28 އެޕްރީލް 2022 - 13:44

ދައުލަތުގެ ބަޖެޓުން 98.3 މިލިއަން ރުފިޔާ ހަރަދުކޮށްގެން، ގއ. ވިލިނގިލީގެ މަގުތަކުގައި ތާރު އަޅަން އާރްޑީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) އެވެ.
އެ ރަސްމިއްޔާތުގައި ވިލިނގިލީ ދާއިރާގެ މަޖިލިސް މެމްބަރު ސައުދު ހުސެއިން ވެސް ބައިވެރިވެވަޑައިގަތެވެ.
- ފަސް ކިލޯމީޓަރުގެ މަގުގައި ތާރުއެޅުން.
- މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކުރުން.
- މަގުތަކުގައި މަގުބައްތި ޖެހުން.
- ތާރު އަޅައިގެން ހަދާފައިވާ މަގުތައް ރީސާފޭސްކުރުން.
އާރްޑީސީއާ އެ މަސައްކަތް ހަވާލުކުރީ އެއް އަހަރާއި ތިން މަސް ދުވަހުގެ (490 ދުވަހުގެ) ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.
ތާރު އެޅުމަށް މިހާރު ވެސް 22 ރަށެއްގައި ކޮންޓްރެކްޓް ހަދާފައިވެ އެވެ. އަދި އިތުރު 19 ރަށެއްގައި އެ މަސައްކަތް ކުރުމަށް ޕްލޭން ކޮށްފައިވެ އެވެ.