03 މެއި 2022 - 10:12

މެންޗެސްޓާ (މެއި 3) - އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން މި ސީޒަނުގެ އެންމެ ފަހު ހޯމް މެޗުގައި 3-0 އިން ބްރެންޓްފޯޑް ބަލިކޮށްފި އެވެ.

ރޭގެ މެޗުގެ ކުރިން މެންޗެސްޓާ ޔުނައިޓެޑު ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅު ވެފައެއް ނުވެ އެވެ. މިއާ އެކު ޔުނައިޓެޑް މިހާތަނަށް ކުޅުނު 35 މެޗުން ހޯދި 58 ޕޮއިންޓާ އެކު އެޓީމު އޮތީ ލީގުގެ ހަވަނައިގަ އެވެ.

އޯލްޑް ޓްރަފޯޑުފައި މެޗުގެ ނުވަ ވަނަ މިނިޓުގައ ޔުނައިޓެޑަށް ލީޑު ނަގައިދިނީ އެންތޮނީ އެލަންގާ ދިން ޕާހަކުން ބްރޫނޯ ފެނާންޑޭޒް އެވެ. މިއީ އޭނާ ޔުނައިޓެޑަށް ޖަހައިދިން 50 ވަނަ ލަނޑެވެ. ދެވަނަ ލަނޑު 61 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ޖެހީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އަދި އޭގެ 12 މިނިޓު ފަހުން ޑިފެންޑަރު ރަފޭލް ވަރާން ވަނީ އޭނާ ޔުނައިޓެޑްގެ ޖޯޒީގައި ފުރަތަމަ ލަނޑު ޖަހައިފަ އެވެ.
އޭރިއާ ތެރެއިން ރޮނާލްޑޯ އަށް ފައުލް ކޮށްގެން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ޔުނައިޓެޑުގެ ދެވަނަ ލަނޑަކީ، ރޮނާލްޑޯ މިފަހަރުގެ ލީގުގައި ޖެހި 18 ވަނަ ލަނޑެވެ. އަދި އެންމެ ފަހުން ޔުނައިޓެޑް ލީގުގައި ކުޅުނު އަށް މެޗުން އޭނާ ޖެހި ނުވަވަނަ ލަނޑެވެ. ލީގު ލަނޑު ލިސްޓުގައި ރޮނާލްޑޯ އަށް ވުރެ ކުރީގައި އުޅެނީ 19 ލަނޑު ޖަހާފައިވާ ޓޮޓެންހަމްގެ ސޮން ހެއުން މިން އާއި ލިވަޕޫލްގެ މުހައްމަދު ސަލާހެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެސް ރޮނާލްޑޯ ޔުނައިޓެޑަށް ލަނޑެއް ޖަހައިދިނެވެ. ނަމަވެސް މި ސީޒަނަށް ފަހު ޔުނައިޓެޑްގެ ކޮންޓްރެކްޓް ހަމަވާ ސްޕެއިންގެ މިޑްފީލްޑަރު ހުއާން މަޓާ، ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ދިން ޕާހަކުން އޭނާ ޖެހި ލަނޑުގައި ވީއޭއާރުން ނިންމީ ރޮނާލްޑޯ އޮފްސައިޑުގައި ހުރި ކަމަށެވެ.
ލީގުގެ ހަވަނައިގައި އޮތް ޔުނައިޓެޑްގެ ކުރީގައި، 61 ޕޮއިންޓާ އެކު ފަސްވަނައިގައި ޓޮޓެންހަމް ހޮޓްސްޕާ އޮތްއިރު ހަތަރުވަނައިގައި އޮތީ 63 ޕޮއިންޓް ހޯދާފައިވާ އާސެނަލް އެވެ. ޓޮޓެންހަމާއި އާސެނަލް އަށް ވެސް ލީގުގައި ބާކީ ހަތަރު މެޗު އެބަ އޮތެވެ. އެކަމަކު ޔުނައިޓެޑަށް ބާކީ އޮތީ ރަށުން ބޭރުގައި ބްރައިޓަން އާއި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅެން އޮތް ދެ މެޗެވެ.
