ބޫލް ބުލައްޔާ ދޭއްގެ ލަވަޔާ އެކު ކާތިކް ކަމުގޮސްފި
ބޫލް ބުލައްޔާ ދޭއްގެ ލަވަޔާ އެކު ކާތިކް ކަމުގޮސްފި

ޒުވާން ތަރި، ކާތިކް އާރިޔަން ލީޑުން ފެންނާނެ "ބޫލް ބުލައްޔާ 2" ގެ ޓައިޓަލް ލަވަ އިއްޔެ ނެރެފި އެވެ.

ބޫލް ބުލައްޔާގެ ދެވަނަ ބަޔަކީ 2007 ވަނަ އަހަރު ނެރުނު ބިރުވެރި މަޖާ ފިލްމު "ބޫލް ބުލައްޔާ" ގެ ސީކުއެލްއެކެވެ. އެއީ އަކްޝޭ ކުމާރާއި ވިދްޔާ ބަލަން ލީޑު ރޯލު ކުޅުނު ފިލްމެކެވެ.

އެ ފިލްމުގެ ދެވަނަ ބައިގެ ލީޑުން ފެންނާނީ ކާތިކް އާއި ކިއާރާ އަދުވާނީ އާއި ތާބޫ އާއި ފުރަތަމަ ފިލްމުން ވެސް ފެނުނު ރާޖްޕަލް ޔާދަވެވެ.

ފިލްމުގެ ޓައިޓަލް ލަވަ ނެރުމާ އެކު ސަޕޯޓަރުންގެ ފަރާތުން ލިބުނީ ރަނގަޅު ތަރުހީބެކެވެ. ކާތިކްގެ ނެށުން ގަނޑުކަމުގޮސްގެން، ގިނަ ބަޔަކު އެ ވާހަކަ ދެއްކި އެވެ. އިއްޔެ އެ ލަވަ އާންމުކުރުމާ އެކު އެންމެ ހަތަރު ގަޑިއިރުގެ ތެރޭގައި 3.3 މިލިއަން ވިއުސް އެ ލަވަ އަށް ލިބުނެވެ.

ފަރްހާދް ސަމްޖީ އާއި އާކާޝް ކޯޝިކް ލިޔެފައިވާ ސްކްރިޕްޓެއްގެ މައްޗަށް ތައްޔާރުކުރާ އެ ފިލްމު ޑައިރެކްޓްކުރަނީ އަނީސް ބަޒްމީ އެވެ. އެ ފިލްމުގެ ޕްރޮޑިއުސްކުރަނީ ޓީ-ސީރީޒާއި ސިނެއި ވަން ސްޓޫޑިއޯ އިންނެވެ.