އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އިތުރު ރެކްތަކެއް ކުއްޔަށް ދޫކުރަނީ
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އިތުރު ރެކްތަކެއް ކުއްޔަށް ދޫކުރަނީ

އެސްޓީއޯ ‏ޕީޕަލްސް ޗޮއިސްގެ އިތުރު ރެކްތަކަކާއި އަދި ރެކްގެ ހަރުފަތް ކުއްޔަށް ހިފަން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލައިފި އެވެ.

އެ ތަނުގައި އަމިއްލަ މުދާ ވިއްކަން ބޭނުންވާ ފަރާތްތަކަށް އިތުރު ރެކްތަކަކާއި ރެކްގެ ހަރުފަތްތައް ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ މިއަދު އެވެ.

އެސްޓީއޯ ޕީޕަލް ޗޮއިސް މަރާމާތު ކުރުމަށްފަހު ބޮޑެތި ބަދަލުތަކަކާ އެކު އަލުން ހުޅުވީ އެ ތަނުގައި އެހެން ވިޔަފާރިތަކުގެ މުދާ އެ ތަނުގައި ވިއްކަން ބެހެއްޓޭ ގޮތަށެވެ. އެއާއެކު އަމިއްލަ ނުވަ ވިޔަފާރިއަކާ އެކު އެއްބަސްވުން ހަދައި އަންނަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ.

އެސްޓީއޯއިން ބުނީ ރެކް އަދި ރެކްގެ ހަރުފަތްތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން sto.mv އިން ރެކް ވެންޑާ ފޯމު ޑައުންލޯޑްކޮށް، ފުރިހަމަ ކުރުމަށް ފަހު[email protected]އަށް ސަބްމިޓް ކުރުމަށެވެ.

އެ އަށް ފަހު އެސްޓީއޯ އިން ރެކް އަދި ރެކްގެ ހަރުފަތް ކުއްޔަށް ދޫކުރާނެ އަދި ކުއްޔަށް ދޭ ފަރާތްތައް ނަގާނެ ގޮތުގެ މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ. ކުއްޔަށް ދޫކުރާ ރެކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ވިޔަފާރި ފެށުމުގެ ފުރުސަތު އެ ފަރާތަކަށް ލިބޭނެ ކަމަށެވެ.

އެސްޓީއޯއިން ބުނީ ރެކް އަދި ރެކްގެ ހަރުފަތް ކުއްޔަށް ދޫކުރާނީ އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި އެކި ރެކްތަކާއި ހަރުފަތްތައް އުޅޭނީ އެކި އަގުގައި ކަމަށާއި އަގު ބިނާވާނީ އެ ފަރާތަކުން ހިޔާރުކުރާ އައިޓަމެއްގެ ގޮތުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެކަމާބެހޭ އިތުރު މައުލޫމާތު 1422 އަށް ގުޅުއްވުމުން ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް އިމާރާތަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ބޮޑު ހައިޕަ މާކެޓަކަށް މިދިޔަ މަހުގެ 29 އިން ފެށިގެން ވަނީ ބަދަލުކޮށްފަ އެވެ. އަދި އެ ތަނުގައި އަމިއްލަ ބައެއް މީސްމީހުންނަށް ވެސް ވިޔަފާރިކުރުމުގެ ފުރުސަތު ދީފަ އެވެ.