25 ޑިސެމްބަރ 2016 - 15:37

ރޭ ފޯރިމަރަމުން ދަނިކޮށް ސައިކަލުން ޖައްސާ އަނިޔާވި ފުލުސް މީހާ އިތުރު ފަރުވާއަށް ބޭރަށް ގެންދަން ނިންމައިފި އެވެ.
ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވީ އެ ހާދިސާގައި އަނިޔާވި 26 އަހަރުގެ ފުލުސްމީހާ ބޭރަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށެވެ. ނަމަވެސް އޭނާ ގެންދަނީ ކޮން ގައުމަކަށް ކަމެއް ނުބުނެ އެވެ.
އެ އެކްސިޑެންޓު ހިނގީ، ތާރު އަޅައިގެން ހަދާފައިވާ ބޮޑުތަކުުރުފާނު މަގުން ކަޅުތުއްކަލާ ކޮށި ކައިރީގައި ޖަހާފައިވާ ޗެކްޕޮއިންޓަކަށް މަޑުކުރަން އެންގުމުން މަޑުނުކޮށް ދުއްވުމުގެ ތެރޭގަ އެވެ.
ފުލުސް މީހާ ގައިގައި ސައިކަލުން ޖެއްސުމަށް ފަހު، އެ މީހާ ވަނީ ސައިކަލްގައި ފިލައިފަ އެވެ.
އައިޖީއެމްއެޗުގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޔުނިޓްގެ ޑިރެކްޓަރު އަހުމަދު މައުސޫމް ވިދާޅުވީ ފުލުސް މީހާގެ ފައިގައި ރެނދެއް ލާފައިވާ ކަމަށެވެ. އޭނާގެ ހާލު ސީރިޔަސް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"އޭނާ ބޭރަށް ގެންދަނީ ޕޮލިސް ސާވިސް އިން އެދިގެން،" މައުސޫމް ވިދާޅުވި އެވެ.