28 އެޕްރީލް 2022 - 17:09

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، އެ އެސޯސިއޭޝަނުން އެއްވެސް މުސާރައެއް އަދި އިނާޔަތެއް ނުނަންގަވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.
އެފްއޭއެމްގެ މުވައްޒަފުންނާއި އެކްސްކޯ މެންބަރުންނަށް ދޭ މުސާރަ އާއި އިނާޔަތުގެ ތަފްސީލް ހޯދަން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އަހްމަދު އައިމަން ލަތީފް (ޕިކޯ) ހުށަހެޅުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ލިޔުމުން ދިން ޖަވާބުގައި އެފްއޭއެމުން ބުނެފައި ވަނީ ބައްސާމަކީ އެކްސްކޯ މެންބަރެއް ކަމަށް ވާތީ މުސާރައެއް އަދި އިނާޔަތެއް ވެސް ނުނަންގަވާ ކަމަށެވެ.
"އެފްއޭއެމްގެ ރައީސަކީ އެކްސްކޯ މެންބަރުގެތެރޭ ހިމެނޭ ފަރާތަކަށް ވާތީ އެއްވެސް އެލަވަންސެށް ނުވަތަ އުޖޫރައެއް އެ ފަރާތްތަކަށް [އެކްސްކޯ މެންބަރުންނަށް] ލިބެމުން ނުދާތީ، ފޯރުކޮށްދެވިފައިވާ މުސާރަ ޝީޓްގައި އެ ވަނީ އެފަރާތްތަށް ނުހިމަނައެވެ." ސިޓީގައި ބުނެފައިވެ އެވެ.
ފީފާ ނުވަތަ އޭއެފްސީން ވެސް އަދި ޔޫތު މިނިސްޓްރީން ވެސް އެފްއޭއެމްގެ ރައީސަށް މުސާރައެއް ނުދެ އެވެ.
އެކްސްކޯ މެންބަރުންނަށް މުސާރަ އާއި އިނާޔަތްތައް ނުދޭ ކަމަށް ސިޓީގައި ބުނެފައި ވިޔަސް، ސިޓީއާ އެކު ހިމަނާފައިވާ މުސާރަ ލިސްޓްގައި، އެކްސްކޯ މެންބަރު އައިމިނަތު ޝާނީޒްގެ ނަން އޮތެވެ.
އެފްއޭއެމްގެ ވިމެން ޑިޕާޓްމެންޓްގެ ހެޑްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޝާނީޒަށް މުސާރައިގެ ގޮތުގައި 7،000ރ. އަދި އިނާޔަތުގެ ގޮތުގައި 18،000ރ. ދޭކަމަށް އެފްއޭއެމްގެ މުސާރަ ލިސްޓްގައި ބުނެފައިވެ އެވެ.