01 މެއި 2022 - 16:43

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ އިން ދިފާއުވުމަށް ޔޫކްރޭން ސިފައިން ދެމުންދާ ހަމަލާތަކުގައި، މިހާތަނަށް ރަޝިޔާ ސިފައިންގެ 1000 އަށް ވުރެ ގިނަ ޓޭންކު ހަލާކުކޮށްލާފައިވާ ކަމަށް، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.
ރައީސް ޒެލެންސްކީ ވިދާޅުވި ގޮތުގައި އެ ގައުމުގެ ސިފައިން ވަނީ ރަޝިޔާގެ ލަޝްކަރުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. ޔޫކްރޭން ސިފައިންގެ ހަމަލާތަކުގައި ހަލާކުކޮށްލައި ޓޭންކުތަކުގެ އިތުރުން، ރަޝިޔާގެ ވައިގެ ލަޝްކަރުގައި ހިމެނޭ 200އާ ގާތްކުރާ އަދަދެއްގެ ހަނގުރާމަމަތީ މަތިންދާބޯޓާއި، 2500 އަށް ވުރެ ގިނަ، ހަތިޔާރު އެޅި އުޅަނދު ވެސް ހަލާކުކޮށްލާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.
މިފަދަ ބޮޑު ގެއްލުމެއް ލިބުމާ އެކުގައިވެސް، ވަރުގަދަ އިތުރު ހަމަލާތައް ދިނުމުގެ ގާބިލްކަން ރަޝިޔާގެ އަސްކަރިއްޔާގައި އެބަހުރި ކަމަށް، ރައީސް ޒެލެންސްކީ ވިދާޅުވި އެވެ.
"އެއީ ހަމަ ޔަގީން ކަމެއް، އިސްތިއުމާރީ ބާރުގެ ގުދަންތަކުގައި އިތުރު ހަތިޔާރު އެބަހުރި. އަހަރެމެންގެ ގައުމަށް ހަމަލާ ދިނުމަށް ބޭނުންކުރެވޭނެ އިތުރު މިސައިލްތައް އެމީހުންގެ ގުދަނުގައި ހުންނާނެކަން ކަށަވަރު،" ރައީސް ޒެލެންސްކީ ވިދާޅުވި އެވެ.
"އެހެން ނަމަވެސް މި ހަނގުރާމައިގެ ސަބަބުން ރަޝިޔާ ވަރަށް ބޮޑަށް ބަލިކަށިވެއްޖެ. މޮސްކޯގައި އޮންނަ އަސްކަރީ ހިނގާލުން ވެސް މަދު ހަތިޔާރުތަކަކާ އެކު ބާއްވަން މަޖުބޫރުވަނީ އެ ސަބަބަށްޓަކައި."
ކޮންމެ އަހަރެއްގެ މެއި މަހުގެ 9 ވަނަ ދުވަހަކީ، ރަޝިޔާގައި ގައުމީ ފެންވަރުގައި ފާހަގަކުރާ ނަސްރުގެ ދުވަހެވެ. އެ ދުވަސް ފާހަގަކުރަނީ، ދެ ވަނަ ބޮޑު ހަނގުރާމައިގައި، ޖަރުމަން ވިލާތުގެ ލަޝްކަރު ހަތިޔާރު ބަހައްޓައި، ސޮވިއެޓް ޔޫނިއަން އަށް އަމާން ދިން ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ.
ޔޫކްރޭންގެ ރައީސް ވިދާޅުވި ގޮތުގައި މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް، ރަޝިޔާގެ 23000 އަށް ވުރެ ގިނަ ސިފައިން، ޔޫކްރޭން ސިފައިންގެ ހަމަލާތަކުގައި މަރުވެއްޖެ އެވެ. ނަމަވެސް ރަޝިޔާ އިން ވަނީ އެ ގައުމުގެ ސިފައިންނާއި އަސްކަރީ އާލާތްތަކަށް ލިބުނު ގެއްލުންތައް ސިއްރު ކޮށްފަ އެވެ.
ނޭޓޯގެ އަސްކަރީ ބައެއް އޮފިޝަލުން ވިދާޅުވާ ގޮތުގައި، ޔޫކްރޭން ހަނގުރާމައިގައި މިހާތަނަށް މަރުވި ރަޝިޔާ ސިފައިންގެ އަދަދު އުޅެނީ 7000 އާއި 15000 އާ ދެމެދުގަ އެވެ. އެމެރިކާގެ އަސްކަރީ އޮފިޝަލުން ވިދާޅުވާ ގޮތުގައި މަރުވި ރަޝިޔާ ސިފައިންގެ އަދަދު އުޅެނީ 7000-14000ގަ އެވެ.
މި މަހުގެ ކުރީކޮޅު ރަޝިޔާ އިން ބުނި ގޮތުގައި ޔޫކްރޭން ހަނގުރާމައިގައި ރަޝިޔާ އަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ. ނަމަވެސް އެ ގެއްލުންތަކުގެ އެއްވެސް އަދަދެއް އަދި ތަފްސީލެއް ނުދެ އެވެ.