30 އެޕްރީލް 2022 - 11:31

ހުޅުމާލޭގެ 10 ބިމެއްގައި އެޕާޓްމަންޓް އިމާރާތްތަކެއް އަޅައި، ހިންގާނެ ބަޔަކު ހޯދަން އެޗްޑީސީން އިއުލާންކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެޗްޑީސީން ކުރި އިއުލާނުގައި ބުނީ ލޯކަލް ޑިވެލޮޕާޒް ނުވަތަ ދިވެހި ކުންފުނިތަކަށް ހާއްސަކޮށްފައިވާ ތިން މަޝްރޫއުގެ ދަށުން ހުޅުމާލޭގެ 10 ބިމެއްގައި ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެއް ހަދައި، ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލާފައިވާ ކަމަށެވެ.
އެ މަސައްކަތް ކުރުމަށް ދޫކުރަނީ 1،657 އަކަފޫޓާއި 3،411 އަކަފޫޓާ ދެމެދުގެ ބިންތަކެވެ.
● ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ނެއިބަހުޑް 1 ރީތިގަސްމަގާއި ގުލްޗަންޕާމަގު ގުޅޭ ކަންމައްޗަށް އޮންނަ ބިމެއް.
● ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ނެއިބަހުޑް 2 ގެ ނިރޮޅުމަގު 20 ނަންބަރު ގޯޅީގައި އޮންނަ ބިމެއް.
● ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދެވަނަ ވަގުތީ މިސްކިތް ހުންނަ ސަރަހައްދާ ކައިރިން 8 ބިމެއް.
ހަމައެކަނި ރާއްޖޭގެ ކުންފުނިތަކަށް ހުޅުވާލި އެ ފުރުސަތުގައި، އަންނަ ޖޫން މަހު 9 ވަނަ ދުވަހުގެ ކުރިން ބިޑް ހުށަހަޅަން ޖެހެ އެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި 500،000ރ. ވެސް ހުށަހަޅަން ޖެހެ އެވެ.
ހުށަހަޅާ ޕްރޮޕޯސަލްތަކުން، ހޮވޭ ފަރާތްތަކުގެ ތެރެއިން ކޮންމެ ފަރާތަކަށް ދޭން ނިންމާފައި ވަނީ އެއް ބިމެވެ.
އެޗްޑީސީން ބުނީ އެ ބިންތަކުގެ ތެރޭގައި އަގުހިފެހެއްޓިފައިވާ އެޕާޓްމަންޓްތަކެއް ވެސް ހިމެނޭ ކަމަށެވެ. ޕްލޭނިން މިނިސްޓްރީގެ ގައިޑްލައިނާ އެއްގޮތަށް އެ އެޕާޓްމަންޓްތައް ވިއްކަންޖެހޭ މި ތަންތަނުގައި އަގުހިފެއްޓިފައިިވާ އެޕާޓްމަންޓްކުގެ ތެރެއިން ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ވިއްކޭނީ 1.5 މިލިއަން ރުފިޔާ އަށެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ވިއްކޭނީ 2.5 މިލިއަން ރުފިޔާ އަށެވެ.
އެ އެޕާޓްމަންޓްތައް ގަންނަ މީހުންނަށް ހާއްސަ ޕާކިން ޒޯނެއް ވެސް ހަދަން ޖެހެ އެވެ. އެތަނުން ކާރު ޕާކިން ސްލޮޓް ވިއްކާ ގޮތަށް ހަމަޖައްސާފައި ވާއިރު ސައިކަލު ހިލޭ ޕާކްކުރެވޭނެ އެވެ. ކާރު ޕާކްކުރަން ބިން ވިއްކަން ޖެހޭނީ އަކަފޫޓަކަށް 1،000ރ. އަށެވެ.
އެޗްޑީސީން ބުނީ ޕްރޮޕޯސަލް ކާމިޔާބުކުރާ ފަރާތްތަކުން އެޕާޓްމަންޓްތައް އިޝްތިހާރުކުރަން ވާނީ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހުގައި ކަމަށެވެ. އަދި ބުކިން ފީ ފަދަ އެއްވެސް ފައިސާއެއް ކަސްޓަމަރުންގެ އަތުން ނަގަން ވާނީ، އެ ވިއްކުމުގެ ކުރިން އެޗްޑީސީން ހޯދަން ޖެހޭ ހުއްދަ ހޯދުމަށް ފަހުގައި ކަމަށެވެ. އަދި އެއް ކަސްޓަމަރަކަށް އެއް އެޕާޓްމަންޓަށް ވުރެ އިތުރަށް ވިއްކުން މަނާކޮށްފައިވެ އެވެ.