28 އެޕްރީލް 2022 - 14:18

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި ބިރު ދެއްކުމާއި ނުފޫޒު ފޯރުވުމުގެ އަމަލުތައް ހިނގަމުންދާ ކަމަށް ހުށަހެޅި ޝަކުވާތައް ސައްހަ ކަމަށް ޕާޓީން ބަލައިގަނެފައިވާ ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) މިއަދު ވިދާޅުވެއްޖެ އެވެ.
އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ސްޕޯކްސްޕާސަން ވައްޑެ ބޭއްވި ނިއުސް ކޮންފަރެންސެއްގައި އޭނާ ވިދާޅުވީ، އިންތިހާބާ ގުޅޭ ގޮތުން ހުށަހެޅި ޝަކުވާތައް އިންތިހާބީ ކޮމިޓީން ބަލައި ޖަވާބު ދީފައިވާ ކަމަށެވެ. އެއީ ހަގީގަތްތަކެއް އެކުލެވޭ ޝަކުވާތަކެއް ކަން ޕާޓީން ބަލައިގެންފައިވާ ކަން ޖަވާބުތަކުން ސާފުވާ ކަމަށް ވިދާޅުވި އެވެ.
"ނުފޫޒު ފޯރުވުމުގެ ކަންތައްތަކެއް އެބަ ހިނގާކަން ބަލައިގެންފައި މި އޮތީ،" ވައްޑެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ކަންކަން ހިނގަން އަދި ކޮމިޓީގެ މި ނިންމުމަށް ވެސް ފިޔަވަޅު ނާޅައި ދުލެއް ނުކޮށްލާނެ އެވެ.
ވައްޑެ ވިދާޅުވީ އަދިވެސް މިފަދަ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. ބައެއް މީހުން މަގާމުގެ މަސްއޫލިއްޔަތުން ކުއްލިއަކަށް އެކަހެރިކުރަމުންދާ ކަމަށާއި އެކަމުގެ ކަންބޮޑުވުން ވެސް އެބައޮތް ކަމަށެވެ.
ދައުލަތުގެ ވަސީލަތްތައް ބޭނުން ނުކުރުމަށާއި ކުންފުނިތަކުން ޒިންމާ އަދާކުރުން ހުއްޓާލައި ކެމްޕޭން ނުކުރުމަށާއި ކުއްލިއަކަށް ވަޒީފާތައް އުފެއްދުމާއި މީހުން ވަޒީފާ އިން ވަކިކުރުން ފަދަ ކަންކަން ނުކުރުމަށް ވައްޑެ ގޮވާލެއްވި އެވެ.
އިންތިހާބާ ބެހޭ ކޮމިޓީން ނިންމި ބައެއް މައްސަލަތަކުގެ ތަފްސީލްތައް އިންތިގެ ކެމްޕޭން ޓީމުން މިއަދު އާއްމުކުރި އެވެ. އޭގެ ތެރޭގައި ގދ. ގައްދޫ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހުގެ މެނޭޖަރު ކަމުގެ މަގާމުގައި ހުންނެވި އިލްހާމް ރަޝީދު، އިންތިގެ ކެމްޕޭންގެ ހަރަކާތެއްގައި ބައިވެރި ނުވާން އެ ކުންފުނީގެ މުވައްޒަފެއް ކަމަށްވާ އާމިރު އަބްދުﷲ އަށް އަންގައި މަގާމުގެ ނުފޫޒުން ބިރު ދެއްކި ކަމަށް ބުނާ މައްސަލަ ހިމެނެ އެވެ.
ކޮމިޓީން މި މައްސަލަ ނިންމައި ދިން ޖަވާބުގައި ވަނީ ޕާޓީގެ މަގާމުތަކަށް މީހުން ހޮވަން ބާއްވާ އިންތިހާބުގައި އެ މެމްބަރަކު ތާއީދުކުރާ ކެންޑިޑޭޓަކަށް ތާއީދު ހޯދުމުގެ މަސައްކަތް ކުރުމުގެ އިހްތިޔާރު ލިބިގެންވާ ކަމަށެވެ. އިލްހާމްއާ ދެކޮޅަށް ހުށަހެޅި މައްސަލަ ބެލިއިރު، ވަޒީފާގެ ބިރު އޮތް ކަމަށް އާމިރުއަށް ގަބޫލުކުރެވިފައިވާ ކަން ފާހަގަކުރެވޭ ކަމަށެވެ.
