ސައިކަލް ވިއްކުމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ އަތުލާތީ ސަމާލުވާން އެދިއްޖެ
ސައިކަލް ވިއްކުމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ އަތުލާތީ ސަމާލުވާން އެދިއްޖެ

ސައިކަލް ވިއްކުން ފަދަ ޕޯސްޓުތައް ފޭސްބުކްގައި ޖަހައިގެން މީހުންނަށް އޮޅުވާލައި މަކަރާއި ހީލަތުން ފައިސާ އަތުލާ މައްސަލަތައް ގިނަވެފައިވާތީ ސަލާމުވާން ފުލުހުން އެދިއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދަން އެކި ވިޔަފާރިތަކާއި ކުންފުނިތަކުގެ ނަމުގައި ވެސް ފޭސްބުކްގައި އެކި ޕޭޖުތަކާއި ޕޯސްޓުތައް ދަނީ ދައުރުކުރަމުންނެވެ. މި އޮޅުވާލުމުގެ ތެރޭގައި ހެޔޮ އަގުގައި ސައިކަލް ވިއްކާ ކަމަށް ބުނެ ހަދާ މަކަރުގައި ބައެއް މީހުން ވަނީ ޖެހިފަ އެވެ.

އާއްމުު އަގަަށް ވުރެން ހެޔޮކޮށް ސައިކަލް ވިއްކަން ޖެހުމުން ޝައުގުވެރިވާ މީހުންގެ އަތުން އެޑްވާންސް ފައިސާ ނަގަ އެވެ. ބައެއް ފަހަރަށް ފުލް ޕޭމަންޓް ނަގާފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެސްޓީއީ ސުޕަ މާޓުގެ ނަމުގައި ވެސް އޮޅުވާލައިގެން ޕްރޮމޯޝަނެއް ދަނީ ހިންގަމުންނެވެ. ކަސްޓަމަރުންނަށް އެކި އިނާމު ލިބޭ ކަމަށް ބުނެ ހިންގާ އެ ޕްރޮމޯޝަނަކީ އެ ކުންފުނިން ކުރާ ކަމެއް ނޫން ކަމަށް އެސްޓީއޯ އިން ބުންޏެވެ.

މިއީ އޮޅުވާލައިގެން ފައިސާ ހޯދަން ޖަހާ މަޅިއަކަށް ވާތީ ފުލުހުން އެދުނީ އެ ކަހަލަ ޕޯސްޓުތަަކަށް ސަމާލުވާށެވެ. އެފަދަ ޕޯސްޓުތަކާއި ޕޭޖުތައް ދައުރުކޮށް ނުހެދުމަށް ވެސް ފުލުހުން އެދެ އެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދުން މި ފަހުން ވަނީ ވަރަށް ބޮޑަށް އާއްމުވެފަ އެވެ. ފްލެޓް ދޭން ކަމަށް ބުނެ ގުޅައިގެން މީހުންގެ އަތުން ފައިސާ އަތުލާފައިވާ އިރު، ބޭސްފަރުވާގެ ނަމުގައި ވެސް އޮޅުވާލައިގެން ފައިސާ ހޯދަމުންދެ އެވެ.