެއީ ގޯހެއް ކަން ދައްކައިދޭން،" ފައްޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެކަންކަން ކުރެވޭނީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ދީން ހިމާޔަތްކުރުމާ ގުޅޭ ގޮތުން ހުރި ރަނގަޅު ކަންކަން ރައްޔިތުންނަށް ދެއްކިގެންނެވެ.