މަރިއުޕޯލް އިން އާންމުން ސަލާމަތް ކުރަން ފަށައިފި
މަރިއުޕޯލް އިން އާންމުން ސަލާމަތް ކުރަން ފަށައިފި

ޔޫކްރޭންގެ ދެކުނު ސަހަރެއް ކަމަށްވާ މަރިއުޕޯލްގައި ހުންނަ ދަގަނޑު އުފައްދާ ކާރުޚާނާގެ ތެރޭގައި ރައްކާތެރިކަން ހޯދައިގެން ތިބި އާންމުން، އެ ކާރުޚާނާގެ ތެރެއިން ނެރެ ރައްކާތެރި ސަރަހައްދަކަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށް، ޔޫކްރޭންގެ އަސްކަރިއްޔާ އިން ބުނެފި އެވެ.

ރަޝިޔާ ސިފައިން އެ ސަހަރު ހިފުމާ ގުޅިގެން، އެ ސަހަރުގައި ތިބި ޔޫކްރޭން ސިފައިންގެ ބަޔަކު އެ ކާރުޚާނާ އަށް ވަދެ ރައްކާތެރިކަން ހޯދި އެވެ. އަދި އާންމުންގެ ބަޔަކު ވެސް ޔޫކްރޭން ސިފައިންނާ އެކު އެ ކާރުޚާނާ އަށް ވަދެ ރައްކާތެރިކަން ހޯދި އެވެ.

އޭގެ ފަހުން ރަޝިޔާ ސިފައިން ވަނީ އެ ކާރުޚާނާ ހިސޯރުކޮށް، އެ ތަނުން އެއްވެސް މީހަކަށް ނުނިކުމެވޭނެހެން ބަންދުކޮށްފަ އެވެ. އެއާ އެކު ރަޝިޔާ ސިފައިންވަނީ، ކާރުޚާނާގައި ތިބި ޔޫކްރޭން ސިފައިން ހަތިޔާރު ބަހައްޓައި އަމާން ދިނުމަށް، ދެ ފަހަރެއްގެ މަތިން މުހުލަތެއް ދީފަ އެވެ.

ނަމަވެސް ރަޝިޔާ ސިފައިންގެ އެ އެންގުމަށް ޔޫކްރޭން ސިފައިން އަމަލެއް ނުކުރެ އެވެ. އެ ކާރުޚާނާ އަށް ރަޝިޔާ ސިފައިން ހަމަލާދީ އެ ތަނުގެ ތެރޭގައި ތިބި އެންމެން މަރައިލާނެ ކަމުގެ ބިރު އުފެދިފައިވަނިކޮށް، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވަނީ، އެ ތަނަށް ހަމަލާ ނުދީ ހިސޯރުކޮށްގެން ތިބުމަށް ރަޝިޔާ ސިފައިންނަށް އަންގައިފަ އެވެ.

ކާރުޚާނާގެ މައްސަލަ ހައްލުކުރުމަށް ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ކުރެވުނު މަޝްވަރާތަކަށް ފަހު، އެ ތަނުގައި ތިބި އާންމުން އެތަން ދޫކޮށް ދިއުމަށް ރަޝިޔާ އިން ވަނީ މަގު އަމާންކޮށްދީފަ އެވެ. އެ ފުރުސަތުގައި، އެ ކާރުޚާނާގައި ތިބި އާންމުންގެ ތެރެއިން 20 މީހަކު އިއްޔެ ވަނީ ކާރުޚާނާ އިން ނެރެ، ރައްކާތެރި ހިސާބަކަށް ގެންގޮސްފަ އެވެ.

އެ ކާރުޚާނާއިން ނެރުނު އާންމުންގެ ތެރޭގައި ހިމެނެނީ، އަންހެނުންނާއި ކުޑަކުދިންނެވެ. އެމީހުން އެ ކާރުޚާނާއިން ނެރެގެން ގެންދިޔައީ، ޔޫކްރޭން ސިފައިންގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދަކަށެވެ. އޭގެ ފަހުން އެ މީހުން ގެންދިއުމަށް ޔޫކްރޭން ސަރުކާރުން ހަމަޖައްސާފައި އޮތީ، ޔޫކްރޭންގެ ސިފައިންގެ ބާރުގެ ދަށުގައި އޮންނަ ޒަޕަރޯޗިޔާ އަށެވެ.