28 އެޕްރީލް 2022 - 10:55

ރާއްޖެ އާއި އިންޑިއާ ދެމެދު ޕާލިމެންޓަރީ ފްރެންޑްޝިޕް ގްރޫޕެއް އެކުލަވައިލާނެ ކަމަށް އިންޑިއާގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އޯމް ބިރްލާ ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގެ ތެރެއިންނެވެ.
ރާއްޖޭގެ މަޖިލީހުގައި މިހާރު ވެސް އިންޑިއާ-މޯލްޑިވްސް ފްރެންޑްޝިޕް ގްރޫޕެއް އޮވެ އެވެ. މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ވަނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ގްރޫޕެއް ވެސް އެކުލަވާލައިފަ އެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްއާ ހަވާލާދީ އެ ގައުމުގެ ނޫހެއްގައި ބުނެފައި ވަނީ ދެ ގައުމުގެ މަޖިލީހުގެ ދެމެދުގައި ޕާލިމެންޓަރީ ޑިޕްލޮމަސީީގެ ރޮނގުން އަބަދުވެސް މަޝްވަރާ އާއި އެއްބާރުލުން އޮންނަން ޖެހޭނެ ކަމަށެވެ. އަދި ދެ މަޖިލީހުގެ ގުޅުން އިތުރަށް ބަދަހިކޮށް މަޝްވަރާކުރުމަށްޓަކައި ރާއްޖޭގެ މަޖިލީހުގެ ފޮރިން ރިލޭޝަން ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީގެ މެމްބަރުން އިންޑިއާގެ މަޖިލީހަށް ވަޑައިގަތުމަށް ބިރްލާ ވަނީ ދައުވަތު ދެއްވައިފަ އެވެ.
ޑިޖިޓަލައިޒޭޝަނާއި އާކައިވްސް އަދި ލެޖިސްލޭޓިވް ޑްރާފްޓިންގެ ދާއިރާއާ ގުޅޭ ގޮތުން އިންޑިއާ އާއި ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހާ ދެމެދު ވެފައިވާ އެއްބަސްވުން ކާމިޔާބުކަމާ އެކު ތަންފީޒު ކުރަމުން އަންނަ ކަމަށް ވިދާޅުވެ ބިރްލާ ވަނީ އެކަމަށް ތައުރީފް ކުރައްވައިފަ އެވެ.
އަދި ވިދާޅުވީ އެފަދަ އެއްބަސްވުންތައް ގާއިމް ކުރުމުގެ ސަބަބުން މަޖިލީހުގެ ގާބިލް ކަން އިތުރުވެގެން ދާނެ ކަމަށާއި ކުރިޔަށް އޮތްތަނުގައި މަޖިލިސް މެމްބަރުންނާއި މަޖިލީހުގެ މުއައްޒަފުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް ވެސް ކުރިޔަށް ގެންދަވާނެ ކަމަށެވެ.