ބްލެކްބާންގެ ދަނޑުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފި
ބްލެކްބާންގެ ދަނޑުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފި

ބްލެކްބާން (މެއި 2) - އިނގިރޭސި ޕްރިމިއާ ލީގު ޗެމްޕިއަންކަން ހޯދި ބްލެކްބާން ރޯވާސްގެ ދަނޑު އީވުޑް ޕާކުގައި މިއަހަރުގެ ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރަން ފުރުސަތު ދީފި އެވެ.

މިއާ އެކު ބްލެކްބާން ވެފައި ވަނީ އިނގިރޭސިވިލާތުގައި ފުޓުބޯޅަ ކުލަބަކުން އެ ކުލަބެއްގެ ދަނޑުގައި މުސްލިމުންގެ ބޮޑު ޖަމާއަތަކަށް އީދު ނަމާދު ކުރަން ފުރުސަތި ދިން ފުރަތަމަ ކުލަބަށެވެ. އަދި އީވުޑް ޕާކުގައި ކުރި އީދުނަމާދުގައި 1،500 އެއްހާ މުސްލިމުން ބައިވެރިވެފައި ވާކަމަށް ރިޕޯޓްތައް ހާމަ ކުރެ އެވެ.

މިހާރު އީއެފްއެލް ޗެމްޕިއަންޝިޕުގައި ކުޅެމުން އަންނަ ބްލެކްބާންގެ ދަނޑުގައި އީދު ނަމާދު ކުރުމުގެ ފުރުސަތު ހުޅުވާލިކަން އިއުލާން ކުރީ ވެސް ރަމަޟާން މަހުގެ ފަހު ދިހައަކަށް އެޅި ފަހުންނެވެ. މި ފުރުސަތަށްޓަކައި އެ ގައުމުގެ މުސްލިމް ކޮމިއުނިޓީތަކުން ވަނީ ބްލެކްބާން ރޯވާސްގެ މެނޭޖްމަންޓަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ.

ބްލެކްބާން އާއި އެ ސަރަހައްދުގެ އެކި ޖަމިއްޔާތައް މެދުވެރިވެގެން ވަނީ އީވުޑް ޕާކުގެ އީދު ނަމާދުގައި ބައިވެރިވާ ފަރާތްތަކަށް ދަތުރުކުރުމުގައި އެހީތެރިވުމުގެ ގޮތުން ހިލޭ ބަސް ދަތުރު ވެސް ފޯރު ކޮށްދީފަ އެވެ.

ބްލެކްބާން ރޯވާސްގެ ހޯމް ސްޓޭޑިއަމްގެ އިތުރުން، ބާމިންހަމްގައި ހުންނަ އެޖްބަސްޓޮން ކްރިކެޓް ސްޓޭޑިއަމް ގައި ވެސް ވަނީ މިއަދު 2،000 އެއްހާ މުސްލިމުން އެއްވެ އީދު ނަމާދު ކުރިއިރު، 30،000 އަށް ވުރެ ގިނަ މުސްލިމުން ވަނީ ސްމޯލްހީތު ޕާކުގައި ކުރި އީދު ނަމާދުގެ ޖާމާއަތުގައި ބައިވެރި ވެފަ އެވެ.

އިނގިރޭސިވިލާތުގައި 3.3 މިލިއަނެއްހާ މުސްލިމުން ދިރިއުޅޭއިރު، މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަހު އެ ގައުމުގައި މިހާ ގިނަބަޔަކު އެއްވެ އީދު ފާހަގަކުރި ފުރަތަމަ ފަހަރެވެ.