29 އެޕްރީލް 2022 - 08:46

ބޮލީވުޑްގެ ޒުވާން ތަރި ތާރާ ސުތާރިއާ، އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ ސަޕޯޓަރުންނަށް އޮޅިއްޖެ އެވެ.

ތާރާ އާއި ޓޭލާއާ ހުރީ ކޮން ކަހަލަ އެއްގޮތް ކަމެއްތޯ ވެސް ހިތަށް އަރާފާނެ އެވެ. އެކަމަކު އެންމެ ފަހުން ތާރާ އިންސްޓަގްރާމް ކުރި ޕޯސްޓާ އެކު ގިނަ ބަޔަކު ހީކުރީ އެއީ ޓޭލާ ކަމަށެވެ.
އެ ފޮޓޯގައި ތާރާ ފެންނަނީ އޭނާގެ ދިގު އިސްތަށިގަނޑުގެ ފަހަތުން ހުޅިއެއް ޖަހާފައި ވަނިކޮށެވެ. އެކަމަކު ނިއްކުރި މަތިން އިސްތަށިގަނޑު ބުރިކޮށްލާފައި ހުރީ ޓޭލާގެ އިސްތަށިގަނޑު ވެސް ހުންނަ ކަހަލަ ގޮތަށެވެ. އެހެންވެ، ތާރާ އާއި ޓޭލާ އަޅާ ކިޔަމުން އަންނައިރު، ސަޕޯޓަރުންނަށް އެ ދެ މީހުން މާ ވައްތަރީ ކަމަށް ބުނެ އެވެ.
ފަހުން ތާރާގެ ފޮޓޯ އާއި ވީޑިއޯ އާންމުވުުން ވެސް ބައެއް މީހުން ހީކުރީ ޓޭލާ އިންޑިއާ އަށް ދިޔައީ ކަމަށެވެ.
މުޅިން ތަފާތު އާ "ލުކް" އެއްގައި ތާރާ ހުރީ އޭނާގެ ކުރިއަށް އޮތް ފިލްމު "ހީރޯޕަންތީ 2"ގެ ޕްރޮމޯޝަނަލް އިވެންޓަކަށް ދިއުމަކަށް ތައްޔާރުވެގެންނެވެ.
ތާރާ ބޮލީވުޑަށް ނުކުތީ 2019 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ 2" އިންނެވެ. އޭގެ ފަހުން އޭނާ ފެނުނު ފިލްމަކީ އެ އަހަރުގެ "މަރުޖާވާ" އެވެ.