28 އެޕްރީލް 2022 - 08:15

މިފްކޯއިން ބޭރުކުރާ މަސް ރާއްޖެއިން ބޭރުކުރުމުގެ މަސައްކަތް، އެ ކުންފުނިން އަލަށް ގެނައި 2500 ޓަނުގެ ރީފާ ވެސަލް "ޖަޒީރާ ރީފާ" ފަށައިފި އެވެ.

މިފްކޯ އިން ގަންނަ މަސް އެ ބޯޓުގައި ބޭރުކުރަން ފެށީ މި މަހުގެ 26ގަ އެވެ.

މިފްކޯ އިން ބުނި ގޮތުގައި އެ ބޯޓުގައި މަސް ރައްކާ ކުރަނީ، އީޔޫ އާއި އައިއޯޓީސީގެ މިިންގަނޑަށް ފެތޭ ގޮތަށެވެ. ބޯޓުން މަސް ގެންދާނީ ތައިލެންޑަށެވެ.
މިފްކޯގެ އެންމެ ބޮޑު އަޒުމަކީ މަސް ގަނެވޭ މިންވަރު އިތުރުކޮށް އެ މަހަށް ދުނިޔޭގެ ބާޒާރުން ލިބޭ އެންމެ ރަނގަޅު އަގު ހޯދައި، ދިވެހި މަސްވެރިންނަށް އޭގެ މަންފާ ހޯދައިދިނުން ކަމަށް މިފްކޯ އިން ބުންޏެވެ.
މިހާތަނަށް 24 ޓަނުގެ މަސްގަނެފައި ވާއިރު، މަސް އެކްސްޕޯޓު ކުރަން ބޭރުން ޗާޓަރު ކޮށްގެން ހަތް ރީފާ ވެސެލް ގެނެސްފައި ވެއެވެ.
ޖަޒީރާ ރީފާގެ ދަތުރުތަކާއެކު މިފްކޯ އިން މަސް އެކްސްޕޯޓް ކުރުމުގެ މަސައްކަތް އަވަސްވެ، ހަރަދު ކުޑަވާނެ ކަމަށް އެ ކުންފުނިިން ބުންޏެވެ.
މި ބޯޓު ބޭނުން ކުރާނީ މަސް އެކްޕޯޓް ކުރުމަށާއި ސްޓޯރޭޖެއްގެ ގޮތުގައެވެ.
މިފްކޯ އިން މަސްވެރިކަމުގެ ސިނާޔަތް ތަރައްގީ ކުރުމަށް ދެވޭ ހިދުމަތްތައް އަންނަނީ ފުޅާކޮށް އިތުރަށް ފަސޭހަ ކޮށްދެމުންނެވެ. އޭގެ ތެރޭގައި އިތުރު މާކެޓުތަކަށް މަސް އެކްސްޕޯޓު ކުރުން ހިމެނެ އެވެ.
ދެކުނު މަސްވެރިކަން މީގެ ދެ މަހެއްހާ ދުވަސް ކުރިން ރަނގަޅުވި ގޮތަށް، އެ ހިސާބުގެ މަސްވެރިކަން އަދިވެސް ވަނީ އެއްވަރެއްގައި ހިފަހައްޓައި ލެވިފައި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މަސް ގަނޑުކުރާ ފެސިލިޓީ ތަރައްގީ ކުރުމުގެ މަޝްރޫއެއް ސަރުކާރުން ކުރިއަށް ގެންދާ ކަމަށް ވެސް މިފްކޯ އިން ބުންޏެވެ. އަދި މިފްކޯގެ ސްޓޯރޭޖް ފެސިލިޓީތައް ތަރައްގީ ކުރުމަށް އިތުރު 9500 ޓަނުގެ ސްޓޯރޭޖު އެޅުމާއި ފެލިވަރު ކޭނަރީ ފެސިލިޓީތައް ގާއިމުކޮށް އަޕްގްރޭޑް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.