30 އެޕްރީލް 2022 - 02:50

ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައިވާ ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ރައީސަކަށް، އެޓީމުގެ ކުރީގެ ބޯޑު މެންބަރު، ގ. ކަކާގޭ ހުސައިން އާދަމް އިންތިހާބުކޮށްފި އެވެ.

ގިނަ ކުޅިވަރުތަކުގައި ކުރިން ވާދަކުރި ވިކްޓަރީގެ ފުޓްބޯޅަ ޓީމަށް ކުޅުއްވި ހުސައިން އާދަމަކީ ވިކްޓަރީގެ ކުރީގެ ބޯޑަށް ވެސް އިންތިހާބުވި މެންބަރެކެވެ. ކުރީގެ ޗެއާމަން ޑރ. އިބްރާހިމް ނާޝިދުގެ ބޯޑުގައި ހުސައިން މަސައްކަތް ކުރެއްވި އެވެ.

ކަލާފާން ސްކޫލްގައި މިރޭ ބޭއްވި އިންތިހާބުގައި، ބޯޑު މެންބަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މަންބަރު އަލީ ނިޔާޒު ވެސް އިންތިހާބު ވެވަޑައިގަތެވެ. އެނގިފައިވާ ގޮތުގައި ޗެއާމަނަކަށް ކުރިން ވަޑައިގަންނަވާ ގޮތަށް އޮތީ ނިޔާޒު އެވެ. އެކަމަކު އޭނާގެ ވިސްނުން ބަދަލު ކުރައްވައި ހުސައިން އަށް ފުރުސަތު ދެއްވީ ކީއްވެގެން ކަމެއް ނޭނގެ އެވެ.

ކުރިން އޮތް ބޯޑްގައި ދެ ނައިބު ރައީސުން ތިއްބެވި ނަމަވެސް މިފަހަރު އިންތިހާބު ކުރި އެންމެ ބޭފުޅެކެވެ. އިންތިހާބުގައި ނައިބު ރައީސްކަމަށް ކުރިމަތިލެއްވި އަލީ ލަތީފު ވަނީ ނައިބު ރައީސް ކަމަށް ހޮވައިފަ އެވެ.
ދެން ބޯޑް މެންބަރުގެ ގޮތުގައި ތިއްބެވި ބޭފުޅުންނަކީ، ވިކްޓަރީގެ ޒަމާންވީ ދެ ހިދުމަތްތެރިން ކަމަށްވާ، ގޯލް ކީޕަރު ޓްރެއިނަރު އަހްމަދު ރިޔާޒު (ގާނާ) އާއި އަހްމަދު އަރީޝް (ޕަޓޭ) އެވެ. ވިކްޓަރީގެ ކުރީގެ ދެ ފޯވާޑުން ކަމަށްވާ، އިބްރާހިމް މުހައްމަދު ފާއިގް އާއި މުހައްމަދު ޝައްފާޒު (ސައްޕޭ) ވެސް ވަނީ ބޯޑަށް އިންތިހާބުކޮށްފަ އެވެ.
ބޯޑްގެ އަންހެން މެންބަރަކީ ފާތިމަތު ޝެރީން އެވެ. އިންތިހާބަށް ފަހު ކްލަބްގެ ރައީސް، ހުސައިން ވަނީ ކްލބްގެ ޖެނަރަލް ސެކެރެޓަރީ ކަމަށް މޫސާ ރަމީޒް އަދި ހަޒާންދާރު ކަމަށް އަހްމަދު ހުސައިން އައްޔަންކޮށްފަ އެވެ.
ވިކްޓަރީގެ އެކްސްކޯ
ކްލަބްގެ ރައީސް: ހުސައިން އާދަމް
ނައިބު ރައީސް: އަލީ ލަތީފް
ބޯޑް މެންބަރު: އަލީ ނިޔާޒު
ބޯޑް މެންބަރު: ފާތިމަތު ޝެރީން
ބޯޑް މެންބަރު: މުހައްމަދު ޝައްފާޒް
ބޯޑް މެންބަރު: އިބްރާހިމް މުހައްމަދު ފާއިގް
ބޯޑް މެންބަރު: އަހްމަދު ފައިސަލް
ބޯޑް މެންބަރު: އިބްރާހިމް އިޒްހާން
ބޯޑް މެންބަރު: އިސްމާއީލް ޝަރީފް
ބޯޑް މެންބަރު: އަހްމަދު އަރީޝް
ބޯޑް މެންބަރު: އަހްމަދު ރިޔާޒު
ހުސައިން އާދަމް އާއި އޭނާގެ ބޯޑަށް އޮތް ޗެލެންޖް ބޮޑެވެ. އެކްލަބް ސަސްޕެންޝަނުން ނެގުމަށް ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަތައް އަދާ ކުރަން ޖެހެ އެވެ. ލޯކަލް ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިންނަށް ދޭން ޖެހިފައި ހުރި މުސާރަތައް އެބަހުއްޓެވެ. އެކްލަބް ސަސްޕެންޝަނުން ފިލާނީ ދަރަނި އަދާކުރުމުގެ އިތުރަށް ސަސްޕެންޝަން އުވާލުމަށް އެފްއޭއެމްގެ ކޮންގްރެސްއިން ފާސް ކުރުމުންނެވެ.