މޭޑޭ ހިނގާލުން މަޖީދީ މަގުގައި ނުބޭއްވޭނެ: ޕޮލިސް
މޭޑޭ ހިނގާލުން މަޖީދީ މަގުގައި ނުބޭއްވޭނެ: ޕޮލިސް

ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ)ން އިންތިޒާމު ކުރާ ހިނގާލުން މަޖީދީ މަގުގައި މިއަދު ކުރިއަށް ނުގެންދެވޭނެ ކަން ފުލުހުން އަންގައިފި އެވެ.

އެމްޓީޔޫސީން ހިނގާލުން ކުރިއަށް ގެންދަން ނިންމާފައިވަނީ ހަވީރު ހަތަރަކުން ހައަކަށް ރަސްފަންނުން ފެށިގެން ކާނިވާ ސަރަހައްދާ ހަމައަށެވެ. އެ ޖަމްއިއްޔާއިން ވަނީ ހިނގާލުމަށް ފަހު ކާނިވާ ސަރަހައްދުގައިި ރޯދަ ވީއްލުމެއް ވެސް އިންތިޒާމުކޮށްފަ އެވެ.

ފުލުހުން ބުނީ މަޖިދީ މަގުގައި ހިނގާލުން ކުރިއަށް ގެންދަން ހުއްދަ ނުދިނީ މިއަދަކީ ރޯދަ މަހުގެ އެންމެ ފަހު ދުވަހަށް ވުމާ އެކު ވިޔަފާރި އާއި އެހެނިހެން ބޭނުންތަކަށް ޓްރެފިކް ތޮއްޖެހި، މަޖީދީ މަގުގެ ކާރުބާރުބޮޑުވާނެތީ އެވެ.

އެ ޖަމިއްޔާއާ ބައްދަލުކޮށް، ގާނޫނު ހުއްދަ ލިބިފައިވާ ކާނިވާ ސަރަހައްދުގައި ކުރިއަށް ގެންދަން އެދުމުން ފުރަތަމަ އެކަމަށް އެއްބާރުލުމެއް ނުލިބުނު ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު ފަހުން ކުރެވުނު މަޝްވަރާތަކަށް ފަހު ދެ ފަރާތަށް އެއްބަސްވެވުނީ ކާނިވާ ސަރަހައްދުގައި ކުރިއަށް ގެންދަން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ތަރަހައިގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތްތަކަށް އެއްބާރުލުން ދޭނެ އެވެ.

މޭޑޭގެ ހިނގާލުމުގައި އިންޑަސްޓްރިއަލް ރިލޭޝަންސްއާ ގުޅޭ ގާނޫނެއް ފާސްކުރަން ގޮވާލައި ޝުއޫރު ފާޅުކުރަން ވަނީ ހަމަޖެހިފަ އެވެ. އަދި އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ގާނޫނެއް ތައާރަފުކޮށް މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމާބެހޭ ގޮތުންނާއި އަދުލު އިންސާފު ލިބުމުގައި މަސައްކަތްތެރިންނާ މެދު ތަފާތުކުރުން ނުގެންގުޅުމަށާއި ވަޒީފާގެ ބިރުދެއްކުން ނައްތައިލުމާ ބެހޭ ގޮތުން ވެސް ޝުއޫރު ފާޅުކުރަން ވަނީ ހަމަޖެހިފަ އެވެ.

މިނިމަމް ވޭޖު ކަނޑައެޅިއިރު ފުރަތަމަ ނިންމި އަދަދުތައް ކަނޑައަޅާފައިނުވާތީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރާނެކަމަށް ވެސް އެމްޓީޔޫސީން ބުންޏެވެ.