28 އެޕްރީލް 2022 - 15:19

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗީފް އިންޓާނަލް އޮޑިޓާގެ މަގާމަށް އާ ބޭފުޅަކު ހަމަޖައްސައިފި އެވެ.
ބީއެމްއެލްގެ ޗީފް އިންޓާނަލް އޮޑިޓާގެ މަގާމަށް މިއަދު ހަމަޖެއްސީ މީގެ ކުރިން ކާބުލްގެ ގާޒަންފަރު ބޭންކުގެ އިންޓާނަލް އޮޑިޓަރުގެ މަގާމުގައި ހުންނެވި ބިޝްވަޖިތު މަޒުމްދާރެވެ.
ބީއެމްއެލްއިން ބުނީ ބިޝްވަޖިތަކީ ބިޒްނަސް އޮޕަރޭޝަންސް އަދި ސްޓްރެޓެޖިކް ޕްލޭނިން ދާއިރާއިން 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެއް ކަމަށެވެ.
ބިޝްވަޖިތު ބީއެމްއެލް އާއި ގުޅިވަޑައިގަތުމުން އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވަނީ ބިޝްވަޖިތަށް މަރުހަބާ ވިދާޅުވެ ކާމިޔާބަށް އެދިވަޑައިގެންފަ އެވެ. ބިޝްވަޖިތަކީ އިންޓާނަލް އޮޑިޓިންގެ ދާއިރާގެ އިތުރުން ކޯޕަރޭޓް ގަވަނަންސް, ރިސްކް މެނޭޖްމަންޓް އަދި ކޮމްޕަލައަންސްގެ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެއްކަން ވެސް ޓިމް ފާހަގަކުރެއްވި އެވެ.
ބިޝްވަޖިތަކީ ސްޓޭޓް ބޭންކް އޮފް މޮރިޝަސްއާއި އަފްގާނިސްތާން އިންޓަނޭޝަނަލް ބޭންކާއި ސެންޓްރަލް ބޭންކް އޮފް އޮމާން އާއި ބެންގަލޫރުގެ އައިއެންޖީ ބޭންކް ލިމިޓެޑްގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.