03 މެއި 2022 - 18:21

ރަޝިޔާ ސިފައިންގެ ފުރިހަމަ ބާރުގެ ދަށުގައި އޮތް، ޔޫކްރޭންގެ ދެކުނު ބަނދަރުމަތީ ސަހަރެއް ކަމަށްވާ މަރިއުޕޯލްގައި މިހާރު ބާކީ ތިބި ޔޫކްރޭންގެ ސިފައިން ފިލައި ތިބި، ދަގަނޑު އުފައްދާ ކާރުޚާނާ އަށް ރަޝިޔާ ސިފައިން ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި ކަމަށް ޔޫކްރޭނުގެ ދިފާއީ ވުޒާރާ އިން ބުނެފި އެވެ.
ކާރުޚާނާ ހިސޯރުކޮށްގެން ތިބި ރަޝިޔާ ސިފައިން މިއަދު، އެ ކާރުޚާނާ އަށް ހަމަލާ ދޭން ފެށީ، އިއްޔެ އާއި ރޭ ވެސް ވައިގެ މަގުން އެ ސަރަހައްދަށް ހަމަލާތަކެއް ދިނުމަށް ފަހުގަ އެވެ. ޔޫކްރޭންގެ އިރު ދެކުނުން ކަޅު ކަނޑުގެ އައްސޭރީގައި އޮންނަ މަރިއުޕޯލްގެ މެދުތެރޭގައި ހުންނަ އެ ކާރުޚާނާ ފިޔަވައި އެ ސަހަރުގެ އެހެން ހުރިހާ ސަރަހައްދެއް މިހާރު އޮތީ ރަޝިޔާ ސިފައިންގެ ފުރިހަމަ ބާރުގެ ދަށުގަ އެވެ.
ރަޝިޔާގެ އަސްކަރިއްޔާއާ ހަވާލާދީ ރަޝިޔާގެ ނޮވޮސްޓީ ނޫސް އޭޖެންސީން ބުނި ގޮތުގައި، ދަގަނޑު އުފައްދާ ކާރުޚާނާގެ ތެރޭގައި ތިބި ޔޫކްރޭންގެ ހަނގުރާމަވެރިންނާއި ސިފައިންގެ މަގާމުތައް ހަލާކުކޮށްލުމަށް ރަޝިޔާ ސިފައިން މިހާރު އަންނަނީ ހަމަލާ ދެމުންނެވެ. ރަޝިޔާގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި، ކާރުޚާނާގެ ތެރޭގައި ތިބި އާންމުން އެތަނުން ނެރުމަށް ފުރުސަތު ދިނުމުގެ ގޮތުން ހަމަލާ ދިނުން ހުއްޓައިލުމާ ގުޅިގެން، ކާރުޚާނާގެ ތެރޭގައި ތިބި ޔޫކްރޭންގެ ހަނގުރާމަވެރިން ވަނީ ވަގުތުގެ ބޭނުން ހިފައި، އަލުން ހަނގުރާމަ އަށް ފުރިހަމަ އަށް ތައްޔާރުވެފަ އެވެ.
މަރިއުޕޯލްގެ މޭޔަރު ވިދާޅުވާ ގޮތުގައި ސިފައިން ރައްކާތެރިކަން ހޯދައިގެން ތިބި ކާރުޚާނާގެ ތެރޭގައި މިހާރު ވެސް 200 އަށް ވުރެ ގިނަ އާންމު ރައްޔިތުން، ރައްކާތެރިކަން ހޯދައިގެން އެބަ ތިއްބެވެ.
ޔޫކްރޭންގެ އިރުމަތީގައި އޮންނަ ދޮންބާސް ސަރަހައްދުގައި، ރަޝިޔާގެ މަދަދާ އެކު ހަނގުރާމަކުރާ ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރިން ބުނާ ގޮތުގައި، މަރިއުޕޯލްގައި ތިބި އާންމުންގެ ތެރެއިން 393 މީހަކު އިއްޔެ އާއި ރޭގެ ވަގުތެއްގައި ވަނީ އެ ސަހަރުން ނެރެ، ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުތަކަށް ގެންގޮސްފަ އެވެ.
އަލް ޖަޒީރާ ޓީވީން ބުނި ގޮތުގައި ޔޫކްރޭންގެ އިރުމަތީގައި އޮންނަ ކްރާމާޓޯރްސްކްގެ ވައިގެ ބަނދަރަށް، ރަޝިޔާ ސިފައިން މިއަދު ހެނދުނުން ފެށިގެން އަންނަނީ ދުރު ރާސްތާގެ މިސައިލް ބޭނުންކޮށްގެން ހަމަލާތައް ދެމުންނެވެ. ކްރާމާޓޯރްސްކް އަކީ ވަކިވެގަތުމަށް މަސައްކަތްކުރާ ދޮންބާސް ސަރަހައްދުގެ ތެރެއިން، ޔޫކްރޭން ސިފައިންގެ ބާރުގެ ދަށުގައި އޮތް އެންމެ ބޮޑު ސަހަރެވެ.
އޭގެ އިތުރުން ޔޫކްރޭންގެ މެދުތެރޭގައި އޮންނަ ޚަރްކީވް އަށް، ރަޝިޔާ ސިފައިން މިއަދު ގެންދަނީ ބޮޑުބަޑިން ހަމަލާތައް ދެމުންނެވެ. އޭގެ އިތުރުން ދޮންބާސް ސަރަހައްދުގެ އެކި ހިސާބުތަކުގައި ރަޝިޔާގެ އެއްގަމު ސިފައިންނާއި ޔޫކްރޭންގެ އެއްގަމު ސިފައިންނާ ދެމެދު މިއަދު ވަރަށް ވަރުގަދަ އަށް ހަމަލާތައް ބަދަލުކުރަމުން ދާ ކަމަށް ވެސް ބައިނަލްއަގުވާމީ މީޑިއާތަކުން ބުނެ އެވެ.
ރަޝިޔާގެ އަސްކަރިއްޔާ އިން ބުނާ ގޮތުގައި ދޮންބާސް ސަރަހައްދުގައި ރަޝިޔާ ސިފައިން އިއްޔެ ދިން ހަމަލާތަކުގައި ޔޫކްރޭންގެ ގާތްގަނޑަކަށް 450 ސިފައިން މަރައިލެވުނެވެ. އިއްޔެގެ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރީ ޔޫކްރޭން ސިފައިންގެ 40 މަގާމަކަށް ކަމަށާއި، ޔޫކްރޭންގެ 10 ޑްރޯން މަތިންދާބޯޓު ވައްޓައިލެވުނު ކަމަށް ވެސް ރަޝިޔާ އިން ބުންޏެވެ.