02 މެއި 2022 - 10:25

މާލޭގައި މިއަދު ހެނދުނު ދެ މާރާމާރީއެއް ހިންގައި، ހަތަރު މީހަކަށް ތޫނު އެއްޗެހިން ހަމަލާދީފި އެވެ.
ފުލުހުން ބުނީ ފުރަތަމަ މާރާމާރީގައި ހިންގީ ކޯރުކެނޑިމަގު، މާވެޔޮ މިސްކިތް ކައިރިން މިއަދު ހެނދުނު 6 ޖަހަނިކޮށް ކަމަށެވެ. އެ މާރާމާރީގައި ދެ ފިރިހެނަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ދެވަނަ މާރާމާރީ ހިންގީ ޖަނަވަރީމަގާއި މަޖީދީމަގު ގުޅޭ ސަރަހައްދުގައި ހެނދުނު 9 ޖެހި ފަހުންނެވެ. އެ މާރާމާރީގައި އިތުރު ދެ މީހަކަށް އަނިޔާވެގެން އޭޑީކޭގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފަހުން މާރާމާރީ ހިންގި ސަރަހައްދުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ގެއެއްގެ ދޮރުމަތީގައި ބައިވަރު ލޭ ފައިބައިފައި ހުއްޓެވެ.
ފުލުހުން ބުނީ އެ ދެ މާރާމާރީއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.