އެންޑްރޫ ގާފީލްޑް ވަރުބަލިވެއްޖެ؛ ބްރޭކެއް ނަގަނީ
އެންޑްރޫ ގާފީލްޑް ވަރުބަލިވެއްޖެ؛ ބްރޭކެއް ނަގަނީ

މާވެލްގެ ސްޕައިޑާމޭންގެ ރޯލުން މަޝްހޫރުވި އެމެރިކާގެ އެކްޓަރު އެންޑްރޫ ގާފީލްޑް އެކްޓިން އިން ބްރޭކެއް ނަގަން ނިންމައިފި އެވެ.

އުމުރުން 38 އަހަރުގެ އެކްޓަރަށް ފާއިތުވި ތިން އަހަރަކީ ވަރަށް ބިޒީ އަހަރުތަކެކެވެ. މިދިޔަ އަހަރު ބޮކްސް އޮފީހުގައި ވެސް އެންމެ ބޮޑު އާމްދަނީ އެއް ލިބުނު "ސްޕައިޑާމޭން: ނޯ ވޭ ހޯމް"ގެ އިތުރުން ތަފާތު އެކި ފިލްމުތަކުން އޭނާ ފެނިފައިވެ އެވެ.

އޭގެ އިތުރުން މި އަހަރު ވެސް އޭނާގެ ތިން ފިލްމެއް ނެރުމަށް ހަމަޖެހިފައިވާއިރު، މިހާރު ވެސް އޭނާ ލީޑުން ފެންނަ ޓީވީ ޝޯ "އަންޑާ ދަ ބެނާ" އަންނަނީ ދައްކަމުންނެވެ. މިއީ އެމެރިކާގެ ޓީވީ ޝޯއަކުން އޭނާ ފެންނާނެ ފުރަތަމަ ފަހަރެވެ.

އެންޑްރޫ ބުނެފައި ވަނީ ގިނަ ޕްރޮޖެކްޓުތަކެއްގައި އުޅުމުގެ ސަބަބުން އަމިއްލަ ނަފުސަށް ވަގުތު ނުދެވޭ ކަމަށެވެ. އެއް ޕްރޮޖެކްޓުން އަނެއް ޕްރޮޖެކްޓަށް މަސައްކަތް ކުރަމުން ދިޔައިރު، ހިންދަމާލަން ވެސް ވަގުތު ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

އެހެންވެ، އެކްޓިންއާ ދުރަށް ޖެހިލަން ނިންމާފައި ވަނީ އަމިއްލަ ނަފުސަށް ވަގުތު ދޭން ކަމަށް ބުންޏެވެ.

އެންޑްރޫ އެކްޓިންގެ ތެރެއަށް ވަނީ 2007 ވަނަ އަހަރުގަ އެވެ. އުމުރުން 24 އަހަރުގައި އޭނާ އެކްޓިން ދާއިރާ އަށް ނިކުތީ އިނގިރޭސިވިލާތު ފިލްމެއް ކަމަށްވާ "ލަޔަންސް ފޮ ލޭމްބް" އިންނެވެ.