33،000 ފޫޓު މަތިން ވެއްޓި ސަލާމަތްވި މީހާ މަރުވެއްޖެ
33،000 ފޫޓު މަތިން ވެއްޓި ސަލާމަތްވި މީހާ މަރުވެއްޖެ

ބަލްގްރޭޑް (ޑިސެމްބަރު 25) - މަތިންދާ ބޯޓު ވެއްޓުނު ހާދިސާއެއްގައި 33،000 ފޫޓް (10،000 މީޓަރު) މަތިން ވެއްޓި ސަލާމަތްވި ބޯޓުގެ ކްރޫއެއް ކަމަށްވާ ވެސްނާ ވުލޮވިކް އުމުރުން 66 އަހަރުގައި މަރުވެއްޖެ އެވެ.

33،000 ފޫޓު މަތިން ވެއްޓި ސަލާމަތްވި މީހާ މަރުވެއްޖެ
33،000 ފޫޓު މަތިން ވެއްޓި ސަލާމަތްވި މީހާ މަރުވެއްޖެ

ސާބިއާގެ ރަސްމީ ޓީވީން ބުނީ ވުލޮވިކް މަރުވެފައި އޮއްވާ ފެނިފައި ވަނީ ބަލްގްރޭޑުގައި އޭނާ ދިރިއުޅުނު އެޕާޓްމަންޓުން ކަމަށެވެ. މަރުވި ސަބަބެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.

ވުލޮވިކް މަސައްކަތް ކުރި ޔޫގޮސްލޭވިއާގެ ޑަގްލަސް އެއާލައިންސްގެ ބޯޓު 1972 ވަނަ އަހަރު ބޮމެއް ގޮއްވާލައިގެން، ޗެކޮސްލޮވަކިއާގެ ފަރުބަދަމަތީގެ ހިސާބަކަށް ވައްޓާލި ހާދިސާގައި ސަލާމަތްވީ އޭނާ އެކަންޏެވެ. ބޯޓުގައި ދެން ތިބި 27 ފަސިންޖަރުންނާއި ފަޅުވެރިން ވަނީ މަރުވެފަ އެވެ.

ތަހުގީގު ޓީމުން ބުނެފައި ވަނީ ބޯޓު ވެއްޓުނު އިރު ވުލޮވިކް ހުރީ ބޯޓުގެ ފަހަތުގައި ފުޓް ކާޓުގައި ތާށިވެފައި ކަމަށެވެ. ބޯޓުގެ ފަހަތްކޮޅު ބޯ ޖަންގަލީގެ ގަސްތަކުގެ ތެރޭން އައިސް ސްނޯގަނޑުގައި ޖެހުމުން ބާރު ވަނީ ކުޑަވެފަ އެވެ. ވުލޮވިކް ސަލާމަތް ކުރީ ޖަންގަލީގައި ގަސްކަނޑަށް އުޅުނު މީހަކަށް ވުލޮވިކް ސަލާމަތަށް އެދި ގޮވާ އަޑު އިވުމުންނެވެ.

ތަހުގީގު ޓީމުން ލަފާކޮށްފައިވާ ގޮތުގައި ބޯޓުގައި ބޮން ހަރުކޮށްފައި ވަނީ ޑެންމާކުގެ ކޯޕެންހޭގަން އަށް ބޯޓު ޓްރާންސިޓް ކުރި ވަގުތު އެވެ. އެކަމަކު އެއްވެސް ކަމެއް ސާބިތުވެ މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ވުލޮވިކް ސަލާމަތްކޮށްގެން ހޮސްޕިޓަލަށް ގެންދިޔަ ފަހުން އޭނާ 10 ދުވަސް ވަންދެން ކޯމާއެއްގައި އޮތެވެ. އޭނާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް، މައިބަދަ އަށް ގެއްލުން ލިބި އަދި އަރިކަށިން ކަށިތައް ވަނީ ބިންދައިގެން ގޮސްފަ އެވެ. އަދި އޭނާގެ އުނަގަނޑުން ތިރި ވާގިނެތުނެވެ. އެކަމަކު ފަހުން މުޅިން ރަނގަޅުވުމާ އެކު އެއާލައިނުން ވަނީ އިދާރީ ވަޒީފާއެއް ހަމަޖައްސައިދީފަ އެވެ.

ނިއު ޔޯކް ޓައިމްސް އަށް 2008 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި ވުލޮވިކް ވަނީ އޭނާ މިހާ ގިނަ ދުވަހު ދުނިޔޭގެ ހުންނާނެ ކަމަށް އެކަކު ވެސް އުއްމީދު ނުކުރާނެ ކަމަށް ބުނެފަ އެވެ.

ވުލޮވިކް ބުނީ ބޯޓު ވެއްޓުނު ހާދިސާ އާއި އޭނާގެ ސަލާމަތްކުރި ގޮތުގެ ހަނދާން ނެތް ކަމަށެވެ. އަދި އޭގެ ފަހުން ވެސް އޭނާ ވަނީ ޕަސިންޖަރެއްގެ ގޮތުގައި ދަތުރުކޮށްފަ އެވެ.

ވޯޓު ވެއްޓުނު ހާދިސާ އިން ސަލާމަތްވި މީހާގެ ގޮތުގައި ވުލޮވިކަށް ވަނީ ސާބިއާގައި މަޝްހޫރުކަން ވެސް ލިބިފަ އެވެ. ރައީސް ސްލޮބްޑާން މިލޯސެވިޗާ ދެކޮޅަށް ބޭއްވި އެއްވުމެއްގައި ބައިވެރިވެގެން ވުލޮވިކް ވަނީ 1990 ވަނަ އަހަރު އެއާލައިނުގެ ވަޒީފާ އިން ވަކިކޮށްފަ އެވެ.

ބޯޓު ވެއްޓުމުގެ ހާދިސާ އިން ވުލޮވިކް ސަލާމަތްވި ނަމަވެސް ދުނިޔޭގެ ރެކޯޑް ފޮތަށް ވަނީ އޭނާގެ ނަން އަރައިފަ އެވެ. އެއީ ވައިކުޑައަކާ ނުލައި އެންމެ މަތިން ވެއްޓި ސަލާމަތްވި މީހާގެ ގޮތުގަ އެވެ.