ޕާކިސްތާނުގެ ހާރިޖީ ވަޒީރުކަމަށް ބުއްޓޫގެ ދަރިކަލުން
ޕާކިސްތާނުގެ ހާރިޖީ ވަޒީރުކަމަށް ބުއްޓޫގެ ދަރިކަލުން

ޕާކިސްތާނުގެ އާ ހާރިޖީ ވަޒީރުގެ މަގާމަށް އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫގެ ދޮށީ ދަރިކަލުން، ބިލާވާލް ބުއްޓޫ-ޒަރްދާރީ އިއްޔެ އައްޔަންކޮށްފި އެވެ.

ޕާކިސްތާނުގެ ހާރިޖީ ވަޒީރުކަމަށް ބުއްޓޫގެ ދަރިކަލުން
ޕާކިސްތާނުގެ ހާރިޖީ ވަޒީރުކަމަށް ބުއްޓޫގެ ދަރިކަލުން

އުމުރުން އެންމެ 33 އަހަރުގެ ބިލާވާލް އަކީ މިވަގުތު ދުނިޔޭގެ ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ ތެރެއިން އެންމެ ހަގު ބޭފުޅާ އެވެ. އުމުރުން ހަގު ނަމަވެސް، އާއިލީ ތަޖުރިބާގެ ތެރެއިން ބިލާވާލްއަކީ ހާރިޖީ ދާއިރާ އަށް އާ ބޭފުޅަކަށް ނުވާނެ އެވެ.

ޕާކިސްތާން ޕީޕަލްސް ޕާޓީގެ ވެރިޔާގެ މަގާމުގައި ވެސް ހުންނެވި ބިލާވާލް ވިދާޅުވި ގޮތުގައި ޕާކިސްތާނުގެ ހާރިޖީ ވަޒީރުކަމުގެ މަގާމަށް އޭނާ އައްޔަންކުރެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް މަތިވެރި ޝަރަފެކެވެ. އަދި ޕާކިސްތާނަށް މިވަގުތު ކުރިމަތިވެފައިވާ އިގްތިސާދީ އަދި ސިޔާސީ މައްސަލަތައް ހައްލުކޮށް، ގައުމުގައި އަލުން ޑިމޮކްރެސީ އާލާކުރުމަށް އޭނާ އާއި އޭނާގެ ޕާޓީން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޕާޓީގެ ލީޑަރުގެ މަގާމު ބިލާވާލް އަށް ލިބިވަޑައިގަތީ، މަންމާފުޅު އަވަހާރަކޮށްލި ހާދިސާ އަށް ފަހުގަ އެވެ. އެ ހާދިސާ ހިނގި އިރު އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީގައި ތައުލީމް ހާސިލް ކުރައްވަން ހުންނެވި ބިލާވާލްގެ އުމުރުން އެންމެ 19 އަހަރެވެ.

ވާދަވެރި ޕާކިސްތާން މުސްލިމް ލިގް އެން ޕާޓީގެ ބޮޑުވަޒީރެއްގެ ސަރުކާރުގައި ބިލާވާލް އަށް މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވޭނީ ކިހާ ދުވަހަކުތޯ، ޕާކިސްތާނުގެ ސިޔާސީ މަސްރަހުގައި މިހާރު ދަނީ ސުވަލު އުފައްދަމުންނެވެ. ބައެއް ނޫސްތަކުން ބުނާ ގޮތުގައި ބިލާވާލަކީ މިހާތަނަށް އަޖުމަ ނުބެލި ހުރި މިސައިލެކެވެ.

ބިލާވާލްގެ ގާބިލްކަމާ މެދު އެއްޗެއް ބުނަން އަދި މާ އަވަސް ކަމަށާއި، ނަމަވެސް ޕާކިސްތާނުގައި ހައްލުކުރަންޖެހިފައިވާ މައްސަލަތައް ފުނި ޖެހިފައި ހުރި އިރު، ހާރިޖީ ދާއިރާގެ ނުތަނަވަސްކަން ވެސް ވަކިން ކުޑަ ނޫން ކަމަށް ބައެއް ނޫސްތަކުން ބުނެ އެވެ.

އެހެން ބައެއް ނޫސްތަކުން ބުނާ ގޮތުގައި ބިލާވާލަކީ މިހާރު އެ ގައުމުގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ވުރެ ވިސްނުން ތޫނު އަދި ހިންގުންތެރިކަމުގެ ގާބިލްކަން ވެސް ހުރި ބޭފުޅެކެވެ.

މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުގައި، ބޮޑުވަޒީރު ޝާހްބާޒް ޝަރީފްގެ އަރިހުގައި މިއަދު ސައުދީ އަށް ވަޑައިގަންނަވާނެ އެވެ. ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް އިތުބާރު ނެތް ކަމަށް ގާނޫނު ހަދާ މަޖިލީހުން ފާސްކުރުމަށް ފަހު، އަލަށް އެ މަގާމާ ހަވާލުވެވަޑައިގެންނެވި ޝާހްބާޒް ވަނީ 41 މެމްބަރުންގެ މައްޗަށް ހިމެނޭ ކެބިނެޓެއް އެކުލަވައިލައްވައިފަ އެވެ.

ބޮޑުވަޒީރު ޝާހްބާޒް ޝަރީފް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތެއްގައި، ބިލާވާލް ބުއްޓޫ އަށް ހާރިޖީ ވަޒީރުގެ މަގާމުގެ ހުވައި ލައިދެއްވީ ޕާކިސްތާނުގެ ރައީސް އާރިފް އަލްވީ އެވެ. ބިލާވާލްގެ މަންމާފުޅު ބޭނަޒީރު އަވަހާރަކޮށްލީ، އިންތިހާބަށް ތާއީދު ހޯދުމަށް ބޭއްވި ކެމްޕޭން އެއްވުމެއްގައި އުޅުއްވަނިކޮށް ބަޔަކު ދިން ބޮމުގެ ހަމަލާއެއްގަ އެވެ. ބިލާވާލްގެ ކާފާފުޅު އަދި ހާރިޖީ ވަޒީރު ކަމާއި ބޮޑުވަޒީރުކަން ވެސް ކުރެއްވި ޒުލްފިގާރު އަލީ ބުއްޓޫ އަވަހާރަކޮށްލާފައިވަނީ، ޕާކިސްތާނު ސިފައިން ގެނައި އަސްކަރީ އިންގިލާބަކަށް ފަހު، ކޯޓު ހުކުމެއްގެ ދަށުން ދަންޖައްސައިގެންނެވެ.