ނަފްރަތުގެ ރަމްޒަކަށް އެމްޑީޕީ ހަދާތީ ކަންބޮޑުވޭ: ފައްޔާޒް
ނަފްރަތުގެ ރަމްޒަކަށް އެމްޑީޕީ ހަދާތީ ކަންބޮޑުވޭ: ފައްޔާޒް

ޑިމޮކްރަސީގެ ރީތި ސިފަތަކުގެ އުސޫލުތަކެއް އަސާސީ ގަވާއިދުގައި ލިޔެވި، އެމްޑީޕީ ހިންގާ ގޮތަށް އޮތަސް އެތެރޭގެ ކޮންމެ އިންތިހާބާ ދިމާކޮށް، ޕާޓީގެ މެމްބަރުންގެ މެދުގައި މަސްލަހަތު ގެއްލި، ނަފްރަތު އުފެދޭ ގޮތަށް ކެމްޕޭން ކުރާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

ނަފްރަތުގެ ރަމްޒަކަށް އެމްޑީޕީ ހަދާތީ ކަންބޮޑުވޭ: ފައްޔާޒް
ނަފްރަތުގެ ރަމްޒަކަށް އެމްޑީޕީ ހަދާތީ ކަންބޮޑުވޭ: ފައްޔާޒް

ފަސް އަހަރުގެ ދައުރަކަށް ޗެއާޕާސަން ހޮވުމުގެ އިންތިހާބުގެ ކެމްޕޭންގައި ހިނގަމުންދާ ކަންކަމުގެ މައްޗަށް ފައްޔާޒް ކަންބޮޑުވުން ފާޅުކުރެއްވީ އޭނާގެ ވާދަވެރިޔާ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ކެމްޕޭން ޓީމުގެ ބަހުގެ ހަމަލާތަކާއި ނުފޫޒު ފޯރުވުން ފަދަ ތުހުމަތުތަކެއް އަމާޒުވެފައި ވަނިކޮށެވެ.

ވަކި މެމްބަރުންތަކަކީ އެމްޑީޕީ މެމްބަރުން ކަމުގެ ޓެގު އަޅުވައި ފައްޔާޒްގެ ޓީމުގެ މެމްބަރުންގެ ތެރޭގައި "ބޯވަޔާއި މެހި، މާބުރު" ން ތިބި ކަމަށް ސިފަކޮށް އިހާނާތުގެ ބަސްތައް ވެސް މި ކެމްޕޭނުގައި ރައްދުކޮށްފައި ވެ އެވެ.

އެކަން ދޮގުކުރުން ފިޔަވައި ރައްދުގައި ފައްޔާޒްގެ ޓީމުން ވާދަވެރި ޓީމަށް އެފަދަ ތުހުމަތެއް ނާޅުވަ އެވެ.

ކެމްޕޭންގެ 143 ވަނަ ރަށް، ހދ. ކުމުންދޫގައި ފައްޔާޒް ވިދާޅުވީ އެމްޑީޕީއަކީ ނަފްރަތުގެ ރަމްޒަކަށް ހަދަން މަސައްކަތް ކުރާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ކެމްޕޭންތައް ކުރަން ޖެހޭނީ އާއްމު މެމްބަރުންގެ މަސްލަހަތު ގެއްލުވާލަން ނަފްރަތު އުފައްދައިގެން ނޫން ކަމަށް ވިދާޅުވި އެވެ.

އިންތިހާބުގައި ވާދަކުރާ ދެ ފަރާތުން ވެސް ކުރާ ކެމްޕޭންގައި ތަސައްވަރު ހުށަހެޅުމުން އާއްމު މެމްބަރުން ގޮތް ނިންމައި އެމްޑީޕީ ހިންގަންވީ ގޮތް ސާފުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޕާޓީ އެބަޖެހޭ ޕާޓީގެ ކޮންމެ އިންތިހާބަކާ ދިމާކޮށް ބޮޑެތި ނަފްރަތުތަކެއް އުފެއްދުމުގެ ބަދަލުގައި ރަނގަޅު، ޑިމޮކްރެޓިކް ނިޒާމެއްގެ ތެރޭގައި އޮންނަ ކަހަލަ ރީތި ކެމްޕޭނެއް ކޮށްގެން ރައްޔިތުން ރުހޭ މީހާ، ރައްޔިތުން ވޯޓުލާން،" ފައްޔާޒް ވިދާޅުވި އެވެ.

އެކަމަކު އެއާ ހިލާފަށް، މި ކެމްޕޭނުގެ ތެރޭގައި ވެސް ވަރަށް ދެރަ ކަންތައްތަކެއް ފެނިގެން ދިޔަ ކަމަށް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ކެމްޕޭން ފެށިއިރު ވެސް އޭނާގެ ކެމްޕޭން ޓީމާއި ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގަތް ގޮތަށް، އެފަދަ ނަފްރަތު ނުއުފައްދައި ރީތި ކެމްޕޭނަކުން ނިންމާލަން ގަދައަޅައި އަދިވެސް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އިންތިހާބު ނިންމާލާނީ އެ މަގުން ނުގޮސް ކަމަށް ވިދާޅުވި އެވެ.

އޭނާ ހުށަހަޅުއްވަނީ ފަސް އަހަރުގެ ދައުރަކަށް، އެމްޑީޕީ ހިންގާލާނެ ގޮތާއި އާއްމު މެމްބަރުންނާއި ޕާޓީއާ ގުޅުން ބަދަހިކޮށް، ޒަމާންވީ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ގޮފިތައް ބާރުވެރި ކުރުވައި ޒުވާނުންނަށް ޕާޓީން ފުރުސަތު ފަހިކޮށް، ތަފާތު ކުރުމެއް ނެތި ކޮންމެ މެމްބަރަކަށް ވެސް ހަމަހަމަ ކަމާ އެކު ޕާޓީގައި ހަރަކާތްތެރިވުމާއި ފަސް ޖެހުމެއް ނެތި އެ މީހެއްގެ ހިޔާލުފާޅުކުރެވޭނެ ޕާޓީއަކަށް އެމްޑީޕީ ބަދަލުކުރާނެ ތަސައްވަރު ކަން ފާހަގަކުރެއްވި އެވެ.

އެމްޑީޕީއަށް ފަސް އަހަރުގެ ދައުރަކަށް ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި ވޯޓުލުން މާލެ އާއި ރަށްރަށުގައި ބާއްވާ ގޮތަށް ހަމަޖައްސާފައި ވަނީ މި މަހުގެ 14 ގަ އެވެ.

މި ކެމްޕޭނުގައި ވާދަވެރިކަން ބޮޑީ، 2023 ގައި އެމްޑީޕީގެ ކުރިމަގު ކަނޑައެޅުމުގެ މުހިއްމު ދައުރެއް ޕާޓީގެ އިދާރީ ހިންގުމުގެ ތެރެއިން ޗެއާޕާސަން އަދާކުރައްވަން ޖެހިވަޑައިގަންނަވާތީ އެވެ.