29 އެޕްރީލް 2022 - 00:16

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އިސްވެ ހުންނަވައިގެން ހިންގަވާ ކިންގްސް ކެޕިޓަލް ހޯލްޑިންސްގައި އިންވެސްޓްކުރި މީހުންނަށް ބޮޑު ގެއްލުމެއް ވެދާނެ ކަމަށާއި އެކަމަކު މި މައްސަލާގައި ކޯޓަށް ނުދިއުމަށް އެ ކުންފުނިން އެދެފި އެވެ.
އޮންލައިން ޓްރޭޑިން ހިންގުމަށް އިންވެސްޓްކުރުމުގެ ނަމުގައި އެތައް ބައެއްގެ އަތުން އެތައް މިލިއަން ރުފިޔާއެއް ނަގާފައި ވަނިކޮށް، މިއީ ނުރައްކާތެރި އަދި ގެއްލުން ބޮޑު ފަންޑަކަށް ވެދާނެ ކަމަށް ބުނެ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އާންމުންގެ ސަމާލުކަމަށް ގެނެސް އެޅި ފިޔަވަޅުތަކާ އެކު މިހާރު ވަނީ ކިންގްސް ހުއްޓުމަކަށް އައިސްފަ އެވެ.
އޮންލައިން ޓްރޭޑިން ހުއްޓުމަކަށް ގެންނަން ޖެހިފައިވާކަން ފާހަގަކޮށް ކިންގްސް އިން ނެރުނު ބަޔާނެއްގައި ބުނީ ކުންފުނީގެ ވިޔަފާރިއާ ގުޅުންހުރި ޖިނާއީ ތަހުގީގެއް ހިންގާ ކަމަށް ފުލުހުން ބަޔާން ނެރުމާ އެކު، ކުންފުނީގެ އޮންލައިން ޓްރޭޑިން އެފިލިއޭޓް ޕާރޓްނަރު ޑެރިވް އިން ޕާޓްނާޝިޕް ވެސް ސަސްޕެންޑްކޮށް ޚިދުމަތްތައް މެދުކަނޑާލާފައިވާ ކަމަށެވެ.
"މިކަމުގެ ސަބަބުން މިކުންފުންޏަށް ގާތްގަނޑަކަށް 60 މިލިޔަން ރުފިޔާގެ ގެއްލުންވެ، ވިޔަފާރި އެއްބަސްވެފައިވާ ގޮތަށް ގެންދަން ހުރަސް އެޅި، ހުއްޓުމަކަށް އައިސްފައިވާ ވާހަކަ ހިތާމަޔާ އެކު ތިޔަ ބޭފުޅުންގެ މަޢްލޫމާތަށްޓަކައި ދަންނަވަމެވެ." ބަޔާނުގައިވެ އެވެ.
ކިންގްސް އިން ބުނީ ރާއްޖޭން ބޭރުން ޓްރޭޑްކުރާ ފައިސާ އެއްވެސް އީ ވޮލެޓަކުން ރާއްޖެއަށް އެތެރެ ނުކުރެވޭ ގޮތަށް ހަދައި އުސޫލުތައް ހަރުކަށިކޮށްފައި ވާތީ މަނީ ލޯންޑަރިންއަކަށް ތުހުމަތު ނުވާގޮތަކަށް
ރާއްޖެއަށް ފައިސާ ގެނެވެން ވެސް މިހާރު ނެތް ކަމަށެވެ.
އެކަން ކުރުމަށް އެހެން ގައުމެއްގައި ރަޖިސްޓަރީ ވާންޖެހޭ ކަމަށް ބުނެ ކިންގްސް އިން ވަނީ އޭގެ ފަހުން ފައިސާ ގެނެސް ފައިސާ ދެވޭނެ އިންތިޒާމް ހަމަޖެއްސޭނެ ކަމަށް އަނެއްކާވެސް ބުނެފަ އެވެ. އެކަމަކު ބުނެފައި ވަނީ މިކަމަށް އަދި ވަގުތު ނަގާނެ ކަމަށެވެ.
"މިކަން މިހެން ދިމާވުމާ ގުޅިގެން، އަޅުގަނޑުމެން ފެށި ކޮޕީޓްރޭޑިންގެ މަސައްކަތް ކުރިއަށް ނުގެންދެވުނީ ޑެރިވްގެ ޕާރޓްނާޝިޕް ސަސްޕެންޑް ވުމާ ގުޅިގެން ވީ މާލީ ގެއްލުމާ އެކީ ފައިސާ އެކައުންޓުތަކަށް ލުމާ، ނެގުމާ ގުޅޭ ގޮތުން ކުރިން ލިބެންހުރި ޚިދުމަތްތައް ވެސް ނުލިބޭ ގޮތްވެ، ދިމާވި ދަތިތަކުގެ ސަބަބުންނެވެ."
ކިންގްސް އިން ބުނީ ކަސްޓަމަރުންގެ އަތުން އިންވެސްޓްމަންޓް ނެގުން ހުއްޓާލީ އޮންލައިން ޓްރޭޑިން މަނާކުރުމަށާއި ގާނޫނީ ކުށަކަށް މިކަން ވެދާނެ ފަދަ ގޮތަކަށް ކަމާ ބެހޭ ބައެއް އިދާރާތަކުން ބަޔާންނެރެ އިންޒާރު ދީފައި ވާތީ، މިކަމަށް ސާފު ގާނޫނީ މަގެއް ހޯދެންދެން ކަމަށެވެ. އަދި އިންވެސްޓްކުރި މީހުންނަށް ފައިސާ ދިނުމުގައި ޒިންމާ ނަގައި އެއްބަސްވުމާ އެއްގޮތަށް އަމަލުކުރާނެ ކަމުގެ ޔަގީންކަން އަނެއްކާވެސް ވަނީ ދީފަ އެވެ.
