ބިދޭސީއެއްގެ އަތުން ނެގި ލޯނެއް ނުދެއްކުމުން ސަފާރީ ނީލަން ކިޔަނީ
ބިދޭސީއެއްގެ އަތުން ނެގި ލޯނެއް ނުދެއްކުމުން ސަފާރީ ނީލަން ކިޔަނީ

އިޓަލީ ރައްޔިތެއްގެ އަތުން ދިވެހި ކުންފުންޏަކުން ނެގި ލޯނެއް ނުދެއްކި މައްސަލައިގައި، ރާއްޖޭގައި ދުއްވާ ސަފާރީއެއް ވިއްކާލަން ސިވިލް ކޯޓުން އިއުލާންކޮށްފި އެވެ.

ގްރަންޑީޒާ ނަމަކަށް ކިޔާ ސަފާރީ ނީލަމުގައި ވިއްކާލަން ކޯޓުން އިއުލާން ކޮށްފައިވަނީ އޯޝަން އެޑްވެންޗަރަސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުނިން އިޓަލީ ރައްޔިތެއްގެ އަތުން ނެގި 2.5 މިލިއަން ޑޮލަރުގެ ލޯނެއް އަނބުރާ ދައްކަން ކޯޓުން ހުކުމް ކުރުމުން ވެސް އެ ފައިސާ ނުދެއްކުމުންނެވެ.

ކޯޓުން އިއުލާންކޮށްފައިވާ ގޮތުން އިންޖީނާ އެކު ވިއްކާލާ އެ ސަފާރީގެ ނީލަން ފެށޭ އަގަކީ އެއް މިލިއަން ޑޮލަރެވެ. ނީލަން ނިމޭ އިރު އެންމެ މަތީ އަގެއް އެ ސަފާރީ އަށް ހުށަހަޅާ ފަރާތަކުން 15 ދުވަސް ތެރޭގައި ފައިސާ ދައްކަންޖެހޭނެ ކަމަށް ކޯޓުގެ އިއުލާނުގައިވެ އެވެ.

ބޭނުން ކުރާތާ ހަތް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އެ ސަފާރީ އަށް އަގު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ދެ ވަނަ ދުވަހުން ފެށިގެން އަށް ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.

އެ ލޯނުގެ މައްސަލައިގައި ޖެނުއަރީ، 2014 ގައި ކޯޓުން ހުކުމްކުރީ އިޓަލީ މީހާ އަށް އެހާތަނަށް ނުލިބި އޮތް 819،000 އަށް ވުރެ ގިނަ ޑޮލަރު އޯޝަން އެޑްވެންޗަރަސް ކިޔާ ކުންފުނިން ހަ މަސް ތެރޭގައި ދެއްކުމަށެވެ. އަދި އިޓަލީ މީހާގެ ހުއްދަ ނެތި އެ ސަފާރީގެ މިލްކުވެރިކަން ބަދަލު ނުކުރެވޭނެ ކަމަށާއި އަދި ފައިސާ އަނބުރާ ދައްކައި ނިމެންދެން ރަހުނު އެއްބަސްވުން ދެމިއޮންނާނެ ކަމަށް ވެސް އޭރު ކުރި ހުކުމުގައިވެ އެވެ.