29 އެޕްރީލް 2022 - 08:45

ބޮލީވުޑްގެ ތަރި އާމިރް ޚާންގެ ކުރިއަށް އޮތް ފިލްމު "ލާލް ސިންގް ޗައްޑާ" ގެ ފުރަތަމަ ލަވަ ނެރެފި އެވެ.
ރޭޑިއޯ ޗެނަލްއެއް މެދުވެރިކޮށް އިއްޔެ ހެނދުނު އާމިރް ނެރެފައި ވަނީ އޭނާގެ ފިލްމުގެ ޓައިޓަލް ލަވަ "ކަހާނީ" އެވެ. މޯހަން ކަންނާ ކިޔާފައިވާ އެ ލަވައިގެ މިއުޒިކް ކޮމްޕޯސް ކުރީ މަޝްހޫރު މިއުޒީޝަން ޕްރިތަމް އެވެ.
ސަޕޯޓަރުން އެންމެ އިންތިޒާރުކުރަމުން އަންނަ އާމިރްގެ ކުރިއަށް އޮތް ފިލްމުގެ ފުރަތަމަ ލަވަ، އޭނާ ދޫކޮށްލިއިރު އެއީ ހަމައެކަނި އޯޑިއޯ ލަވައެކެވެ. އެހެން ފިލްމުތަކާ ހިލާފަށް މޮޅު ރީތި މަންޒަރުތަކެއް ނުފެނު ނަމަވެސް އެ ލަވައާ މެދު ސަޕޯޓަރުން ތިބީ ހިތްހަމަޖެހިފަ އެވެ.
އާމިރް ބުނެފައިވާ ގޮތުގައި އެ ފިލްމުގެ ހުރިހާ ލަވައެއް ވެސް ނެރޭނީ އޯޑިއޯ ފޯމެޓަށް ކަމަށެވެ.
އަންނަ އޮގަސްޓް މަހުގެ 11 ގައި ނެރޭ "ލާލް ސިންގް ޗައްޑާ" ގެ ހާއްސަ ކަމަކީ މިއީ އާމިރްގެ ފިލްމެއްގެ ޓްރެއިލާ އާންމުންނަށް ދޫކޮށްލުމުގެ ކުރިން އެ ފިލްމުގެ ލަވައެއް އާންމުކުރި ފުރަތަމަ ފަހަރަށް ވާތީ އެވެ.
ބެލެވޭ ގޮތުގައި އެ ފިލްމު ރިލީޒްކުރުމުގެ ކުރިން ފިލްމުގެ އެއްވެސް މަންޒަރެއް ދައްކަން އާމިރް ބޭނުން ނުވެ އެވެ.
އާމިރް އެންމެ ފަހުން ފެނުނީ މީގެ ދެ އަހަރު ކުރިން ނެރުނު "ތަގްސް އޮފް ހިންދުސްތާން" އިންނެވެ. އެއީ އާމިރްގެ ކެރިއަރުގައި ވެސް އެންމެ ބޮޑު ފްލޮޕެވެ. އެއާ އެކު ފިލްމު ކުޅުން ހުއްޓާލުމަށް ވެސް އޭނާ ވިސްނި އެވެ. އެކަމަކު އާއިލާގެ މީހުން ވިސްނައިދީގެން އޭނާ ފިލްމުގެ މަސައްކަތްކުރަމުން އަންނައިރު ކުރިއަށް އޮތް ފިލްމަށް ވާނެ ގޮތަކާ މެދު އޭނާ ހުރީ ކަންބޮޑުވެފަ އެވެ.