އަފްގާނިސްތާން އަތުން ރާއްޖެ އަށް ފަސޭހަ މޮޅެއް
އަފްގާނިސްތާން އަތުން ރާއްޖެ އަށް ފަސޭހަ މޮޅެއް

ބަންގްލަދޭޝްގެ ޑާކާގައި މިހާރު ކުރިއަށްދާ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުން އަފްގާނިސްތާން އަތުން ސީދާ ތިން ސެޓުން ރާއްޖެ މޮޅުވި ނަމަވެސް ފައިނަލަށް ދިއުމަށް އޮތް ހަނި ފުރުސަތު ވެސް ގެއްލިއްޖެ އެވެ.

ފުރަތަމަ ދެ މެޗުން ބަލިވެ އަމިއްލަ ބާރުގައި ފައިނަލަށް ދިއުމުގެ ފުރުސަތު ރާއްޖެ އަށް ވަނީ ގެއްލިފަ އެވެ. ނަމަވެސް މިއަދުގެ މެޗުން މޮޅުވެ، ރާއްޖެ އަށް ފައިނަލަށް ދިއުމުގެ ހަނި ފުރުސަތެއް އޮތެވެ.

އެއީ މިއަދު ކިރްގިސްތާން އާއި ބަންގްލަދޭޝް ކުޅުނު މެޗު ފަސް ސެޓަށް ނުގޮސްފިނަމަ އެވެ. އެހެން ނަމަވެސް އެ މެޗު ފަސް ސެޓަށް ގޮސް ކިރްގިސްތާން މޮޅުވިއިރު، ފައިނަލަށް ދިއުމަށް އޮތް ހަނި ފުރުސަތު ވެސް ރާއްޖެ އަށް ގެއްލުނީ އެވެ. އެއީ މާދަމާ ބަންގްލަދޭޝް އަތުން މޮޅުވި ނަމަވެސް ރާއްޖެ އަށް ދެ ވަނަ އަށް އެރުމުގެ ފުރުސަތު \ނެތުމުންނެވެ.

މިއަދުގެ މެޗުގައި ރާއްޖޭން ވަނީ ކުރިން ދެ މެޗަށް ވުރެން ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އަދި ކުރިން ކުޅުނު މެޗުތަކުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ގޯސްތައް މި މެޗުގައި ވަނީ ރަނގަޅުކޮށްފަ އެވެ.

ފުރަތަމަ ސެޓުން ފެށިގެން ރާއްޖޭން އައި މެޗު ޑޮމިނޭޓް ކުރަމުންނެވެ. މެޗު ފެށިގެން އަބަދުވެސް ތިން ޕޮއިންޓުން ކުރީގައި ރާއްޖެ އޮތެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. ރާއްޖޭން ފުރަތަމަ ސެޓު ގެންދިޔައީ 25-20 އިންނެވެ.

ދެ ވަނަ ސެޓު ފަށައިގެން ރާއްޖޭން ވަނީ ހަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެހެން ނަމަވެސް އަފްގާނިސްތާން ޓީމުގެ އޮމިދު ސަރްދާނީގެ ތަޖުރިބާއާ އެކު އެ ޓީމުން 15-15 އިން އެއްވަރުކުރި އެވެ. އެ ވަގުތު މެޗު ކުޅެމުންދިޔަ ސްޓޭޑިއަމްގެ ލައިޓެއް ކަރަންޓް ޝޯޓެއްވެ މެޗު ބައި ގަޑިއިރަށް މެދުކަނޑާލަން ޖެހުނެވެ.

އަލުން މެޗު ފެށިނަމަވެސް ރާއްޖޭން ދައްކަމުން އައި ކުޅުމަށް ބަދަލެއް ނާދެ އެވެ. ރާއްޖޭން ދެ ވަނަ ސެޓު ގެންދިޔައީ 25-21 އިންނެވެ. މި ސެޓުގައި ރާއްޖޭގެ ކެޕްޓަން އިޝާން މުހައްމަދު (ބަޓިސް) އާއި މުހައްމަދު ޝާއިން (ޝާއިންޓެ) މޮޅު ކުޅުމެއް ދެއްކި އެވެ.

ތިން ވަނަ ސެޓުގައި ރާއްޖޭން އޮތީ ބޮޑު ލީޑެއްގަ އެވެ. ސެޓު ފެށިގެން ފަސް ޕޮއިންޓްގެ ލީޑެއް ދަމަހައްޓަމުން އައިއިރު މި ސެޓު ރާއްޖޭން ގެންދިޔައީ ބޮޑު ފަރަގަކާ އެކު 25-11 އިންނެވެ. މި ސެޓުގައި ރާއްޖޭގެ އަލީ އާމިރު (އައްޔަ) ވަނީ ރަނގަޅު ކުޅުމެއް ދައްކައިފި އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ރާއްޖޭގެ ކުޑަކާއްޓޭ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ރާއްޖޭގެ ކޯޗު ސްރީލަންކާގެ ކުމާރާ ވެންޑަކޫން ބުނީ މި މެޗުގައި އޭނާ ބޭނުންވި ކުޅުން ފެނުނު ކަމަށެވެ.

"12 ކުޅުންތެރިން އެކުވެގެން ކުރި މަސައްކަތް މިއީ. އަހަރެންނަށް މި ޔަގީންކަން އޮތް މި ފެންވަރުގައި ކުޅުންތެރިން ކުޅެފިނަަމަ މެޗުތައް ކާމިޔާބު ކުރެވޭނެ ކަމުގެ. މިއަދުގެ މެޗުގައި މި ފެނުނީ މި 12 ކުޅުންތެރިން ގައުމަށްޓަކައި ކުރި ހިތްވަރު. ހާއްސަކޮށް ކާއްޓޭ އާއި ބަޓިސް އަދި ހުޒާންޓެ ވަރަށް މޮޅަށް ކުޅުނު ދުވަހެއް މިއީ،" ކުރިން ލަންކާ ގައުމީ ޓީމަށް ކޯޗުކޮށްދިން ވެންޑަކޫން ބުންޏެވެ.

އެންމެ ފަހުން މުބާރާތުގެ ދެ ވަނަ ހޯދި ރާއްޖެ ދެން މިފަހަރުގެ މުބާރާތުގައި ވާދަކުރަން ޖެހޭނީ ތިން ވަނަ އަށެވެ. ލީގު ބުރުގެ ގަދަ ދެ ޓީމު ފައިނަލަށްދާއިރު، ތިން ވަަނަ އަށްދާ ޓީމާއި ހަތަރު ވަނަ އަށް ދިޔަ ޓީމު ޖެހޭނީ ތިން ވަނަ ހޮވާ މެޗުގައި ބައްދަލުކުރާށެވެ. ހުރިހާ މެޗަކުން ބަލިވެ އަފްގާނިސްތާން ކަޓާފައިވާއިރު، ތިން ވަނަ ހޮވާ މެޗުގައި އެއްކޮޅުން ކުޅޭނެ ޓީމަކީ ރާއްޖެ އެވެ.