ކިންގްސްގެ ފަންޑުގެ މައްސަލަ ބޮޑުވުމާ އެކު، އޭގައި އިންވެސްޓްކޮށްފައިވާ އެތައް ބަޔަކު އަނބުރާ ފައިސާ ހޯދަން މަސައްކަތްކުރަން ފެށުމުން ކިންގްސް އަށް ވަނީ އެކަން ކޮށްނުދެވިފަ އެވެ. އެކަމަކު ބައެއް މީހުންނަށް ފައިސާ ދީފައިވާ ކަމަށް ބުނެ، ކިންގްސް އިން ވަނީ ފައިސާ ނުދެވި ލަސްވަނީ "ފައިސާ ރާއްޖެން ބޭރުން ގެނެސް ދިނުމުގެ އިންތިޒާމް އަދި ހަމަޖެހިފައި ނެތީތީ" ކަމަށެވެ.
އެހެންވެ މާފަށް އެދި، ބުނެފައި ވަނީ ވީހާ އަވަހަކަށް ފައިސާ ދޭނެ ކަމަށެވެ.
އަނބުރާ ފައިސާ ދޭން ތިން މަހެއްހާ ދުވަސް ނަގާނެ ކަމަށް ކިންގްސް އިން ބުނެ އެވެ.
"ފައިސާ އަނބުރާ ނަންގަވަން އެދިވަޑައިގެންފައިވާ ފަރާތްތަކަށް ފައިސާ ދީ ނިންމުމަށް އަދި ގިނަވެގެން ތިން މަސް ދުވަހުގެ މުއްދަތެއް ބޭނުންވާ ވާހަކަ ހިތާމަޔާ އެކު މިދަންނަވަނީ މިނޫން ގޮތެއް މިވަގުތަކަށް ނެތުމުގެ ސަބަބުން ކަމުގައި ވެސް ދެންނެވީމެވެ." ފައިސާ ހޯދަން ގިނަ ބަޔަކު އެއްފަހަރާ އެދެމުން އަންނަކަން ދޭހަވާ އިބާރާތަކުން ނެރުނު ބަޔާނުގައިވެ އެވެ.
ކުންފުނިން އެދިފައި ވަނީ ފައިސާ އަނބުރާ ނުގެންގޮސް ވަގުތު ދިނުމަށެވެ. އަދި އިންވެސްޓްމަންޓް އަނބުރާ ގެންދަން ބޭނުންވާ ނަމަ މި މަސް ނިމުމުގެ ކުރިން އެކަމަށް އެދެން ބަޔާނުގައި ބުނެފައިވެ އެވެ. ފައިސާ ނުގެންގޮސް ބަހައްޓައިފި ނަމަ، ކިންގްސް އިން ބުނީ އިތުރަށް 25 ޕަސެންޓް ދޭނެ ކަމަށެވެ.
"މި ކަމުގައި ހިތްޕުޅު ހަމަޖެހި ވަޑައިނުގަންނަވާތީ ބައެއް ބޭފުޅުން ހަރުކަށި އިންޒަަރު ދެއްވައި ހައްދަފާފައިވާތީ، އެފަދަ ކަންކަން ނުކުރެއްވުމަށް އިހްލާސްތެރިކަމާއެކީ ދަންނަވަމެވެ. ތިޔަ ބޭފުޅުންނަށް މިކަމުގެ ސަބަބުން ބޮޑު ގެއްލުމެއް ވެދާނެކަން ގަބޫލުކުރަމެވެ. އެހެންނަމަވެސް އެއީ މިކުންފުނިން ގަސްތުގައި ރަާވައިގެން ދިން ގެއްލުމެއްކަމަށް ދެކިވަަޑައިނުގަންނަވާށެވެ." މީހުންގެ ރުޅިވެރިކަން ބޮޑުވެފައި ވާތީ އެކަމާ ގުޅޭ ގޮތުން ކިންގްސް އިން ބުނެފައިވެ އެވެ.
"މިކަމާ ގުޅިގެން މިކުންފުންޏާ މެދު ޝަކުވާ ކުރައްވައި، ކޯޓުތަކަށް ވަޑައި ނުގަތުމަކީ އެދޭ ކަމެކެވެ."
ކިންގްސް އިން ވަނީ އިންވެސްޓްކޮށްފައިވާ މީހުން ކަންކަން އޮޅުންފިލުވަން މެސެޖުކުރުން ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ދޭހަވާ ގޮތަކަށް އެ ވާހަކަ ބުނެފަ އެވެ. ބަޔާނުގައި ބުނެފައި ވަނީ އެއް މެސެޖުކުރުމަށް ފަހު ޖަވާބު ލިބެންދެން "ވަގުތުކޮޅެއް" ދިނުމަށެވެ.
މި ފައިސާ ލަސްވުމުގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި އިންވެސްޓްކުރެއްވި ފައިސާގެ 25 ޕަސެންޓް އިތުރަށް ދޭނެ ވާހަކަ ވެސް ދެންނެވީމެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ވަނީ ނަގަންޖެހޭ ހުއްދަތަކާއި ލައިންސަންސް ނެތި، އާންމުން އަތުން ފައިސާ ހޯދައިގެން ފަންޑު ހިންގުމަކީ މަނާކަމެއްކަން އަންގައި، އެފަދަ ފަންޑުތަކުގައި އިންވެސްޓްކޮށް ފައިސާ ނުލިބި ތިބި މީހުން އެކަން އަންގައިދޭން އެދިފަ އެވެ. ފަންޑުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވާތީ އެތަނުން ވެސް އަންނަނީ ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ.