01 މެއި 2022 - 09:24

ނެޓްފްލިކްސް ބޭނުންކުރާ މީހުންގެ އަދަދު މަދުވިކަން އިއުލާންކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް އެ ކުންފުނީގެ ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، ނެޓްފްލިކްސް އިން ވަކިކުރީ އެ ކުންފުނީގެ އުފެއްދުންތައް އިޝްތިހާރުކޮށް، މާކެޓްކުރާ ޓީމެއް ކަމަށްވާ "ޓުޑުމް" ޕްލެޓްފޯމުގެ މުވައްޒަފުންނެވެ.
އެކަމާ ގުޅޭ ގޮތުން ނެޓްފްލިކްސް އިން ބުނީ "ޓުޑުމް" ގެ ބައެއް މުވައްޒަފުން ވަކިކުރީ ކުންފުނީގެ މާކެޓިން ޑިޕާޓްމަންޓް ރީސްޓްރަކްޗާކުރުމުގެ މަސައްކަތުގެ ދަށުން ކަމަށެވެ.
އެތަނުން ވަކިކުރި ބައެއް މުވައްޒަފުން ވަނީ ސޯޝަލް މީޑިއާގައި ނެޓްފްލިކްސް އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. ކުއްލިއަކަށް ވަޒީފާއިން ވަކިކުރުމުން އެ މީހުންގެ އޮތް ހިތްހަމަނުޖެހުން ވަރަށް ބޮޑެވެ.
ނެޓްފްލިކްސް އިން ދަނީ ގިނަ ސީރީޒްތަކާއި ފިލްމުތައް ވެސް ކެންސަލުކުރަމުންނެވެ.
ދުނިޔޭގެ އެންމެ ބޮޑު ސްޓްރީމިން ސާވިސް ކަމަށްވާ ނެޓްފްލިކްސް އަށް މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ދެ މިލިއަން ސަބްސްކްރައިބާސް ނުވަތަ ކަސްޓަމަރުން ގެއްލޭނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފަ އެވެ.
މި އަހަރު ފުރަތަމަ ކުއާޓާގައި އެކަނި ވެސް 200،000 ސަބްސްކްރައިބާސް ގެއްލިފައިވާ ކަމަށް ނެޓްފްލިކްސް ތަފާސްހިސާބުތަކުން ދައްކަ އެވެ.