27 އެޕްރީލް 2022 - 19:46

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ގާތް ގުޅުމެއް އޮންނަ ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވެސް ޗެއާޕާސަންގެ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.
ވާދަވެރި އިންތިހާބުގައި ޗެއާޕާސަން ކަމަށް އޭނާ ހޮއްވަވަން ބޭނުން ވަނީ ފައްޔާޒްކަން ނަސީމް ހާމަކުރެއްވި އިރު، ނަޝީދު ގެންދަވަނީ އެ މަގާމަށް އެމަނިކުފާނުގެ ތާއީދު އޮތް އިމްތިޔާޒް ފަހުމީ (އިންތި) އިންތިހާބު ކުރުމަށް ނުސީދާކޮށް ކެމްޕޭން ކުރައްވަމުންނެވެ.
އަންނަ މަހު 14 ގައި ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ފައްޔާޒަށް ތާއީދުކުރައްވާކަން ނަސީމް ހާމަކުރެއްވީ އޭނާއާ އެކު ނަގާފައިވާ ފޮޓޯއެއް ޓުވީޓް ކުރައްވަ އެވެ.
"ފަޔާޒަށް ކާމިޔާބަށް އެދެން،" އެ ޓުވީޓްގައި ނަސީމް ލިޔުއްވި އެވެ.
ފައްޔާޒުގެ ކެމްޕެއިން ޕޯސްޓަރުތަކެއްގެ ކުރިމަތީގައި ނަންގަވާފާއިވާ އެ ފޮޓޯގައި ދެބޭފުޅުން ވެސް ތިއްބެވީ ފައްޔާޒުގެ ކެންޑިޑޭޓް ނަންބަރު ކަމަށްވާ ދޭއް، އިނގިލީގެ އިޝާރާތުން ދައްކަވައިގެންނެވެ.
ފައްޔާޒަށް ތާއީދު ކުރައްވާނެ ކަން ނަސީމް ހާމަކުރެއްވި އިރު އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓެއް ކަނޑައެޅުމުގެ ޕްރައިމަރީގައި ނަޝީދު ވާދަކުރައްވާނެ ކަމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އިއްޔެ ވިދާޅުވެފައިވެ އެވެ.
އެމްޑީޕީގެ ވެރިކަމެއް މިހާރު އޮތް ނަމަވެސް އެ ޕާޓީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދި ހަމަނުޖެހުން ވަނީ ބޮޑުވެފަ އެވެ. އެއްބަޔަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅުގައި އަނެއް ބަޔަކު ތިބީ ނަޝީދާ އެކު އެވެ.