ގެއްލުނު ރަޝިޔާގެ ބޯޓު ވަނީ ކަނޑަށް ވެއްޓިފައި
ގެއްލުނު ރަޝިޔާގެ ބޯޓު ވަނީ ކަނޑަށް ވެއްޓިފައި

މޮސްކޯ (ޑިސެމްބަރު 25) - ރަޝިޔާގެ ރިސޯޓެއް ކަމަށްވާ ސޮޗީ އިން 91 މީހުންނާ އެކު ފުރި އަސްކަރީ މަތިންދާ ބޯޓު ބްލެކްސީ އަށް ވެއްޓިފައިވާ ކަމަށް މީޑިއާތަކުން ޚަބަރުދީފި އެވެ.

ރަޝިޔާގެ އިމަޖެންސީ މިނިސްޓްރީގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ބުނީ ޓީޔޫ-154 މަރުކާގެ މަތިންދާ ބޯޓު ގެއްލުނީ ފުރިތާ 20 މިނިޓް ފަހުން ކަމަށެވެ. ޑިފެންސް މިނިސްޓްރީން ބުނީ ބޯޓުގައި ތިބީ ސިފައިންގެ މިއުޒިކް ބޭންޑެއްގެ މެންބަރުންނާއި ނޫސްވެރިން ކަމަށެވެ. ބޯޓު ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ ސީރިއާގެ ލަޓަކިއާ ޕްރޮވިންސަށެވެ.

ރަޝިޔާގެ ދިފާއީ ވުޒާރާގެ ތަރުޖަމާނަކު ބުނީ ބޯޓުން ދަތުރުކުރި މިއުޒިކް ބޭންޑަކީ ސީރިއާގައި ތިބޭ ރަޝިޔާ ސިފައިންނަށް އާ އަހަރުގެ ޝޯދޭން ދިޔަ ބައެއް ކަމަށެވެ. ސީރިއާގެ ރައީސް ބައްޝާރުލް އަސަދާ ގުޅުން އޮންނަ ރަޝިޔާ އިން ދަނީ ސީރިއާގައި ދޭ ވައިގެ ހަމަލާތަކުގައި ބައިވެރިވަމުންނެވެ.

ނިއުސް އެޖެންސީތަކުން ބުނި ގޮތުގައި ރެސްކިއު ޓީމުތަކުން ވަނީ ބޯޓުގެ ބައިތައް ބްލެކް ސީން ހޯދައިފަ އެވެ.