މެޗުން މޮޅުވިއަސް، ޗެމްޕިއަންސް ލީގު ޖާގައަކާ ހަމައަށް ނުގެންދެވުމުން ޔުނައިޓެޑްގެ ވަގުތީ ކޯޗު ރަލްފް ރަންގްނިކް ވަނީ އެޓީމުގެ ނަތީޖާތަކާ މެދު ހިތްހަމަ ނުޖެހޭ ކަން ހާމަ ކޮށްފަ އެވެ. ހާއްސަ ކޮށް މިދިޔަ މަހު ކުޅުނު މެޗުތަކުގައި ނަތީޖާ ނުނެރެވި، ޗެމްޕިއަންސް ލީގަށް ކޮލިފައި ނުވުމާ ގުޅިގެން އެކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާހަގަ ކުރި އެވެ. އެކަމަކު މި މެޗަކީ ޔުނައިޓެޑުން އޭނާގެ އިރުޝާދާ އެކު އެންމެ ރަނގަޅަށް ކުޅުނު އެއް މެޗަށް ވާނެ ކަމަށް ވެސް ރަންގްނިކް ބުނެ އެވެ.
"(ޔުނައިޓެޑުގައި) މި ވީ ހަ މަސްހުވަހާ މެދު އަހަރެން މުޅިއަކުން ހިތްހަމައެއް ނުޖެހޭ. އަހަރެން އުންމީދު ކުރިން ޗެމްޕިއަންސް ލީގަށް ޓީމު ކޮލިފައި ކޮށްދޭން؛ އެއީ ޓާގެޓަކީ،" މި ސީޒަނަށް ފަހު ޔުނައިޓެޑްގެ ކޮންސަލްޓެންސީ ރޯލަކާ އެކު، އޮސްޓްރިއާ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވާން ނިންމާފައިވާ ރަންގްނިކް ބުންޏެވެ.
"އަހަރެންނަށް ހީވަނީ މިއީ ޕޮޒެޝަން އަށް ބަލާ އިރު ވޭތުވެދިޔަ ހަ މަސްތެރޭ ޔުނައިޓެޑުން ކުޅުނު އެންމެ ރަނގަޅު މެޗް. މެޗް ކޮންޓްރޯލް ކޮށްގެން ކުޅުނީ އަހަރެމެން، އެކަމަކުވެސް ޑިފެންސްގައި ބައެއް ފަހަރު ބާގަނޑުތައް ހެދޭ، ޖުމްލަކޮށް ބުނާނަމަ މިރޭގެ މެޗާ މެދު އަހަރެން ހިތްހަމަ ޖެހޭ."
މި ސީޒަނުގައި ޔުނައިޓެޑަށް އެންމެ ފަހުން ގެނައި ކުޅުންތެރިއަކީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޭނާ ޔުނައިޓެޑަށް ގެނައީ މި ސީޒަނުގައި ޔުވެންޓަސް އަށް ލީގު މެޗެއް ވެސް ކުޅުނު ފަހުން މިދިޔަ އޮގަސްޓް މަހު އެވެ. ޖެނުއަރީ ޓްރާންސްފާ ގައި ޔުނައިޓެޑުން އެއްވެސް ކުޅުންތެރިއެއް ގަނެފައެއް ނުވެ އެވެ.
"ދަނޑުމަތީގައި ހިތްގައިމު ވަގުތުކޮޅުތަކެއް ވެސް ހިނގައްޖެ. އަހަރެމެން ކޮޅަށް ވަންނަ ގޯލުގެ އަދަދު މަދުކުރެވުނު. އެކަމަކު ވޭތުވެދިޔަ މަދު ހަފްތާތަކުގައި އަހަރެމެންނަށް އެ ކުޅުންގަނޑު އެއް ވާނެއްގައި ކުރިއަކަށް ނުގެންދެވުނު،" ރަންގްނިކް ބުންޏެވެ.
"އަހަރެމެން ޖެނުއަރީ ގައި ވެސްޓް ހޭމް ޔުނައިޓެޑް ބަލިކުރި މެޗަށް ފަހު (ލީގު ހަތަރުވަނައަށް ޖެހިލި މެޗަށް ފަހު) މުހިއްމު ތިން ކުޅުންތެރިންނަށް އަނިިޔާވި. އެހެން ޓީމުތަކުން ދިޔައީ އޭރު (ޓްރާންސްފާ) ބާޒާރުގައި ކުޅުންތެރިން ގަންނަމުން."
ޔުނައިޓެޑްގެ މިޑްފީލްޑަރު މަޓާ އާއި ނިމަންޔާ މަޓިޗްގެ ކޮންޓްރެކްޓް މި ސީޒަނަށް ފަހު ހަމަވާ އިރު، މި ސީޒަނަށް ފަހު ކޮންޓްރެކްޓް ހަމަވާ ޕައުލް ޕޮގްބާ އަދި އެޑިންސަން ކަވާނީ ވެސް ހިލޭ ޓްރާންސްފާގައި ކުލަބު ބަދަލުކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ރަންގްނިކަށް ފަހު އަންނަ ސީޒަނުގަައި ޔުނައިޓެޑުގެ ކޯޗުކަމާ ހަވާލުވަނީ ނެދަލެންޑްސްގެ އެރިކް ޓެން ހަގް އެވެ. ޓެން ހަގް މި ސީޒަނުގެ ނިޔަލަށް އޭނާ ކޯޗު ކޮށްދެމުން އަންނަ އަޔެކްސް އަށް ލީގު ޔަގީން ކުރަން ބާކީ ތިން މެޗުން ބޭނުންވަނީ ހަ ޕޮއިންޓެވެ.