ފުލުހުންގެ ވަޒީފާއަށް ކުރިމަތިލާން ހުޅުވާލައިފި
ފުލުހުންގެ ވަޒީފާއަށް ކުރިމަތިލާން ހުޅުވާލައިފި

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

އެ އިދާރާއިން ކުރި އިއުލާނުގައި ބުނީ ވަޒީފާއަށް ވަންނަން އެދޭ ފޯމާއި ކުށުގެ ރިކޯޑު ބަލާ ފޯމު ފުރިހަމަކުރުމަށްފަހު އަންނަ މަހުގެ 22ގެ ކުރިން ޝަހީދު ހުސެއިން އާދަމް ބިލްޑިން ނުވަތަ ރަށްރަށުގައި ގާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކަށް ހުށަހެޅޭނެ ކަމަށެވެ.

އެ މަގާމުގެ މުސާރައަށް 11،810ރ. ލިބޭނެ އެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި 4،650ރ، ސާވިސް އެލަވަންސް އަށް 5،000ރ، ނޮން-ޕްރެކްޓިސް އެލަވަންސްއަށް 1،860ރ. އަދި ޔުނީފޯމް އެލަވަންސްއަށް 300ރ. ލިބޭނެ އެވެ.

ޕްރޮބޭޝަންގެ ތިން މަސް ހަމަވުމުން ސާވިސް އެލަވަންސް އާއި ނޮން-ޕްރެކްޓިސް އެލަވަންސް އަދި ޕްރޮފެޝަނަލް އެލަވަންސް ހަމަޖައްސާނެ އެވެ.

ވަޒީފާގެ ޝަރުތުތަކުގެ ތެރޭގައި ޖީސީއީ އޯ ލެވެލް އިމްތިހާނުން އަދި އެސްއެސްސީ އިމްތިހާނުން މަދުވެގެން ތިން މާއްދާއިން "ސީ" ފާހެއް ލިބުން ނުވަތަ ޖީސީއީ އޯ ލެވެލް އިމްތިހާނު ނުވަތަ އެސްއެސްސީ އިމްތިހާނު ހިމެނޭހެން ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ލެވެލް ތިނެއްގެ ކޯހެއް ފުރިހަމަކޮށްފައިވުން ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން ހިމެނެ އެވެ.

އެ ޝަރުތުތައް ހުރި ފިރިހެނެއް ނަމަ އިސްކޮޅުގައި ފަސް ފޫޓު ތިން އިންޗި އަދި އަންހެނެއް ނަމަ ދިގުމިނުގައި ފަސް ފޫޓު ހުންނަން ޖެހެ އެވެ.

ވަޒީފާއަށް މީހުން ހޮވުމުގައި ތައުލީމީ ގޮތުން މަތީ ސަނަދު ހާސިލްކޮށްފައިވާ މީހުންނަށް އިސްކަންދޭނެ އެވެ. އޭގެ އިތުރުން އެސެސްމަންޓުތަކުން މަތީ ނަތީޖާ ހޯދާ މީހުންނާއި ފުލުހުންގެ ހިދުމަތަށް ގާނޫނީގޮތުން ލާޒިމްކުރާ މަސައްކަތްތައް ކުރުމަށް ކަނޑައަޅާ ދާއިރާތަކަށް އަދި ދާއިރާތަކަށް ހާއްސަ ކުރެވިފައިވާ އަދަދުތަކަށް ކުރިމަތިލާ އަންހެން ކެންޑިޑޭޓުންނަށް އިސްކަންދޭނެ ކަމަށް އިއުލާނުގައި ބުންޏެވެ.