ހުށަހެޅި އޯޑިއޯ އަށް ބަލައި ކޮމިޓީން ނިންމީ އިލްހާމް ނުފޫޒުގެ ބޭނުން ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ބ. ފެހެންދޫ ފެނަކަ މުވައްޒަފެއް ކަމަށްވާ އަހްމަދު ޝަބީރު އަބްދުއް ސަމަދު ވަޒީފާއިން ސަސްޕެންޑްކުރި ކަމަށް ބުނާ މައްސަލައިގައި ކޮމިޓީން ބުނެފައި ވަނީ "މީހުންނަށް ވަޒީފާ ދިނުމާއި ފިޔަވަޅު އެޅުމާއި އެ ނޫން ވެސް ވަޒީފާއާ ގުޅުން ހުރި ކަންކަން ކުރުމުގައި އެކަމަށް އެކަށައަޅާފައިވާ ގާނޫނުގެ ތެރެއިން އަމަލުކުރުމަކީ މުހިއްމު ކަމެއް ކަން ފާހަގަކުރާ" ކަމަށެވެ.
އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ކެމްޕޭނުން ގއ. ނިލަންދޫ ފެނަކަ އޮފީހުގައި ކެމްޕޭން ބައްދަލުވުމެއް ބާއްވާފައިވާ މައްސަލަ ވެސް ކޮމިޓީއަށް ހުށަހެޅި އެވެ.
ކޮމިޓީގެ ނިންމުމުގައި ބުނެފައި ވަނީ ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރުމުގައި ވަކި ފަރުދަކަށް ފައިދާއެއް ނުވަތަ މަންފާއެއް ހޯދައިދިނުމަށް ބޭނުންކުރާ ކަން ދުރުން ބަލަން ތިބީ އާއްމު ރައްޔިތުންނަށް ގަބޫލުކުރެވޭ ފަދަ ގޮތަކަށް އަމަލުކުރުމަކީ ޕާޓީއަށް ރައްޔިތުން ކުރާ ތާއީދާއި އިތުބާރު ހީނަރުވެގެންދާނެ ކަމެއް ކަމަށެވެ.
"އެހެންކަމުން އެފަދަ އަމަލުތަކުން ވީހާވެސް މިންވަރަކަށް ދުރުހެލިވެ ތިބުމަކީ މުހިއްމު ކަމެކެވެ،" ނިންމުމުގައިވެ އެވެ.
ނ. އަތޮޅަށް މިނިސްޓަރު ފައްޔާޒް ކުރެއްވި ކެމްޕޭން ދަތުރެއްގައި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުން ރަސްމީ ހެދުމުގައި ބައިވެރިވެވަޑައިގަތުމަށް ލައުޑް ސްޕީކަރުން ގޮވި ކަމުގެ ޝަކުވާއަށް ކޮމިޓީގެ ޖަވާބުގައި ބުނީ އެމްޑީޕީގެ މިނިސްޓަރުން ރަށްރަށަށް ކުރާ ޒިޔާރަތުގައި ޕާޓީގެ މެމްބަރުންނަށް ދައުވަތު ދިނުމަކީ މައްސަލައެއް ނޫން ކަމަށެވެ. ވަޑައިގަންނަވަނީ މިނިސްޓަރެއްގެ ހައިސިއްޔަތުން ނޫން ކަމުގައި ވިޔަސް އެ ފަދަ ފުރުސަތަކީ މެމްބަރުންގެ ކަންބޮޑުވުންތައް ހިސާކުރަން ލިބޭ ފުރުސަތަކަށް ވާނެ ކަމަށެވެ.
"ހުށަހަޅާފައިވާ މައްސަލައަށް ބަލާއިރު މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަޑައިގަތީ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާފައިވާތީ ތާއީދު ހޯދުމަށް ކަމަށް މީހުންނަށް މީހުންނަށް ބެލުމުގެ ފުރުސަތު އޮތް ނަމަވެސް މިނިސްޓަރާ ބައްދަލުކުރަން ޕާޓީގެ މެމްބަރުންނަށް ދައުވަތު ދިނުމަކީ ނުރަނގަޅު ނުފޫޒެއް ކަމަށް ނުފެނެ އެވެ،" ކޮމިޓީން ބުންޏެވެ.
ރަށްރަށުގައި ތިބޭ މެމްބަރުންނަށް މިނިސްޓަރުންނާ ބައްދަލުކުރަން ލިބެނީ މަދު ފުރުސަތަކަށް ވާތީ އެ ފުރުސަތު އެންމެހާ މެމްބަރުންނަސް ހުޅުވާލުމަކީ މުހިއްމު ކަމެއް ކަމަށް ދެކޭ ކަމަށް ވެސް ކޮމިޓީގެ ނިންމުމުގައިވެ އެވެ.
"އެހެން ނަމަވެސް ކެމްޕޭންގެ ހަމަހަމަ އުސޫލަކީ އަދި ރިވެތި އުސޫލަކީ ދެން ހުރި ކެންޑިޑޭޓު ވެސް މި ރަށަށް ކެމްޕެއިން ދަތުރެއްގައި ވަޑައިގަންނަވާ ނަމަ އެ ފަރާތާ ބައްދަލުކުރުމަށް ވެސް ޕާޓީގެ މެމްބަރުންނަށް ދައުވަތު ދިނުންކަން ފާހަގަކުރަމެވެ،" ނިންމުމުގައި ވެ އެވެ.