ޝަކުވާ ބަލާ ކޮމިޓީ ގަވާއިދާ ހިލާފު, ފައްޔާޒްގެ ޓީމުން އިސްތިއުނާފަށް
ޝަކުވާ ބަލާ ކޮމިޓީ ގަވާއިދާ ހިލާފު, ފައްޔާޒްގެ ޓީމުން އިސްތިއުނާފަށް

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ކެމްޕޭންގެ ތަސައްވަރު ކިލަނބުވާ ގޮތަށް، އިންތިހާބަށް ނުފޫޒު ފޯރުވައި ވަކި ފަރާތަކަށް ކަންކަން ފަހިވާ ގޮތަށް އެމްޑީޕީގެ ޝަކުވާ ބަލާ ކޮމިޓީން ނިންމި ނިންމުން އިސްތިއުނާފް ކުރަން ނިންމައިފި އެވެ.

ޝަކުވާ ބަލާ ކޮމިޓީގެ ނިންމުންތަކެއް ނިންމީ އިންތިހާބާ ދިމާކޮށް ވަޒީފާގެ ބިރުދައްކައި ނުފޫޒު ފޯރުވާ ކަމަށް ފައްޔާޒްގެ ވާދަވެރިޔާ، އިމްތިޔާޒް ފަހުމީގެ ޓީމުން ހުށަހެޅި މައްސަލަތައް ބެލުމަށް ފަހު އެވެ.

ފައްޔާޒްގެ ޓީމުން ނެރުނު ނޫސް ބަޔާނުގައި ބުނީ ޕާޓީގެ ގުނަންތަކުން އިންތިހާބަށް ނުފޫޒު ފޯރުވަމުންދާ ކަން އެ ނިންމުންތަކުން އެނގޭ ކަމަށެވެ. އެ ނިންމުންތައް ހުރީ ޕާޓީން އާއްމުކޮށްފައިވާ ގަވާއިދުތަކާއި އަމަލުކުރާ އުސޫލްތަކާ ހިލާފަށް ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ފުރަތަމަ ކަމަކަށް ފާހަގަކޮށްފައި ވަނީ ގަވާއިދާ ހިލާފަށް އެކުލަވާލާފައިވާ ކޮމިޓީއަކުން ޝަކުވާތައް ބެލުމެވެ.

އެ ކޮމިޓީގައި ތިއްބަވަނީ ޑރ. މުސްތަފާ ލުތުފީ އާއި އަލީ ޝިޔާމްގެ އިތުރުން ފަރީޝާ އަބްދުﷲ އެވެ.

އެމްޑީޕީގެ އިންތިހާބުތަކާ ބެހޭ ގަވާއިދުގައިވާ ގޮތުން އިންތިހާބާ ގުޅޭ ގޮތުން ހުށަހަޅާ ޝަކުވާތަކާއި މައްސަލަތައް ބެލުމަށް އިންތިހާބާ ބެހޭ ކޮމިޓީގެ މެމްބަރަކު ހިމެނޭ ގޮތުން ތިން މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލަން ވާނެ އެވެ. އެކަމަކު ފައްޔާޒްގެ ކެމްޕޭން ޓީމާ ދެކޮޅަށް ނިންމުންތައް އައީ އެ މާއްދާއާ ޚިލާފަށް އެކުލަވާލާފައި އޮތް ކޮމިޓީއަކުން ކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"އަދި ކޮމިޓީން މައްސަލަތައް ބަލާފައި ވަނީ އިންތިހާބާ ބެހޭ ގަވާއިދުގެ 46 ވަނަ މާއްދާގެ ށ. ގައި ބަޔާންކުރާ ކޮމްޕްލެއިންޓްސް ކޮމިޓީއަށް މައްސަލައެއް ހުށަހެޅިއްޖެ ނަމަ ގިނަވެގެން 48 ގަޑިއިރު ތެރޭގައި އެ މައްސަލަ ބަލައި އެ މައްސަލައަކާ މެދު ގޮތެއް ނިންމައި މައްސަލަ ހުށަހެޅި ފަރާތަށް އަންގަންވާނެ އެވެ. [ނިންމުންތައް އައީ] މި މާއްދާއާ ހިލާފަށް ކަން ފާހަގަކުރަމެވެ،" ނޫސް ބަޔާނުގައިވެ އެވެ.

ކޮމިޓީގެ ޝަކުވާތައް ނިންމައި ޖަވާބުދިނީ ހުށަހެޅިތާ ގާތްގަނޑަކަށް ތިން ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

ފައްޔާޒްގެ ކެމްޕޭން ޓީމުން ބުނީ އެމްޑީޕީއަކީ އަމަލުކުރަން ޖެހޭ ގަވާއިދުތައް ވަރަށް ސާފުކޮށް ލިޔެ އާއްމުކޮށްފައިވާ ޕާޓީއަކަށް ވާ އިރު ޝަކުވާ ބަލާ ކޮމިޓީން އުސޫލްތަކާ ހިލާފުވެފައިވާ ކަމަށެވެ. އެ ނިންމުންތަކުގެ ސަބަބުން ކެންޑިޑޭޓުގެ ހައްގުތަކެއް ގެއްލި ވާދަވެރި ކެންޑިޑޭޓަށް ފަހިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ނިންމުންތައް ކެމްޕޭން ޓީމުން ވަނީ ކުށްވެރިކޮށްފަ އެވެ.

"މި ކެމްޕޭނުން ގަބޫލުކުރާ ގޮތުގައި ކޮމިޓީއަށް ހުށަހެޅި ބަލާފައިވާ ޝަކުވާތަކަކީ އިންތިހާބާ ގުޅޭ ޝަކުވާތަކެއް ނޫނެވެ،" ބަޔާނުގައިވެ އެވެ.

"އަދި ޕާޓީގެ ގުނަންތަކުން މި އިންތިހާބަށް ނުފޫޒު ފޯރުވާ އިންތިހާބުގެ ކަންކަމުގައި ވަކި ފަރާތަކަށް ފަހިވާ ގޮތަށް ހިންގާ ކަން ހާމަވެ އެވެ."