01 މެއި 2022 - 10:48

މަސް ކިރުމުގައި މިފްކޯ އިން ގެންގުޅުނު ކޮންޓްރޯލް ދޫކޮށްލައި މަސްވެރިން ބާނާ ހުރިހާ މަހެއް ކިރާ ގޮތަށް ނިންމައިފި އެވެ.
މިފްކޯ އިން މަސްކިރުން ލިމިޓްކޮށްފައި އޮތީ ރާއްޖޭގެ ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ, ފްރީޒިން ކެޕޭސިޓީއަށް ވުރެން އިތުރަށް މަސް ލިބެމުން ދިއުމުންނެވެ. އޭރު ކިރާ ގޮތަށް ނިންމީ ދޯންޏަކުން ހަތް ޓަނު މަހެވެ.
ކޮންޓްރޯލް ދޫކޮށްލި ކަން އިއުލާންކޮށް މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނީ އެގޮތަށް ހަމަޖައްސާފައި އޮތީ ވީހާވެސް ގިނަ ދޯނިތަކަކަށް މަސް ކިރުވުމުގެ ފުރުސަތު ދޭން ކަމަށެވެ. އެކަމަކު މިދިޔަ މަހުގެ ހަ ވަނަ ދުވަހުން ފެށިގެން ލިމިޓްކޮށްފައި އޮތް އޮތުން މިހާރު ދޫކޮށްލާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިފްކޯއިން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ މަސްވެރިންނަށް ދެމުން އަންނަ ހިދުމަތްތައް ރަނގަޅުކުރުމަށެވެ. އަދި މަސްވެރިންގެ ކަންބޮޑުވުންތައް ބަލައިގަނެ އެ ކުންފުނިން މަސްވެރިންނަށް ފޯރުކޮށްދޭ ހިދުމަތަކީ އަވަސް އަދި ފަސޭހަ ހިދުމަތަކަށް ހެދުމަށް ކަމަށް ވެސް ބުނެފައިވެ އެވެ.
މަސްކިރުވާ އަދަދު ލިމިޓުކުރުމުން ދެކުނުގެ މަސްވެރިން ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ. މަސްވެރިކަން ރަނގަޅުވެ ދުވާލަކަށް 50 ޓަނު ބޭނޭ ދުވަސްވަރެއްގައި މަސް ގަންނަ ވަރު ލިމިޓު ކުރުމަކީ މަސްވެރިންނަށް ދެވޭ އަނިޔާއެއް ކަމަށް މަސްވެރިން ބުނެފައިވެ އެވެ.