އިތުރު ވަގުތުގެ ދެ ލަނޑާ އެކު ބަޔާން މޮޅުވެއްޖެ
އިތުރު ވަގުތުގެ ދެ ލަނޑާ އެކު ބަޔާން މޮޅުވެއްޖެ

މިއުނިކް (މެއި 14) - އިތުރު ވަގުތުގައި ޖެހި ދެ ލަނޑާ އެކު 5-4 އިން އާރްބީ ލިޕްޒިގު އަތުން ފަހަތުން އަރައި ބަޔާން މިއުނިކް ރޭ މޮޅުވެއްޖެ އެވެ.

ޖަރުމަން ލީގު ކަށަވަރުކޮށްފައިވާ ބަޔާން ރޭގެ މޮޅާ އެކު ލީގުގެ އެއް ވަނައިގައި އޮތީ 33 މެޗުން 79 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ލިޕްޒިގު އޮތީ 33 މެޗުން 66 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް ވަނީ 33 މެޗުން 61 ޕޮއިންޓް ލިބިފަ އެވެ. ރޭ ޑޯޓްމަންޑް ކުޅުނު މެޗުން ވަނީ އޮއުގްސްބާގާ 1-1 އިން އެއްވަރުވެފަ އެވެ.

ރޭގެ މެޗުގެ ދެ ވަނަ މިނިޓްގައި ލިޕްޒިގަށް ލީޑުނަގައިދިނީ މާސެލް ސެބިޓްޒާ އެވެ. މެޗުގެ 17 ވަނަ މިނިޓްގައި ރޮބަޓް ލެވަންޑޯސްކީ ވަނީ ބަޔާނަށް އެއްވަރުކޮށްދީފަ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ޓޮމް ވާނާ ލިޕްޒިގަށް އަލުން ލީޑުނަގައިދިންއިރު، ދެ ވަނަ ހާފް ފަށައިގެން ދެ ވަނަ މިނިޓްގައި ޔޫސުފް ޕޯލްސަން ވަނީ ލިޕްޒިގަށް ތިން ވަނަ ލަނޑެއް ޖަހައިދީފަ އެވެ.

ތިއާގޯ އަލްކަންޓާރާ މެޗުގެ 60 ވަނަ މިނިޓްގައި ބަޔާނަށް ލަނޑެއް ޖަހައިދީ މެޗުގެ އުއްމީދު އާ ކޮށްދީފައި ވަނިކޮށް އޭގެ ފަސް މިނިޓް ފަހުން ވާނާ ވަނީ ލިބުނު ޕެނަލްޓީ އަކުން އަލުން ލިޕްޒިގަށް ދެ ލަނޑުގެ ލީޑެއް ނަގައިދިނެވެ.

ބަޔާން މޮޅުވީ ފަހު ވަގުތުގެ ލަނޑުތަކާ އެކު އެވެ. މެޗުގެ 84 ވަނަ މިނިޓްގައި ލެވަންޑޯސްކީ ބަޔާންގެ ތިން ވަނަ ލަނޑު ކާމިޔާބުކުރިއިރު، އިތުރު ވަގުތުގައި ބަޔާންގެ އަނެއް ދެ ލަނޑު ކާމިޔާބުކުރީ ޑޭވިޑް އަލަބާ އާއި އާރްޔެން ރޮބެން އެވެ.

ބަޔާންގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ މެޗަށް ނުކުތްއިރު ވެސް މި ސީޒަނުގައި ލިޕްޒިގުން ދައްކަމުން އައި ކުޅުމަށް ބަލާއިރު މެޗު ފަސޭހަ ނުވާނެކަން އެނގޭ ކަމަށާއި މިއީ ހިތްވަރާ އެކު ފަހު ވަގުތާ ޖެހެންދެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.